ބޮލީވުޑް

ކަޕިލް ޝަރުމާ ވެބް ސީރީޒެއް ކުޅެދޭ އަގު އެނގޭތަ؟

ކަޕިލް ޝަރުމާއަކީ އިންޑިޔާގައި މިހާރު ހުރި އެންމެ މަޝްހޫރު ކޮމޭޑިއަން އެވެ. ކޮމެޑީ ޝޯ ހޯސްޓް ކުރުމުގެ އިތުރުން ކަޕިލް ވަނީ ބައެއް ހިންދީ ފިލްމުތަކުގައި ބަތަލުގެ ބައި ވެސް ކުޅެފަ އެވެ. އަދި ވަރަށް އަވަހަށް އޭނާ ވެބް ސީރީޒް އެއްގެ މަސައްކަތް ފަށަން ވަނީ ހަމަޖެހިފަ އެވެ.

މި ވެބް ސީރީޒް އާ ގުޅޭ މާ ގިނަ މައުލޫމާތު އަދި ނޭނގުނު ނަމަވެސް އެންމެ ފަހުން ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ" ކޮންމެވެސް ވަރަކަށް މި ސީރީޒްގެ ވާހަކަ ޖޯކަކަށް ހަދާފައި ނަމަވެސް ޝޯގެ ބައިވެރިން ދައްކާފައި ވެއެވެ.
ކަޕިލްގެ ޝޯގައި ސަޕްނާގެ ރޯލު އަދާކުރާ ކްރުޝްނާ އަބީޝެކް ވަނީ މި ވެބް ސީރީޒް އާގުޅޭ ވަރަށް ގިނަ މައުލޫމާތުތައް އެ ޝޯގައި ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި މި ވެބް ސީރީޒް ކުޅެދޭ އަގު ވެސް ކްރިޝްނާ ހާމަ ކޮށްފައި ވެއެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރޫގަން ސިންހާ އާއި އޭނާގެ ދަރިފުޅު ލަވް ސިންހާ ބައިވެރިވި މި ކޮމެޑީގައި ކްރިޝްނާ ހުށަހެޅި ތަމްސީލެއްގައި އޭނާ ބުނެފައިވަނީ ކަޕިލް ވެބް ސީރީޒް ކުޅެދެނީ 20 ކްރޯޑު ރުޕީސް އަށް ކަމަށެވެ.

މި ޝޯގައި ހުރިހާ ކެރެކްޓާއެއް އަދާކުރާ ކޮމެޑީއަނުން ވެސް އެކަކު އަނެކަކަށް ޖޯކު ޖަހައި މަލާމާތްކުރުން އޮވެ އެވެ. އެގޮތުން ކްރިޝްނާ 20 ކްރޯޑޭ ބުނީ ކަޕިލް އާ ދިމާކޮށްލަން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކަޕިލް ފެންވަރުގެ ނަން މަޝްހޫޜު އަދި ގިނަ ބަޔަކަށް އެހާ މަގްބޫލު ޝަޚްސިއްޔަތަކު މާ ކުޑަ އަގެއްގައި ވެބް ސީރީޒް އެއް ކުޅެދޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ވީމާ މަޖަލަކަށް ހަދާފައިވެސް ކްރިޝްނާ ބުނީ ތެދަކަށް ވެދާނެކަމަށް މި ޚަބަރު ރިޕޯޓުކުރި އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.

ކުރިޔަށް އޮތް ހަފުތާގައި ދައްކަން ހަމަޖެހިފައިވާ ކަޕިލް ޝަރުމާ ޝޯގައި އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ ބައިވެރިވާނެ އެވެ. އަދި މި އެޕިސޯޑުގެ ޝޫޓިން މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަކްޝޭ އާއި ކިއާރާ ކަޕިލްގެ ޝޯގައި ބައިވެރިވަނީ އެ ދެތަރިން އެކުގައި ކުޅެފައިވާ "ލަކްޝްމީ ބޮމް" ޕްރޮމޯޓްކުރުމުގެ ގޮތުންނެވެ.