އާމިރު ޚާން މިހާރު ގެންދަނީ އޭނާ މިހާރު ކުޅެމުންދާ "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ދިއްލީގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރާއެކު އާމިރު ކުޅެން ޖެހޭ ބައިތައް މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ކަރީނާ އިއުލާންކުރި ގޮތުގައި އޭނާ ކުޅެންޖެހޭ ބައި ކުޅެ މިހާރު ވަނީ ނިންމާލާފާ އެވެ. ފިލްމުގައި ކަރިނާ ބައިވެރިކުރަން ޖެހޭތީ އާއި ކަރީނާއަކީ މިހާރު މާބަނޑު މީހަކަށް ވާތީ ވަރަށް ޚާއްސަ އިންތިޒާމުތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް މި ފިލްމުގެ ސެޓުގައި އަޅާފައި ވެއެވެ.
ފިލްމުގެ އެކްޝަން މަންޒަރެއް ނަގަނިކޮށް އާމިރުގެ މޭކަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާވީ ނަމަވެސް ޝޫޓިން މެދުކަނޑާލާކަށް އާމިރު ބޭނުން ނުވީ އެވެ. ތަދުކަނޑުވާ ބޭސް ކައިގެން އާމިރު ގެންދަނީ ފިލްމުގެ މަސައްކަތް ފުރިހަމަ ކުރަމުންނެވެ.
މި ފިލްމުގެ ޝޫޓިންގަށް ވަރަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާތީ އަނިޔާގެ ސަބަބުން ޝޫޓިންގް މެދުކަނޑާލައިގެން އިތުރު މައްސަލަތަކެއް ފިލްމަށް ކުރިމަތިކުރަން އާމިރު ބޭނުމެއް ނޫނެވެ. އެހެންވެ ބޭސް ކައިގެން އަނިޔާއަށް ލުއި ލިބޭތޯ މަސައްކަތް ކުރަނީ އެވެ. މިހާރު ކުރިޔަށް ގެންދާ ޝޫޓިންގްގައި އާމިރަށް ވަރަށް ބާރަށް ދުވަން ޖެހޭ މަންޒަރެއް ވެސް ނަގަން ޖެހުނެވެ. މޭ ކަށިގަނޑަށް ވަރަށް ބޮޑަށް ތަދުވެފައިވާއިރު ވެސް އާމިރު ވަނީ ވަރަށް ހިތްވަރާއެކު އެ މަންޒަރު ވެސް ފުރިހަމަ ކޮށްފަ އެވެ.
އާމިރަކީ ފިލްމުތަކުގައި މަސައްކަތްކުރާއިރު ވަރަށް ފުރިހަމައަށް ހުރިހާ ކަމެއް ކުރިޔަށް ގެންދަން ބޭނުންވާ އެކްޓަރެއްގެ ގޮތުގައި އަދި "މިސްޓަ ޕާފެކްޓް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އެކްޓަރެކެވެ. ވީމާ އަނިޔާއެއް ވިޔަސް ފިލްމުގެ މަސައްކަތް އޭނާ ހުއްޓާލުމަކީ ވަރަށް ނާދިރުކަމެކެވެ.
"ލާލް ސިންގް ޗައްޑާ"އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރިމޭކެކެވެ. އާމިރު މި ފިލްމުގައި ކުޅެނީ ހޮލީވުޑް ފިލްމުގައި ޓޮމް ހޭންކްސް އަދާކުރި ބައެވެ. ފިލްމު ޑައިރެކްޓްކުރަނީ އާމިރުގެ އެސިސްޓެންޓަކަށް ވަރަށް ގިނަ ދުވަހު އުޅެފައިވާ އަދި "ސީކްރެޓް ސުޕަސްޓާ"ގެ ޑައިރެކްޓަރު އަދަވައިތު ޗަންދަން އެވެ.
މިހާރު ލަފާ ކޮށްފައިވަނީ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ނިމޭ ހިސާބުގައި ކަމަށެވެ.