ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފަތިހު ހިނގާ މީހުންނަށް އެނޫން ގަޑިތަކުގައި ހިނގާ މީހުންނަށް ވުރެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަ އެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަރުގައިވާ މި ރިސާޗް ބުނާ ގޮތުން ކަސްރަތު ކުރާ ވަގުތުގެ ގޮތުން ވެސް އިންސާނުންގެ ގޮތްގޮތަށް ތަފާތު އަސަރުތައް ކުރެ އެވެ. އެގޮތުން ކެންސަރުން ދިފާއުވުމަށް އެންމެ ރަނގަޅީ ވީހާވެސް ހެނދުނަކާ ކަސްރަތު ކުރުމެވެ.
ހިތްހަމަޖެހޭ ކަހަލަ އެކި ކަހަލަ ކުޅިވަރުތައް ކުޅެގެން ހަށިގަނޑަށް ކަސްރަތު ލިބުމަކީ ވެސް އެކި ކަހަލަ ކެންސަރުތައް ޖެހުމުން ދިފާއުވުމަށް އޮތް ވަރަށް ރަނގަޅު ގޮތެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ސައިންސްވެރިން ބުނެފައި ވަނީ މި މައުލޫމާތަކީ އެންމެންނަށް ވެސް އެނގުން ވަރަށް މުހިއްމު މައުލޫމާތެއް ކަމަށެވެ. ސަބަބަކީ ކެންސަރު ޖެހޭ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް އިތުރުވަމުންދިއުމާއި އެ ބަލީގައި މަރުވާ މީހުންގެ ރޭޓް ވެސް މަތިކަމުންނެވެ. ސައިންސްވެރިން މިސާލަކަށް ނެގީ އެމެރިކާ އެވެ.
ސައިންސްވެރިން ވިދާޅުވަނީ އެމެރިކާގައި އެކަނިވެސް 2020 ނިމޭއިރު 1،806،590 މީހުންނަށް ކެންސަރު ޖެހިފައިވާ ކަމުގެ ޚަބަރު ލިބޭނެ އެވެ. އަދި މީގެ ތެރެއިން ހަ ލައްކައަށް ވުރެ ގިނަ މީހުން މި ބަލީގައި ދުނިޔެ ދޫކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ކެންސަރު ޖެހޭ މީހުން މިހާ ގިނަވަމުން ދާއިރު ކަސްރަތު ކޮށްގެން ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިއްޖެނަމަ އެއީ ވަރަށް އެކަށީގެންވާ ކާމިޔާބަކަށް ވާނެކަމަށް ސައިންސްވެރިން ދެކެ އެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން 2018 ގައި އެއްކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެ ގައުމުގެ އާބާދީގެ 46.7 ޕަސެންޓް މީހުން އެންމެ މަދުވެގެން ކަސްރަތުކުރަން ޖެހޭ މިންވަރަށް ނުކުރެ އެވެ. ނުވަތަ މިނިމަމް އެރޮބިކް ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން ފުރިހަމަ ކޮށްފައެއް ނުވެ އެވެ. ކެންސަރުން ދިފާއުވުމަށްޓަކައި ވަރަށް ބޮޑަށް ހެލިފެލިވެ އުޅޭ ދިރިއުޅުމެއް ކޮންމެ މީހަކުވެސް އުޅުން މުހިއްމެވެ.
މީހަކަށް ކެންސަރު ޖެހުމާއި އޭނާގެ ސަކޭޑިއަމް ރިދަމް ނުވަތަ ނިދާ ވަގުތާއި ނިދާފައި އޮންނަ ވަގުތު އަދި ހޭލާ ވަގުތު ބަހައްޓާ ގޮތް ވަރަށް އިސް ދައުރެއް ކުޅެ އެވެ.
ރޭގަނޑު ހޭލާ ތިބެ ޑިއުޓީ ހަދާ މީހުންގެ ސަކޭޑިއަމް ރިދަމް ހުންނަ ގޮތުން އެމީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑުވާ ކަމަށް ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ. ޚާއްސަކޮށް ރޭގަނޑު ޝިފްޓްހަދާ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހޭލެއް އިތުރުކަން ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކަސްރަތުކުރުމާއި ސަކޭޑިއަމް ރިދަމް އާ ޚާއްސަ ގުޅުންތަކެއް އޮވެ އެވެ. އެގޮތުން 2019 ގައި ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދުވާލު ގަޑީގައި ކަސްރަތުކުރާ މީހުންގެ ސަކޭޑިއަމް ރިދަމް ބަރާބަރުގެ އެމީހުންނަށް އެކަށީގެންވާ ގޮތެއްގައި ރޭގަނޑު ނިދެ އެވެ