ރޯދަމަހަކީ ބައްދަލު ކުރާ ހާއްސަ މަހެކެވެ. ކެއުމާއި ބުއިމާއި ނިދުމާއި ކަސްރަތު ކުރާ ވައްޓަފާޅިއަށް ބޮޑު ބަދަލު އާދެއެވެ. ރޯދައަށް ހުންނަ އިރު ހަށިގަނޑު ހުންނަނީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައި ކަމުން މީހާ ވަރުބަލި ވާގޮތް އަވަސް ވެއެވެ. ރޯދަމަހު ކަސްރަތު ކުރާއިރު ސަމާލުކަން ދޭންވާ ބައެއް ކަންކަން ހުރެއެވެ.
ރޯދަ މަހު ހަަވީރު ގަޑީ މާލޭތެރެއަށް ނުކުމެ ބަލާލާއިރު ބައެއް މީހުން ދުވާ މަންޒަރު ފެނެއެވެ. ރޯދައަށް ހުރެ ދުވަން ވަރަށް އާދަޔާ ހިލާފް ހިއްވަރު ބޭނުންވާނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ރޯދައަށް ހުރެ ދުވުމުގެ ފައިދާ ވަރަށް ބޮޑެވެ. ސަަބަަބަކީ ރޯދައަށް ހުރެ ގިނަވަގުތު ނުކައި ހުރެ ދުވުމުން ހަށިގަނޑުގައިވާ ކާބޯހައިޑްރޭޓް ރިޒާވްގެ ބަދަލުގައި ފެޓް އިން މީހާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޮނުވުމަށް މަސައްކަތް ކުރެއެވެ. އަދި އެއާއެކު ހަށިގަނޑުގެ ސަރުބީ ވިރުވުން އަވަސްވެއެވެ.
އައިރަނާސް ގެ ފައުންޑާ ހުސެއިން ޝުޖާއަކީ އަލަށް ދުވަން ފަށައިގަންނަ މީހުން ތަމްރީން ކުރުމަށް މަސައްކަތް ކުރާ މީހެކެވެ. ފިޓްނަސް ދާއިރާގައި 2015 ވަނަ އަހަރު މަސައްކަތް ފެށި ކޯޗު ޝުޖާއު ވަނީ ރޯދަމަހު ދުވުމުގައި ގެންގުޅެންވީ ޓެކްނިކްތައް ހިއްސާކޮށްފަ އެވެ.
ރޯދައަށް ހުރެ ދުވުމާއި ސުޖާއު ބުނަނީ
"ރޯދައަށް ހުރެ ދުވުމަކީ އޭގެ ފައިދާ ތަކެއް އެކުލެވޭ ކަމެއް. އެހެންނަމަވެސް އަލަށް ފަށައިގަންނަ މީހަކު ރޯދައަށް ހުރެ ދުވުމަކަށް ރިކޮމެންޑެއް ނުކުރާނަން. ރޯދައަށް ހުރެ ދުވަންވީ އާއްމުގޮތެއްގައި ވެސް ދުވެ އުޅޭ މީހުން،" އޭނާ ބުންޏެވެ. "އަލަށް ފަށައިގަންނަ މީހުނަށް ތަންކޮޅެއް އުނދަގޫ ވެދާނެ ރޯދައަށް ހުރެ ދުވަން އަދި ވަރުބަލިވާނެ މިންވަރު އަންދާޒާ ކުރަން ނޭގިދާނެ. އާއްމުކޮށް މި އުޅެނީ ވެސް ރޭގަނޑު 7:00 ގެ ފަހުން ދުވާ މީހުން. އެހެންވެ ދުވާލުގެ ހޫނުގައި ރޯދައަށް ހުރެ ދުވުން ތަންކޮޅެއް އުނދަގޫވެދާނެ ފަށައިގަންނަ މީހަކަށް. ފަށައިގަންނަ ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ ގެއާއި ކައިރި ހިސާބެއްގައި ދުވުން"
ރޯދަ މަހުގެ ޕީކް ގަޑި
ރޯދަ މަހުގެ ދުވުމަށް އޮންނަ ޕީކް ގަޑިއަކީ ރޭގަނޑު 9:30 އިން ފެށިގެންނެވެ. އާއްމުކޮށް ކަސްރަތުކޮށް އުޅޭ ވަގުތާއި ބަލާ މާ ލަސްގަޑިއެއްގައި ރޯދަމަހު ކަސްރަތަށް ދުވުމަށް މީހުން ނުކުމެ އުޅޭތަން ފެނެ އެވެ.
ރޯދާ ވީއްލާ ކޮންމެވެސް އެއްޗެއް ކާލާ ތިން ގަޑިއިރެއްހާއިރު ވަނީ ރޭގަނޑު 9:30 ހާއިރު އެވެ. އެގަޑި ގިނަ މީހުން ދުވަން ހިޔާރު ކުރެއެވެ. އަދި އެހާ އިރުވާއިރު ކާބޯތަކެތި ހަޖަމްވެ މީހާ ހަމަޖެހެ ހަމައަކަށް އެޅެއެވެ. ގިނަ މީހުން އެ ގަޑީގައި ހިޔާރު ކުރަނީ ދުވަން ފަސޭހަ ވުމުންނެވެ. މީގެ އިތުރުން، ރޯދަމަހުގެ ހާއްސަ ތަރާވީހް ނަމާދާއި ވަގުތު ފުށު ނޭރުމަކީ އަނެއް ބަޔަކު އެ ވަގުތު ހިޔާރު ކުރާ ކަމެކެވެ.
ރޯދަ މަހަކީ ވަރަށް ގިނަ ބަޔަކު އަލަށް ކަސްރަތު ކުރުމަށް ފަށާ ދުވަސްވަރަކަށް ވެއެެވެ. ކޯޗު ޝުޖާއުގެ އިރުޝާދަކީ އަލަށް ފަށައިގަންނަ މީހުން ވެސް މާ ހައި އިންޓެންސް ކަސްރަތަކަށް ދިއުމުގެ ބަދަލުގައި ވީހާވެސް ބޭސިކް ސިމްޕަލް ވޯކްއައުޓް ރޫޓީން އެއް ގެންގުޅުމެވެ. ސަބަބަކީ ދެމެހެއްޓެނިވިކޮށް ކުރާ ކަމެއްގެ ގޮތުގައި ކަސްރަތު ބޭއްވުމުގެ މަގުސަދުގަ އެވެ.
ކަސްރަތު ކުރުމުގައި ވަކި ގަޑި އަކީ އެންމެ ރަނގަޅު ގަޑިއެއް ކަމަށް ބުނަން ދަތިވާ ސަބަބަކީ އެމީހެއްގެ ލައިފްސްޓައިލަށް ނުވަތަ އެމީހަކަށް ކަސްރަތަށް ހުސް ކޮށްލެވޭ ގަޑިއަކީ އެންމެ ރަނގަޅު ވަގުތެވެ.
އެންމެ މުހިއްމުކަން ދޭންވީ
ޝުޖާއު ބުނާގޮތުގައި ކަސްރަތު ކުރުމަށް ފެށުމުގެ ކުރިން އެންމެ މުހިއްމު ކަމެއް ދޭންވީ ވޯމްއަޕް ހަދާށެވެ. "30 މިނެޓް ދުވާ ނަމަ މަދުވެގެން 10 މިނެޓު ވޯމްއަޕް ކުރުމަށް ހޭދަ ކުރަން ޖެހެ އެވެ.
"ވޯމްއަޕް ކުރުމުގެ ފައިދާ ސައިންސުން ޕްރޫވް ކޮށްދޭ. އެންމެ ބޮޑު ކަމަކަށް އިންޖަރީ ޕްރިވެންޓް ކުރޭ. އަދި އޭގެ ދިގު މުއްދަތުގެ ފައިދާ ހަށިގަނޑަށް ކުރޭ. އެންމެ ރަނގަޅީ ވޯމްއަޕް ހަދާއިރު ވެސް ޑައިނެމިކް ސްޓްރެޗިން ހެދުން"
ދުވަން ފެށުމުގެ ކުރިން ސްޓްރެޗް ކުރަން ވަގުތުކޮޅެއް ހުސްކޮށްލަން ޖެހެ އެވެ. ދުވަން ފެށުމުގެ ކުރިން ޑައިނަމިކް ސްޓްރެޗިންގެ ހަދަން ޖެހެ އެވެ.
އެއް ތަނެއްގައި ހުރެގެން އާއްމުކޮށް މިހަދާ "ސްޓެޓިކް ސްޓްރެޗިން" ގެ ބަދަލުގައި "ޑައިނަމިކް ސްޓްރެޗިން" އަކީ އެކްޓިވް ހަރަކާތްތަކެއް ބޭނުން ކޮށްގެން ނުވަތަ އެކި އެކި މޫވްމަންޓް ބޭނުން ކޮށްގެން ދުވުމަށް ނުވަތަ އެހެންވެސް ކުޅިވަރެއް ކުޅުމަށް ހަށިގަނޑު ތައްޔާރު ކުރުމަށް ކުރާ ކަމެކެވެ. ވީޑިއޯއިން އެ ފެންނަނީ ޑައިނަމިކް ސްޓްރެޗިން ހަދާނެ ގޮތެކެވެ.