ކުޅިވަރު

ޕިކްފޯޑަށް ދޭނެ އަދަބެތް ނެތް

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މާސީ ސައިޑް ޑާބީގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ކުރި ޗެލެންޖުގައި ޕިކްފޯޑަށް އަދަބު ނުދޭން ނިންމާފައިވާކަން ހާމަ ވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، އެވަޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން ވެންޑައިކް ވަނީ ބޯޅައަށް މަސައްކަތް ކޮށްފަ އެވެ. އޭނާ ހުއްޓުވަން ގޯލް ދޫކޮށް ކުރިއަށް ނުކުތީ ޕިކްފޯޑެވެ. ޕިކްފޯޑް ކުރި ޗެލެންޖުގައި ވެންޑައިކަށް އަނިޔާވި އެވެ. އަދި މެޗު ކުރިއަށް ނުގެންދެވި އޭނާ ބަދަލު ކުރި އެވެ.

ފަހުން ހެދި ޓެސްޓްތަކުން އެނގުނީ، ވެންޑައިކްގެ ކަކުލުގެ ލިގަމެންޓް އެކީ ހަލާކުވެފައިވާ ކަމަށެވެ. އެކަމުން ރިކަވާ ވުމަށް އޮޕަރޭޝަން ކުރަން ޖެހޭނެ އެވެ. އެ އޮޕަރޭޝަނަށް ފަހު ރިހެބިލްޓޭޝަނަށް ހޭދަވާނެ ވަގުތާއެކު ސީޒަންގެ ބޮޑު ބައެއް ވެންޑައިކަށް ގެއްލޭނެ އެވެ.

ވެންޑައިކަށް ޕިކްފޯޑް ކުރި ޗެލެންޖު ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އެ މެޗުގެ ރެފްރީ މައިކަލް އޮލިވާ ނިންމީ ޕިކްފޯޑަށް ފިޔަވަޅު އަޅަންޖެހޭ ހަލަތެއް އަދި ޕެނަލްޓީ ދޭން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ. އެ މެޗުގައި ވީއޭއާރުން ނިންމި ނިންމުންތައް އަލުން ބަލައި ދިނުމަށް ލިވަޕޫލުން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ވެންޑައިކަށް ޕިކްފޯޑް ކުރި ޗެލެންޖާ ގުޅިގެން ވީއޭއާރުން މެދުވެރިކޮށް ނިންމި ނިންމުން ވެސް ހިމެނެ އެވެ.

ފިޔަވަޅު އެޅުމުގައި އިނގިރޭސި އެފްއޭ އިން ނިންމާނީ، މެޗުގައި ރެފްރީ އާއި ވީއޭއާރަށް ފާހަގަ ނުވި މައްސަލަތެކެވެ. އެހެން ވެއްޖެނަމަ ޕިކްފޯޑްގެ މައްސަލައެއް ނާންނާނެ އެވެ.

ލިވަޕޫލަށް އެ މެޗުގައި ޕެނަލްޓީއެއް ނުދިނީ އެ ބޯޅައަށް މަސައްކަތް ކުރިއިރު ވެންޑައިކްގެ ހަޑިގަނޑުގެ އެއްބައި އޮފްސައިޑް ވެފައިވުމުންނެވެ.