ހަބަރު

އޭސީސީ މެންބަރުން ވަކިކުރަން ހުށަހަޅަނީ

Oct 20, 2020

ވެންޓިލޭޓަރުތައް ހޯދުމުގައި ނުފޫޒު ބޭނުން ކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށް ފަހު، މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އިއްޔެ އެ މައްސަލަ ފޮނުވާލާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އޭސީސީއިން ކުރާ ތަހުގީގުތަކުގެ ފެންވަރާމެދު ސުވާލު އުފައްދަމުންދަނިކޮށް، ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލުމުން، އެމްޑީޕީގެ ގިނަ މެންބަރުންގެ ފާޑުކިއުންތައް ވަނީ އިތުރުވެފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ޕީޖީގެ މިއަދުގެ ނިންމުމަކީ މަޖިލީހަށް ހާޒިރު ކުރަން އެންގުމުން އަވަސް އަރުވާލާފައި ދައުވާކުރަން ފޮނުވުމުގެ ނަތީޖާ ކަމަށެވެ.

"އޭސީސީ އަށް އިތުބާރެއް ނެތް. [މެންބަރުން] ވަކި ކުރަން ހުށަހަޅާނަން،" މީކާއިލް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިއަދު އޮންނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޕީޖީގެ ނިންމުމާ ގުޅިގެން އޭސީސީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މި މައްސަލަ އަލުން އަނބުރާ ފޮނުވާފައި ވަނީ ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ކަމަށެވެ.

އެހެން ކަމުން މި މައްސަލާގައި ޕީޖީން ފާހަގަ ކޮށްފައިވާ ކަންކަން އަލުން ދިރާސާ ކުރުމަށް ފުލުހުންނާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.