އަލީ އަޝްފާގު (ދަގަނޑޭ)

ދުނިޔޭގެ ލަނޑުލިސްޓްގެ ކުރީ ސަފަށް ދަގަނޑޭ

މިހާރު ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ކުރީ ސަފުން ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ޖާގަ ހޯދައިފި އެވެ.

ފުޓްބޯޅައިގެ މައުލޫމާތުތައް ގެނެސްދޭ ފޫޓީ ރޫމްއިން ހާމަ ކޮށްފައިވާ ލިސްޓްގައި އަޝްފާގް އުޅެނީ ލިސްޓްގެ ހަ ވަނައިގަ އެވެ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 464 ލަނޑު ޖަހާފަ އެވެ. އެ ލިސްޓްގައި ހިމެނޭ 10 ކުޅުންތެރިންގެ ތެރެއިން މަދު މެޗު ކުޅެގެން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔަކީވެސް ދަގަނޑޭ އެވެ. އޭނާވަނީ 464 ލަނޑު ޖެހީ 554 މެޗުންނެވެ. މި ލިސްޓްގައި އޭޝިއާ ބައްރުން ހިމެނުނު ހަމައެކަނި ކުޅުންތެރިޔަކީވެސް ދަގަނޑޭ އެވެ.

ލިސްޓްގެ އެއް ވަނައިގައި ހިމެނެނީ، ޔުވެންޓަސް އާއި ޕޯޗްގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ 1055 މެޗުގައި 760 ލަނޑު ޖަހާފަ އެވެ. ލިސްޓްގެ ދެ ވަނައިގައި އުޅެނީ ރޮނާލްޑޯގެ ވާދަވެރިޔާ ބާސެލޯނާ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. އޭނާ ވަނީ 930 މެޗުގައި 733 ލަނޑު ޖާހަފަ އެވެ. އޭސީ މިލާންގެ ސްވިޑެންގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒްލަޓާން އިބްރޮހިމޮވިޗް އުޅެނީ ތިން ވަނައިގަ އެވެ. އޭނާ ވަނީ 948 މެޗުގައި 559 ލަނޑު ޖާހަފަ އެވެ. ލިސްޓްގެ ހަތަރު ވަނަ އަކީ ބަޔާން މިޔުނިކްގެ ރޮބަޓް ލެވަންޑޮސްކީ އެވެ. އޭނާ ވަނީ 779 މެޗުގައި 506 ލަނޑު ޖަހާފަ އެވެ. ފަސް ވަނައިގައި ހިމެނެނީ އުރުގުއޭގެ އެތުލެޓިކޯ މެޑްރިޑް ފޯވަޑް ލުއިސް ސުއަރޭޒް އެވެ. އޭނާ ވަނީ 744 މެޗުގައި 488 ލަނޑު ޖާޙަފަ އެވެ.

ދަގަނޑޭގެ ފަހަތުން ހަތް ވަނަ އިގައި އުޅެނީ ބޮސްޓަން ރިވާސް އަށް ޕްލޭއާ ކޯޗެއްގެ ގޮތުގައި ކުޅެމުން ގެންދާ ސެބާސްޓިއަން އެބްރެއޫ އެވެ. އޭނާ ވަނީ 849 މެޗުގައި 432 ލަނޑު ޖާހަފަ އެވެ. ލިސްޓްގެ އަށް ވަނައިގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ އުރުގުއޭގެ ފޯވަޑް ސާޖިއޯ ކުން އަގުއޭރޯ އެވެ. އޭނާ ވަނީ 755 މެޗުގައި 430 ލަނޑު ޖަހާފަ އެވެ. ލިސްޓްގެ ނުވަ ވަނައަކީ އަޔެކްސްގެ ހޮލެންޑްގެ ފޯވަޑް ކާލް ޔަން ހަންޓެލާ އެވެ. އޭނާ ވަނީ 743 މެޗުގައި 418 ލަނޑު ޖާޙަފަ އެވެ. ލިސްޓްގެ 10 ވަނަ އަކަި އުރުގުއޭ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ސްޓައިކަރު އެޑިންސަން ކަވާނީ އެވެ. އޭނާ ވަނީ 721 މެޗުގައި 415 ލަނޑު ޖާހާފަ އެވެ.