އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭގެ ވާހަކަ ފީފާއަށް: ބެންފީކާގެ ފުރުސަތާއި ލަނޑުޖެހުމުގެ އުފާ

ޕޯޗަގަލްގެ ބެންފީކާ އިން ލިބުނު ފުރުސަތަކީ ބޭނުން ކުރަން ޖެހޭނެ ފުރުސަތެއް ކަމަށް ގަބޫލު ކުރާކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

ފީފާގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ދަގަނޑޭ ވަނީ، އުމުރުން 18 އަހަރުގައި ބެންފީކާއިން އޭނާއަށް ލިބުނު ފުރުސަތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ޕޯޗްގަލްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް މެނައުލް ގޯމޭޒް ހޯދައިން ފުރުސަތުގައި ބެންފީކާއަށް ދާން އޭރު އުމުރުން 18 އަހަރުގެ ދަގަނޑޭ ތައްޔާރުވި އެވެ. އޭނާގެ ހިޔާލު ބަދަލުވީ އެންމެ ފަހު ވަގުތުގަ އެވެ.

"ޔޫރަޕާއި އޭޝިއާގެ ކުލަބުތަކުން އަހަންނަށް ހުށަހެޅުން ލިބުނު، އަހަރެން އެންމެ ބޮޑަށް ވިސްނި ހުށަހެޅުމަކީ ބެންފީކައިން ލިބުނު ފުރުސަތު،" ފީފާގެ ވެބްޒައިޓްގައި މއިަދު ޝާއިއު ކުރި ރިޕޯޓަށް ދިން އިންޓަވިއުގައި ދަގަނޑޭ ބުނެފައި ވެއެވެ. "އެއީ އަހަރެން ބޭނުން ހިފަން ޖެހޭނެ ފުރުސަތެއް، އެ ފުރުސަތު ބޭނުން ކުރެވުނު ނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު އަހަންނަށް ލިބުނީސް."

"އަވަސް" އަށް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ގޯމޭޒް ބުނީ، "ބެންފީކާގެ ފުރުސަތުގެ ބޭނުން އަޝްފާގް ހިފިނަމަ ވަރަށް ރަނގަޅުވިސް" ކަމަށެވެ.

ފީފާގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ދަގނޑޭ ބުނީ، ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޖޯޒީގައި ގޯލް ޖެހުމަކީ ތަފާތު އިހްސާސެއް ކުރެވޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ކޮންމެވެސް ދުވަހަކުން ވޯލްޑް ކަޕަށް ކޮލިފައިވާތަން ފެނުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ.

ނިއު ރޭޑިއަންޓާއެކު 2013 ގެ ސީޒަން ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބަރާތެއް ކާމިޔާބު ކުރުމާއި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރިއިރު އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ދަގަނޑޭ ބުނީ އެއީ އޭނާގެ ކެރިއަރުގައި އެންމެ މޮޅު އެއް އަހަރު ކަމަށެވެ. އެއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލް ޖެހުމާއި އިންޓަނޭޝަނަލް މެޗެއްގައި ދެ ހެޓްރިކް އަޝްފާގް އެ އަހަރު ހެދި އެވެ.