ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅެން ޖެހޭ މެޗުތައް ހިމެނޭ ގޮތަށް އޭޝިއާ ޒޯންގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތައް އަންނަ އަހަރަށް ފަސް ކުރުމަށް ފީފާ އާއި އޭއެފްސީން ނިންމައިފި އެވެ.
ކުރިން މާޗް މަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް، އޮކްޓޫބަރު އަދި ނޮވެމްބަރަށް ފަސް ކުރުމަށް ޖޫން މަހު ނިންމި ނަމަވެސް، ކޮވިޑް-19 އިގެ ސަބަބުން ގައުމުތަކަށް ކުރިމަތިވެފައިވާ ހަލަތަށް ބެލުމަށް ފަހު ފީފާ އާއި އޭއެފްސީ ގުޅިގެން ކޮލިފިކޭޝަންގެ މެޗުތައް އަންނަ އަހަރަށް ފަސް ކޮށްފައިވާ ކަމަށް އޭއެފްސީން މިއަދު ވަނީ ބުނެފަ އެވެ.
މިއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ފަސް ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު އާންމު ކުރި ޝެޑިއުލްގައިވާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ދެ ވަނަ ބުރުގެ މެޗުތައް ނިމޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދެ ވަނަ ބުރުގެ ބާކީ ހުރި މެޗުތައް އޮކްޓޯބަރު ނޮވެމްބަރަށް ފަސް ކުރި އެވެ. ދެ ވަނަ ފަހަރަށް މެޗުތައް މިއަދު ފަސް ކޮށްފައިވާއިރު، އަންނަ އަހަރު މެޗުތައް ކުޅޭނީ ކޮން މަހެއްގައި ކަމެއް އޭއެފްސީން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭ ގައި، ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން، ރާއްޖެ އާއި ޗައިނާ، ޗައިނާގައި ކުޅެން ހަމަޖެހިފައިވާ މެޗު އޮތީ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހަށެވެ. އަދި ސީރިއާ އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރު 13 ގަ އެވެ. ފިލިޕީންސްގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗު ފަހުން ތާވަލު ކޮށްފައި ވަނީ ނޮވެމްބަރު 17 އަށެވެ.
އޮކްޓޯބަރުގެ މެޗަށް ތައްޔާރު ވުމަށް މިދިޔަ މަހު ރާއްޖެއިން އަލުން ފަރިތަކުންތައް ފެށި ނަމަވެސް މި މަހު އަނެއްކާވެސް އެޗްޕީއެއިން އެންގުމުން ވަނީ ޕްރެކްޓިސްތައް ހުއްޓާލާފަ އެވެ.
މި ގުރޫޕްގެ އެއް ވަނައިގައި އޮތީ، ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ޗައިނާ ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ހަޕް ޕޮއިންޓް ހޯދައިގެނެވެ. ފަސް މެޗުން ފިލިޕީންސަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ރާއްޖެއަށް ހަ ޕޮއިންޓެވެ. ގުއާމް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.