ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސީރިއާ އަތުން 2-1 ން ރާއްޖެ ބަލިވެއްޖެ އެވެ.
މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ސަތާރަ މަސް ވަންދެން ގައުމީ ޓީމާ ދުރުގައި ބެހެއްޓި އަޝްފާގް ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު މިކުރީ ތިން އަހަރު ފަހުންނެވެ. މީގެ ކުރިން އޭނާ ގައުމީ ޓީމަށް ލަނޑެއް ޖެހީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2016 ވަނަ އަހަރު ބޫޓާން ކޮޅަށް މާލޭގައި ކުޅުނު މެޗުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ރާއްޖެއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެން މަސައްކަތް ކުރުމުގެ ސަބަބުން ސީރިއާގެ ކުޅުންތެރިން މުޅިން ކަހަލަ ގޮތަކަށް ކުޅެމުން ދިޔައީ ރާއްޖޭގެ ހާފުގެ ތެރޭގަ އެވެ. ރާއްޖެއިން ސީރިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޓީމުގެ ކެޕްޓަން އުމަރު އަލް ސޯމާ ކާމިޔާބު ކުރި ލަނޑެކެވެ.
ރާއްޖޭގެ ޕެނަލްޓީ އޭރިއާަގެ ބޭރުން މެޗުގެ 26 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަށް ހުރަސްއަޅަން ފާރެއްހެން އެތުރިގެންތިބި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ދިޔަ ބޯޅަ ގޯލަށް ވަނީ ގޯލްގެ ދަނޑީގެ ތިރީގައި ޖެހިފަ އެވެ. އެބޯޅަ ދިފާއު ކުރަން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަސައްކަތް ކުރިނަމަވެސް އެ ބޯޅަ ދިފާއު ކުރުމުގައި އޭނާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ދެ ވަނަ ހާފަށް ރާއްޖެއިން ނުކުތީ، މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ގެ ބަދަލުގައި އަޝްފާގް ކުޅެން ނެރެގެންނެވެ. އަޝްފާގް ކުޅެން ނުކުތުމުން ކުރީގައި ރާއްޖެއަށް ބޯޅަ ގިނައިރު ވަންދެން ހިފެހެއްޓުނެވެ. އެހެންނަމަވެސް ރާއްޖޭގެ ފަހަތުން ވާތް ފަޅި ބޭނުން ކޮށްގެން ނަގައިދިން ހުރަސްތަކުގައި ރާއްޖޭގެ ގޯލަށް ސީރިއާއިން ނުރައްކާ ކުރި އެވެ. ހުރަސްތަކުގައި ސީރިއާގެ ޓާގެޓަކަށް ވަނީ އިސްކޮޅުން ދިގު ކެޕްޓަން އަލްސޯމާ އެވެ. ޓީމުގެ ވާތް ފަޅިން ނަގައިދިން ބޯޅަ ތަކުގައި އަލްސޯމާ ވަނީ ބޮލުން ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފަ އެވެ. އެހެންނަމަވެސް އެއިން އެއްވެސް ބޯޅައެއް ގޯލައާ އަމާޒުވާ ގޮތެއް ނުވި އެވެ.
ޓީމުގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުން ނެގި ކޯނަރެއް ބޮލުން ފޮނުވާލައިގެންނެވެ. އެ ބޯޅަ ދިޔައީ ރާއްޖޭގެ ކީޕަރު ފައިސަލް އާ ދިމާލަށެވެ. އޭނާއަށް ދިފާއު ކުރެވެން އޮތް ބޯޅަ ގޯލަށް ވަނީ އޭނާއަށް ހެދުނު މިސްޓޭކަކުންނެވެ.
އޭގެ ފަސް މިނެޓް ފަހުން އަޝްފާގް އަށް ވަނީ، ހުސްކޮށް ފުރުސަތެއް ލިބިފަ އެވެ. އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނާން ދަނިކޮށް ސީރިއާގެ ޑިފެންޑަރު އަހްމަދު އަލް ސާލިހް ވަނީ، އަޝްފާގްގެ ފަހަތުން އޭނާގެ ކަނޑުގައި އަތް އަޅައި ވައްޓާލާފަ އެވެ. ގޯލްޖަހަން ލިބުނު ހުރުސް ފުރުސަތެއްގައި ފަހަތުން ފައުލު ކުރުމުން މެޗުގެ ރެފްރީ ވަނީ ސޯލިހްއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
އަޝްފާގް ރާއްޖޭގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ. ރާއްޖެއަށް ލިބުނު އެއްލުމެއްގައި ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އެއްލި ބާރު އެއްލުން އޭނާ އެއްލީ ޕެނަލްޓީ އޭރިއާ ތެރެއަށެވެ. އެބޯޅަ ޖަހަން ފުރުތަމަ މަސައްކަތް ކުރީ އަސަދުﷲ އަބްދުﷲ އެވެ. އޭނާ ފައިގައި ލައްވާ ނުލައި ދިޔަ ބޯޅަ އަޝްފާގް ވަނީ، ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި، ސީރިއާއަށް ލިބުނު ނުރައްކާތެރި ދެ ބޯޅަ ކީޕަރު ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. ދެން ރީބައުންސަށް ނުކުތް ބޯޅަ ސީރިއާގެ ކުޅުންތެރިން ފޮނުވާލި ނަމަވެސް ދެންވެސް ފައިސަލް އެ ބޯޅަ ދިފާއު ކުރި އެވެ. އޭގެ ކުރިން ރާއްޖެއިން އުފެއްދި ފުރުސަތެއްގައި އަސަދުﷲ އަށްވެސް ފުރުސަތެއް ލިބުނެވެ. އޭނާ އަށް އެ ބޯޅަ ރަނގަޅަށް ފޮނުވާ ނުލެވުނެވެ.