ވާހަކަ

ކާޝް

(ދެވަނަ ބައި)

"ހޭ ބަޑީ... ވައިބަރ ބަލައިލަބަ." ހިމޭޝްގެ މެސެޖެއް ލިބުމުން އައިޝަމް ހިނިތުންވެލިއެވެ.
އޭނާ ޓީވީ ނިއްވާލުމަށްފަހު، ފޯނަށް ކަޅިއަޅައިލަމުން އެނދުގައި ބަންޑުން ހަމަޖެހިލިއެވެ.
ހިމޭޝްގެ ދެތިން މެސެޖު ލިބިފައި އޮތްތަން ފެނުމުން ފާޑަކަށް އައިޝަމް ހިނިތުންވެލިއެވެ.
"ހެލޯ ބްރޯ. ހައު ޔޫ؟" އައިޝަމް ވެސް ހަމަޖެހިލަމުން ޗެޓް ކުރަންފެށިއެވެ.
"ކިހިނެއް؟ ކޮންކަމެއް އޮތީ؟ ހީވޭ ކަމެއް ގޯސްވެއްޖެ ހެން؟ ހުރިހާ ކަމެއް އޯކޭތަ؟" އިނގިރޭސި ބަހުން ހިމޭޝް ފޮނުވައިލިއެވެ.
"ޔަޕް!"
"އެ މަންޖެ ކިހިނެއް؟"
"އޯކޭ!"
"ހަމަ އޯކޭތަ؟"
"ކަމޯން ބްރޯ... އަހަރުން މިހާރު ވަރަށް ސަޅިއޭ. ކޮންމެ ރެއަކު މީޓްވޭ. އެރޭގެ ފަހުން އެ ބުނާ އެތި އޭނާއާ ދިމައެއް ނުކުރެޔޯ." އައިޝަމް ތަފްސީލުކޮށްލަމުން ލެޓިނުން ލިޔެލިއެވެ.
"ބުނީމެއްނު. އެބައޮތޭ ކަމެއް ޝެއަރކުރަން. އައިމް ޓޯޓަލީ ފުރީ ނައު. ހުރިހާ އެސައިންމަންޓްތަކެއް ނިންމާފަ ސަބްމިޓްކޮށްފިން އިއްޔެ. ދެން ސްޓަޑީ ގެޕެއް މިދުވަސްކޮޅު."
"ދެން އައީމަތާ ދޯ. މާގިނަ ދުވަހެއް ވެސް ނެތެއްނު. މިހުރިހާ ކަމަކާ ކުރިމަތިލާ އިރު ހިމޭ އަހަރެން ގާތުގައި ހުރުން ވަރަށް މުހިއްމު. އައިމް ވެއިޓިން ފޯ ޔޫ މޭން." އައިޝަމް ބާލީހުގައި ބައްދައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
ހިމޭޝް ޓައިޕުކުރަން ފެށުމުން އިންތިޒާރުގައި އައިޝަމް މަޑުކޮށްލިއެވެ.
"ތިއޭ އެއްކަލަ. މަ ބުނަމެއްނު ވާހަކައެއް ބުނަން ބޭނުން ނެތިއްޔާ ހިތްތަޅުވަން ވާހަކައެއް އެބައޮތޭ ނުބުނާށޭ. އޭރުން ނާހާނަމޭ." ހިމޭޝްގެ ލަފުޒުތަކުން އޭނާގެ ސީރިއަސްކަން ހާމަކޮށްދިނުމަށް ދެރަވެފައި އިން މޫނެއް ފޮނުވާލިއެވެ.
"ތި ބިޓެއްތަ؟"
"ބިޓުންތަ އެގޮތަށް ބުނަނީ؟"
"ރީން ވެސް ވަރަށް ބުނާނެ ތިހެން."
"އޭ ރީން އޭ! މިހާރު ނަންވެސް ބަދަލުކޮށްލީތަ؟"
"ހޫމް އައި ކީމަ ހީވަނީ މަގޭ ނަން ކިޔައިހެން. އެހެންވެ. ސަޅިދޯ." އައިޝަމް ހިނިގަނޑެއް ފޮނުވާލަމުން ހިނިތުންވެލިއެވެ.
"ނޮޓް ބޭޑް. އެނގޭތަ ތިމާ ދެކެ ވަރަށް ލޯބިވާ މީހެއްގެ ގާތުގައި ވާހަކައެއް ބުނަން އެބައޮތޭ ބުނެ ނުބުނެ މަޑުކުރާ ކޮންމެ ސިކުންތަކުން އެމީހެއްގެ ހިތަށް ނުތަނަވަސްކަން ވެރިވާނެކަން ވަރަށް ފަހުގެ ދިރާސާއަކުން ދައްކައިފި. ދެން ވެސް އަވަހަށް ހައިލައިޓްކޮށް، ޓެލްމީ ދެޓް."
"އޯކޭ. ވާ ގޮތަކީ."
"ހޫމް!"
"މަމް ބުނަނީ އެކަނި އުޅޭއިރު އެކަމުގެ ތެރެއަށް ފީނާންވެއްޖެ ނަމަ ކިޔެވުން ހަލާކުވެދާނޭ! ހިމޭ އައީމަ ދެމީހުން ބައިތިއްބާފަ ބާކީ ހުރި ވާހަކަތައް ކިޔައިދޭނަމޭ. އަދި ޑޭޑްގެ ކަންތަކާ ކުރިމަތިލަންޏާ ހިމޭ ކަހަލަ ވަރުގަދަ މީހެއް ގާތުގައި ހުރުން ބޭނުންވާނޭ." އައިޝަމް އޭނާ ބުނަން ބޭނުންވި ވާހަކަ ދެބަސް މަސްހުނިކޮށްލަމުން އެއްފަހަރާ ޓައިޕްކޮށްލާ ފޮނުވާލިއެވެ.
"އޯހް! ދެން ވެއިޓް ފޯ މީ. އައިމް ވިތް ޔޫ އޯލްވޭސް. މަންމައަށް އެ މަންޖެގެ ކަންތައްގަނޑު އެނގޭތަ؟ އައިމީން ލަކުނުތަކާ."
"ނޮޕް! ނުބުނަން. ދެޓްސް މައި ޓޮޕް ސީކްރެޓް."
"އޭ ޖީޓީޖީ! ކެނޑީއޭ. މިގޭ ސިސް ބުނެގެން ތަނަކަށް ދާންޖެހިއްޖެ. ހެޕީ ޓު ސީ ޔޫ. ޓީކޭ. އިނގޭ." ހިމޭޝް ވާހަކަތައް ކުރުކޮށްލީ ކުއްލިއަކަށް ތަނަކަށް ދާންޖެހިގެން ކަމަށް ބުނަމުންނެވެ.
އައިޝަމް ވެސް ވަދާޢުގެ ބަސްތަކުން ހިމޭޝްއަށް ވެދުންކޮށްލީ އިސްޓިކާ އަކުންނެވެ.

މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއާއެކު ދަބަހުގެ ތެރެއިން އެކްސްޓަރނަލް ހާޑް ޑިސްކެއް ނެގިއެވެ. އަދި ލެޕްޓޮޕް ހުޅުވާލިއެވެ. ހާޑުގައި ހުރި އެކިއެކި ފޯލްޑަރތައް ހުޅުވާ ބަލަމުން ދިޔައެވެ. މޫނުމަތިން ފޫހިކަމުގެ އަސަރުތައް ހާމަވަމުން ދިޔައީ ކުރާނެ ވަކިކަމެއް ނެތުމުންކަން އެ މޫނަށް ބަލައިލި ކޮންމެ މީހަކަށްމެ ކަށަވަރުވާނެއެވެ. ބާލީހުގައި ހަމަޖެހިލަމުން ލެޕްޓޮޕަށް ސަމާލުވެލީ ކުރީގެ ހަނދާންތަކަކުން ސިކުނޑީގައި ކަންތައްތަކެއް ދައުރުވާން ފެށުމުންނެވެ. މަޑުމަޑުން މީހާގެ ދެ ލޯ ކުޑަކޮށްލާ ލެޕްޓޮޕުން ފެންނަމުން ދިޔަ މަންޒަރަށް ސަމާލުވެލިއެވެ.

ހިމޭޝް މެލޭޝިޔާއަށް ކިޔަވަން ފުރުމުގެ ކުރިން ހިމޭޝް ރަޙްމަތްތެރިންނާއެކު ކުޑަބަނޑޮހަށް ދަތުރު ދިޔަ ދުވަހުގެ ނަގައިފައިވާ ފޮޓޯތަކެވެ. ފޮޓޯތައް ފެނުމުން އެކުގައި އުޅުނު ރަހުމަތްތެރިންގެ މަތިން ހަނދާންވީ ވަރަކަށް ފޮޓޯތަކަށް ދެވެމުންދިޔަ ސަމާލުކަން އިތުރުވަމުންދާކަމުގެ އިހުސާސް އައިޝަމްއަށް ކުރެވެމުން ދިޔައެވެ.

ބެރު ގުރޫޕާއެކު ބޮޑުބެރު ޖެހުމުގައި ނަގައިފައިވާ ފޮޓޯތައް ފެނުމުން ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ސަވާރުވިއެވެ. ހިމޭޝް އާއި އައިޝަމް ނަށަނިކޮށް ނަގައިފައިވާ ފޮޓޯ ފެނުމުންނެވެ. ކުރު ސޯޓަކާއެކު ހުސްގަޔާ ހުއްޓިހުރި ހިމޭޝްގެ ހަރަކާތްތައް ފެނުމުންނެވެ. ބަލައިބެލުމަށް ހީވަނީ މޮޔައެއް ހެންނެވެ. މީހާވަނީ ދާހިއްލާ ފޯވެފައެވެ. މޫނުމަތީގައި ހުރީ އެފަދަ އަލާމާތެކެވެ. ދޫ ވަނީ ދަތްދޮޅިއާ ހަމައަށް ތިރިއަށް ނެރެ އޫކޮށްފައެވެ. އަނގަވަނީ ތަންމިނަން ހުޅުވިފައެވެ. ދެ އަތްވަނީ ލެނބެންހުރި ހުރިހާ ހުޅަކުން ލަނބާލެވި ބަޅުކޮށްލެވިފައެވެ. އިނގިލިތައް ވަނީ ބުޅިކޮށްލެވިފައެވެ. އައިޝަމަށް ބަލައިލެވުނީ ފޮޓޯގަނޑުގައިވާ އޭނާގެ ތަސްވީރަށެވެ. ހިމޭޝްއާއި ފޫޓެއްހައި ދުރުގައި ހުރި އޭނާގެ ތަސްވީރު ފެނުމުން ހިނިތުންވެވުނީ ބޭއިހުތިޔާރުގައެވެ. އެހެންވެ އަވަސް އަވަހަށް އެ ފޮޓޯގަނޑު ހިމޭޝްއަށް ވައިބަރ މެދުވެރިކޮށް ފޮނުވާލައި "ފޮނި ހަނދާންތަކެއް" އިނގިރޭސިބަހުން ލިޔެލިއެވެ.

ފޮޓޯގަނޑު ފޮނުވާލުމަށް ފަހު ދެވަނަ ފަހަރަށް އެ ފޮޓޯއަށް ފުން ނަޒަރެއް ދޫކޮށްލެވުނެވެ. ޒާތެއްގެ ހަރަކާތްތަކެއް ބަލައިބެލުމަށް ފާހަގަ ކުރެވުނަސް، ނޫކުލައިގެ ޖީންސަކާއި ދޫ ޓީޝާޓެއް ލައިގެން ހުރިއިރު އައިޝަމްގެ މޫނުމަތީގައި ވަނީ މުޅިން ތަފާތު އަސަރުތަކެކެވެ. މީހާގެ ހިއްސުތައް ފުރިހަމައަށް މަސައްކަތްކުރާން ފަށައިފައިވާ ކަމުގެ ކުލަވަރުތައް ތަސްވީރަށް ފުންކޮށް ބަލައިލުމުން ހާމަވަމުން ދިޔައެވެ. އައިޝަމްގެ ސަމާލުކަން ފޮޓޯގަނޑަށް އިތުރުވީ އެހެންވީމައެވެ. އޭނާއަށް އެ ވަގުތުކޮޅުގެ ތެރޭގައި އެކަހަލަ އިހުސާސެއް ވެރިވި ހަނދާންނެއް ނުވާތީއެވެ. ނަމަވެސް އޭނާއަށް ޔަގީންވާކަމެއް އޮތެވެ. އެދުވަހަށް ފަހު އޭނާއަކީ މޮޅު ނެށުންތެރިއަކަށްވީ ކަމެވެ. އޭގެކުރިން ލަވައެއްގެ ރާގަކަށް އެއް ހަމަޔަށް ފައިހިއްލާލަން ނޭނގޭ އޭނާ ކުއްލިއަކަށް މަޝްހޫރު ނެށުންތެރިއަކަށް ވާންވީ އެއްވެސް ސަބަބެއް އޭނާގެ ސިކުނޑިއަށް މިއަދާހަމައަށް ނުވިސްނެއެވެ. އޭނާގެ ހިޔާލުގެ މިސްރާބު ދަތުރުގެ ހަނދާންތަކަށް ގަންބާލި މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. އައިޝަމްގެ ހަނދާނުގެ ދުރުމީގެ ލެންސް އަމާޒުވީ ދަތުރުގެ އުފާވެރި، އެ މަޖާނެގި ހަނދާންތަކަށެވެ. މަޑުމަޑުން ފޮޓޯ ގަނޑުން ފެންނަމުން ދިޔަ މަންޒަރުގެ ތެރެއަށް ސިކުނޑި ގެބެމުން ދިޔައީ އިހުތިޔާރުން ބޭރުގައެވެ.

މުޅި މާހައުލުގައި ގުގުމަމުން ދިޔައީ ބޮޑުބެރުގެ ބުން އަޑުތަކެވެ. އެއާ އެއްވަރަށް ވަށައިގެންތިބި ލަވަކިޔުންތެރިންގެ ލަވައިގެ އަޑާއި އެއްވަރަށް އަތްޖަހައި ހޯބޯލަވާ އަޑުތައް ގުގުމަމުންދިޔައެވެ. އިވެމުންދިޔައީ ޒަމާނީ ބޮޑުބެރުގެ އަޑުތަކެވެ. ޒަމާންވީ ފަރިހީގެ ރާގަށް ތައްޔާރުކޮށްލެވިފައިވާ އަމިއްލަ ފަރިއްސެއްގެ އަޑުތަކެވެ.

ބެރުގެ ބުންތަކާއި ފޮނައިގައި ހުރި ފަންވަރާ އެއްވަރަށް ޒުވާބު ކިޔަމުންދިޔަ ކުދިންނާއި ކުޅިބަލަމުން ނަށަމުން ދިޔަ ގުރޫޕުގަނޑުގެ މެދުގައި ހިމޭޝް ހުސްގަޔާ ހުރިތަން ފެނި އައިޝަމް ވެސް ލަވައިގެ ހަމައަށް އަތްޖަހަމުން ދިޔައެވެ. ކައިރީގައި ފަރުޙާނާއި ހަނީފުގެ އިތުރުން ދެތިން ރަހުމަތްތެރިންނާއި އެމީހުންގެ އެކުވެރީންނާއި ދެކެފަރިތަ މޫނުތައް ލަވައިގެ ފޯރީގައި ބައިވެރިވަމުން ދިޔައެވެ. ނަށަމުން ދިޔަ ލާނެތް ފުރައިގެ ސޮރެއް ގެންގުޅުނު ރުމާފަޅި ގެނެސް އައިޝަމްގެ މޫނަށް އެއްލުމުން، ވަށައިގެން ނަށަމުންދިޔަ އެންމެން އެކުގައި އައިޝަމްއާ ދިމާކޮށްލިއެވެ.

ހިމޭޝް އާއި ދެތިން ސޮރުންވެގެން ވަށްބުރުގެ އެތެރެއަށް އޭނާ ދަމައިނެގުވިއެވެ. މަޑުމަޑުން ބެރާއި ލަވައިގެ ތާލާ އެއްވަރަށް އޭނާއަށް ނެށެން ފެށުނީ ބޭއިހުތިޔާރުގައި ކަމަށް އޭނާ ވެސް ގަބޫލުކުރެއެވެ. އައިޝަމްގެ ހަރަކާތްތައް އަވަސްވެފައި ހިމޭޝް އާއި ދެމީހުން ބަބުރު ލަވައިގައި ނަށާ އުސޫލުން ކޯޅޭގޮތަށް ނެށުން ކުރިއަށް ދާންފެށުމުން ނަށަން ތިބި އެހެން ހުރިހާ ބައިވެރިން އެއްކައިރިވެލައި ލަވައަށް އިތުރަށް އަލިފާން އަޅަމުން ބެރުގެ އަޑުން މުޅިތަން ފަތަހަކުރަމުން ދިޔައެވެ. ދުރުގައި މަންޒަރުބަލަން ތިބި އެންމެން ބެރުގެ ފޯރި ނަގަމުންދިޔަ ދޮންވެލި ތުނޑިއަށް، އެ ގުރޫޕުގެ ކައިރިން ޖަމާވަމުން ދިޔައީ ނަގަމުންދިޔަ ފޯރި ބަލައިލުމުގެ ނިޔަތުގައެވެ. އެންމެންގެ ދުލުން އައިޝަމްގެ ނެށުމަށް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.

****

"ސީކޮށް މަ ހިޔެއް ނުކުރަން. ނޭނގެ ކުރިން އެއްގޮތަކަށް ވެސް. ހިމޭ ކަންނޭނގެ ޤަބޫލުކުރިޔަސް މި ކަން ޤަބޫލުކުރާނީ. އެއްކަލަ ދުވަހުގެ ހޮވި ސަންގު ކަހަލަ ހަމަ އެކުލައިގެ އެގޮތަށް އޮތް ސަންގެއް، އޭތި އޮތީ މިދިމާ ފަޅުތެރޭގަ ކަންނޭނގެ، އޭތި މަޑުމަޑުން ފިރުކެމުން ފިރުކެމުން އައިސް ދިޔަރެސް މައްޗަށް އަރަން ފެށުމުން އަހަރެންގެ ލޮލުގައި އަޅައިގަތީ. އެހެންވެ ވާނުވާ ބަލަން ބީޗުގަ ހަމަޖެހިލައިގެން އޮތީ. އޭރު މިތާ ކައިރީ ފަރޭމެންގެ ގުރޫޕުން ވޯޓަރ ބޯލް ކުޅެން އުޅުނު. އެ ގުރޫޕުން އެއްލި ބޯޅައެއް ސަންގުގެ ކުރިމައްޗަށް ޖެހުނުތަން ވެސް ފެނުނު. ބޯޅަ އޭތިގެ ކައިރިއަށް ދިޔުމުގެ ކުރިން އޭތި ދިޔަރެސް ހުރަސްކޮށް އެއްގަމާވީ ކޮޅަށް މިސްރާބު ޖެހި. އަހަރެން ހީކުރީ ބޯޅަ ބަލައި އައީ ހަނިއްޗެއަށް އޭތި ފެންނާނެކަމަށް. އެގޮލާ ބޯޅަ ހިފައިގެން ދިޔަ ގޮތަށް ދިޔައީ، ހިޔެއް ނުވޭ ފެނުނުހެންނެއް." އައިޝަމް އިނީ ކުޑަބަނޑޮހުގެ ހުޅަނގު ދެކުނު ފަރާތުގެ ގޮނޑުދޮށުގައިވާ ގަސްތަކުގެ ތެރޭގައި މޫދާ ދިމާއަށް ބަލަހައްޓައިގެންނެވެ.

އެދުވަހު ދިމާވި އާދަޔާ ހިލާފު ވާހަކަތައް ހިމޭޝްއަށް ހިއްސާކުރާށެވެ. އެމީހުންގެ ކުރިމަތިން މޫދުގައި އެމީހުންނާ އެކު ދަތުރު ގޮސްއުޅޭ ގުރޫޕުގަނޑު ސަކަރާތްޖެހުމާއި އެކިއެކި ކުޅިވަރު ކުޅުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

"ދެން، އޭތި މިހާރު ކޮބައި؟" ހިމޭޝް ބޭނުންވީ ކަންވީގޮތް ސާފުކުރާށެވެ.
"އިހަށް ކެތްކޮށްބަލަ، ވީ ގޮތް މި ކިޔައިދެނީނު."
"އޯކޭ. އަވަސް." ހިމޭޝްގެ ކެތްތެރިކަން ކޮޅުން ލަމުންދިޔައެވެ.
"ދެންވީ ގޮތެއް ނޭނގުނު. ވަރަށް ސަމާލުވެ އޮއްވާ ފަރޭ ކޮންމެ ވެސް އެއްޗެއް ގެއްލިގެން އަހަރެންގެ ފަހަތުން އައިސް ގޮވާލުމުން ފަހަތް ބަލައިލެވުނީ. ފަރޭ ދިޔުމުން ސަންގު ފެނޭތޯ ދެތިން ފަހަރަކު ބަލައިވެސްލިން، ނުފެނުނީމަ އެ އެންމެފަހުން އޮތްތަނަށް ގޮސް ހޯދަން ވެސް ހޯދިން. ނަސީބަކުން އޭތީގެ ހަރަކާތްތައް ބިންމަތީގައި ކުރެހިފައިހުރި. އެ މަގުން މަޑުމަޑުން އަހަރެން އެއްގަމަށް އެރިން. ހޭޅި ގަނޑާހަމައަށް ދެވެންދެން އޭގެ ދިޔަމަގު ހުރި. ދެން ނެތް! އެހެންވެ މަޑުމަޑުން ހޭޅިގަނޑަށް މިސްރާބު ޖެހިއިރު ކަމަކުދާކަށްނެތް. ރީތިރީތި ދޮން ބައްޓެއްފަދަ ފަތްމިންޏެއް. ހޭޅި ގަނޑުގެ ކައިރީ އިސްޖަހައިލައިގެން. އަހަރެންގެ ހިޔަނި ފެނުމުން އިސްއުފުލައިލާ ބަލައިލަމުން ހިނިތުންވެލީ. ދުވަހަކު ވެސް..... ދުވަހަކު ވެސް އެކަހަލަ އެވަރުގެ ރީތި، އެހައިމެ ފުރިހަމަ މޫނެއް، އެކަހަލަ ޖާޒުބީ ބެލުމެއް، އެފަދަ ހިތްގައިމު ހިނިތުންވުމެއް، އެކަހަލަ ރަން ފަން އިސްތަށިގަނޑެއް އަހަރެން ނުދެކެން. އެ މޫނު ފުރަތަމަ ފެންނަ އިރަށް ބުނެދޭން ނޭނގޭ އަސަރުތަކެއް އަހަންނަށް ކުރަންފެށި. އަހަރެންގެ... އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތް..." އައިޝަމްގެ މޫނުމަތިން އުފާވެރިކަމުގެ އަސަރުތައް ފާޅުވަމުން އެކަމަށް ލޮނު ހެޔޮވަރުކުރަމުން ދިޔައީ އޭނާގެ ނަފުސަށް ލިބިފައިވާ ހަމަ ޖެހުމެވެ.
"އޯ ޔާރު! ލަވް އެޓް ފަސްޓް ސައިޓްތަ؟ ހެއް ހެއް، ފިކްޝަނަލް ސްޓޯރީއެއްތަ؟ ނޫނީ ހިންދީ ޑްރާމާއެއްތަ؟ ފަންމިނި އެ ކޮން އެއްޗެއް؟ ހައްހައް! މިހާރު ތިބެނީ އާޓިފިޝަލް ފަތްމިނިން؟ ނޫނޭ. އާޓިފިޝަލް ކުލަމިނިން..." ހިމޭޝް ޖޯކު ޖަހައިލީ އައިޝަމް ހަދަހަދައިގެން ވާހަކަ ދައްކާކަމަށް ހީކޮށެވެ.
"ހިމޭ ޕްލީޒް ޤަބޫލުކޮށްބަލަ."
"ކިހިނެއް؟ ކޮބައި ހެކި؟ ކޮބައި އެމަންޖެ؟ ކޮންތާކަށް އޭނާ ވަނީ؟" ހިމޭޝް ބޭނުންވީ އެއީ ހިނގައިދިޔަ ކަމެއްކަން ޤަބޫލުކުރެވޭ ވަރުގެ ހެކިތައް އައިޝަމްގެ ފަރާތުން ހޯދާށެވެ. ހިމޭޝްގެ ޖުމުލަތައް ނުނިމެނީސް އައިޝަމް ލައިގެން އިން ޕޮކެޓް ފަޓުލޫނުގެ ބޭރު ޖީބަށް އަތްކޮށްޕާލަމުން އެއްޗެއް ނަގައި ހިމޭޝްއަށް ދިއްކޮށްލިއެވެ. ކުރިން އޭނާ ހޮވި ކަހަލަ، އެ ބައްޓަމަށް އޮތް ސަންގެކެވެ. ހަމަ އެކުލައެވެ. އެ ނިޝާންތައް ހުރިތަންތަނުގައި އެފަދަ ނިޝާންތަކެއް ފެވިފައި ހުއްޓެވެ.
"އޯހް. ހަމަ އެ ސަންގުތަ؟ ހަމަ އެކުލައިގެ ސަންގެއްދޯ!"
"ހިމޭ އަހަރެން އަހަރެން...." އައިޝަމް އާގަންނަގޮތްވުމުން ހުއްޓައިލިއެވެ. ކުޑަކޮށް ކަރުކެހިލަމުން ހިމޭޝްއަށް އޮޅުވައިލެވޭތޯ މަސައްކަތްކޮށްލިއެވެ.
"ކިހިނެއްވީ؟ އެ މަންޖެ ކީކޭ ބުނީ؟ ވާހަކަ ދެއްކިންތަ؟" ސުވާލަކަށްފަހު ސުވާލަކުން ހިމޭޝް ބޭނުންވީ ކަންވީގޮތް ސާފުކޮށް އޮޅުންފިލުވާށެވެ.
"އޭނާ ދިއްކޮށްލީ ތި ސަންގު. އަހަންނަށް ފާހަގަކުރެވުނީ އޭނާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު، ދެމިޔަކަނުން ހަނދު އޮއްސިފައިވާކަމުގެ ނިޝާންތަކެއް. އަހަންނާ ދިމާއަށް އޭނަ ބަލަހައްޓައިގެން ހުރިގޮތުން ވާހަކަތަކެއް ކިޔައިދޭން ބޭނުންވާ ކަމުގެ ހެކިތައް ހާމަކަން ބޮޑުގޮތެއްގަ ފާހަގަވި."
"ދެން ނާހަންތަ؟" ހިމޭޝް ސީރިއަސްވެވޭތޯ މަސައްކަތްކުރަމުން ހަމަޖެހިލިއެވެ.
"އަހަރެން ނަން ބުނެލާ އަމިއްލައަށް ތަޢާރަފުވީން! ސަލާމަތް އަތްދިއްކޮށްލަމުން އޭނާ ވެސް ތަޢާރަފުވި، ސަޅި ނަމެއް ކިޔަނީ ވެސް. އެނގޭތަ ނަން؟ 'މިކާޝް' އަދި ލޯބިން ކިޔަނީ 'ކާޝް' ކަމަށް ބުނެދިން، އަހަރެން ކޮންމެވެސް ތަނަކުން އަޑު އެހި ނަމެއް ހެން ހީވި މާބޮޑަށް ހަނދާނެއް ނުވި އެހެންވެ އަޅައިނުލަން. އޭނާގެ އަތުގައި އަތްޖެހި ސަލާމް ކޮށްލި ވަގުތު ބުނެދޭން ނޭނގޭ ގޮތްތަކެއް ވާންފެށި. އެއްކަލަ ދުވަހު މޫދުގައި އުޅެނިކޮށް ފައިގަ ނިޝާންތައް ހަރުވި ގަޑީ ކުރެވުނު ކަހަލަ އާދަޔާ ހިލާފު ގޮތްތަކެއް ވާންފެށީ. މުޅިމީހާގެ ވަށައިގެން ފާޑެއްގެ ހިމުން ބާރު އަޑުތަކެއް އިވެމުން، ހޮޅިއެއްގެ ތެރެއިންލާފައި ބާރު ދުވެއްޔެއްގައި ދުރު ރާސްތާއަކަށް ދަތުރުކުރެވެމުން ދިޔަހެން ހީވަނީ. ގަސްގަހުގެ ކުލައާއި މާހައުލު ފެންނަނީ ފެހިކުލައިން އެއްކުލަވެފަ ހުއްޓާ. އެއްވެސް ތަނެއް ވަކިވާވަރެއް ނުވި. ހިމުން އަދި ބާރު ހުދުކުލައިގެ އަލިތަކަކާއެކު އަހަރެން ވެސް ހަލުވި ދުވެއްޔެއްގައި ދަމާ ގެންދާކަހަލަ ގޮތެއްވާންފެށީ. އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނު. ދެންވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގުނު." އައިޝަމްގެ މޫނުމަތިން އަބުއިކަމުގެ ނިޝާންތައް ހާމަވަމުން ދިޔައެވެ. (ނުނިމޭ)