ހަބަރު

ޕީޖީއަށް ފާހަގަވީ އިދާރީ މައްސަލަތަކެއް، ކޮރަޕްޝަނެއް ނޫން

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީ ރިޕޯޓުން ފާހަގަވީ ޖިނާއީ މައްސަލަތަކަކަށްވުރެ ބޮޑަށް އިދާރީ މައްސަލަތެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލަ ދިރާސާކޮށް ބެލި ބެލުމުން އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކޮށް، ކުށް ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ މައްސަލަ ވާނީ އޭސީސީ އަށް އަނބުރާ ފޮނުވާ ލެވިފައި ކަމަށެވެ.

ޕީޖީ ވިދާޅުވީ، މުޅި ހަރަކާތް ހިނގާ ދިޔަ ގޮތަށް ބަލާއިރުގައި މިއަށްވުރެ ރަނގަޅަށް މިކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. ޕީޖީން ބަލަނީ ޖިނާއީ ދައުވާ އެއް ކުރެވޭތޯ ބެލުން ކަމަށާއި އިދާރީ އޮޑިޓެއް ހަދާ ފެންވަރު ރަނގަޅީ ކާކުތޯ ބަލަން ނޫން ކަމަށް ވިދާޅުވި އެވެ. އެގޮތުންބަލާއިރު ބިޑް ކޮމިޓީގެ މަސައްކަތުން ބަޔަކަށް ފައިދާ އެއް ވާން މަގުފަހިވެފައި އޮތްކަން ސާބިތުކޮށްދެވެން ނެތް ކަމަށެވެ.

"ފުރަތަމަ އެހެން ނަމެއް ކިޔާ ކުންފުންޏަކާ ބެހޭގޮތުން ވާހަކަ ދެކެވި، ފަހުން އެހެން ނަމެއް ކިޔާ ކުންފުންޏަކަށް އެ ނަން ބަދަލު ކުރަން، އިދާރީ ކަންކަމެއް ހިނގާފަ އެބަ ހުރި. އެއީ ވަކި މީހަކަށް މަންފާ އެއް ހޯދައިދިނުމަށް ކުރި ކަމެއްތޯ ނުވަތަ ނޫންތޯ ޖެހޭނީ ކޯޓުގައި ސާބިތުކޮށްދޭން، ބަލާއިރުގައި އެއީކީ އެހެން ހިނގާފަ ހުރި ކަމަކަށްވުރެ އިދާރީ އޮޅުމެއް"

އޭސީސީ ދައުވާ ރިޕޯޓުގެ ތަފްސީލު ދެއްވާ ޕީޖީ ވިދާޅުވީ، ދައުވާ ކުރި 11 މީހުންގެ ތެރެއިން ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް އަށް ކުރާ ތުހުމަތު 'މިކަމުގައި އިސްކޮށް ހަރަކާތްތެރިވުން'، މިއީ ދައުވާ ކުރާ މީހާގެ ވަޒީފާގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަމުގައި އޭނަ ވަޒީފާއިން ބޭރުން ކަމެއް ކޮށްފައި އޮތީ ނޫން ކަމަށާއި ދުބާއީ ކުންފުންޏަށް އީމެއިލެއް ކުރި ކަމަށާއި މެއިލްގައި އޮތް އިބާރާތުން އެއީ 'ކޮންފަމޭޝަނެއް' ނަމަވެސް ޕީޖީ އަށް ދޭހަވަނީ އެއީ 'އެކްނޮލެޖް' ކޮށްފައި އޮތް ގޮތަށް ދޭހަވާ މެއިލެއް ކަމަށެވެ.

"ހުރިހާ އީމެއިލްތަށް ކިޔާލިއިރު އެބަ އެނގޭ މި ދައްކަނީ ޕްރޮޖެކްޓު އެވޯޑު ކުރި ވާހަކަ އެއް ނޫން ކަން. މި ދައްކަނީ އީމެއިލް ލިބިއްޖޭ، އަގުތައްވެސް ލިބިއްޖޭ، އެކަން އެކްނޮލެޖްކޮށްފައި (ބަލައިގެންފައި) އޮތް ގޮތަށް ދޭހަވާ ގޮތަށް އޮތް އީމެއިލް އޮތީ"

އަދި ވިދާޅުވީ، މި މުއާމަލާތުގެ ތެރޭގައި ދުބާއީގެ ކުންފުންޏާވެސް މިނިސްޓަރާވެސް ވާހަކަދެކެވި އެކަމަށް އެކަކުވެސް އިންކާރު ނުކުރާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން މީހަކަށް މަންފާ އެއް ވާގޮތަށް ކަމެއްވެފައި އޮތް ކަމަށް ކޯޓުގައި ސާބިތުކޮށްދެވޭނެ ހެކި ނެތް ކަމަށެވެ.

މީގެ އިތުރުން، ވެންޑާ ރަޖިސްޓްރީ ކުރި ކަމަށް އޭސީސީން ތުހުމަތު ކުރި ނަމަވެސް އެއީވެސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ކޮރަޕްޝަން ކަމަށް ބެލެވޭނެ ގޮތެއް ނެތް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ މި ދައްކަނީ، ސިޓީ އެއް ފޮނުވާފައި އޮތުން، އީމެއިލެއް ފޮނުވާފައި އޮތުން ވެންޑާ ރެޖިސްޓްރީ ކޮށްފައި އޮތުން، އެއީ އޭނާގެ ވަޒީފާގެ ގޮތުން ކުރަން ޖެހޭ ކަންކަން" ޕީޖީ ވިދާޅުވި އެެވެ.