ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ތާވަލުކޮށްފި އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށް، އަމީނަށް އިތުބާރުއޮތްތޯ ބަލަން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖެހިފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
"އަމީންގެ މައްޗަށް ގަލޮޅު ދެކުނުގެ އިތުބާރެއް ނެތް،" މީކާއިލް ވިދާޅުވި އެވެ.
ނަމަވެސް، އެ ބައްދަލުވުން އޮތް ވަގުތެއް އޭނާ ވިދާޅެއްނުވެ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމުމުން، އިތުބާރު ގެއްލި، އޭސީސީގެ މެންބަރުން ވަކި ކުރަން ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި މީކާއިލް ހިމެނެ އެވެ.
ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.
އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.