ވިޔަފާރި

ްބްރޯޑްބޭންޑް ޕޮލިސީ ވަރަށް އަވަހަށް ނިމޭނެ: ހޯމް މިނިސްޓަރު

ރާއްޖޭގެ ހުރިހާ ރަށަކަށް އިންޓަނެޓުގެ ހިދުމަތް ދޭން ސަރުކާރުން ކުރިއަށް ގެންދާ "ބްރޯޑްބޭންޑް ޕޮލިސީ" ގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އާއި ފޭސްބުކް ގުޅިގެން މުޅި ރާއްޖެއަށްދޭ "ފޭސްބުކްގެ ފްރީ ޕްލެޓްފޯމް" ގާއިމް ކުރަން ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ އުމަރު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ އޮޕަރޭޓަރުންގެ ބައިވެރިވުމާއެކު އެ މަސައްކަތް އަވަހާ ނިންމާލައްވާނެ ކަމަށެވެ.

"ސަރުކާރުގެ މުހިންމު ފޮލިސީއެއް ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު އިންޓަނެޓުގެ ހިދުމަތް ދިނުން އެއީ. އެކަމަށް ބްރޯޑްބޭންޑް ޕޮލިސީއެއް ގާއިމް ކުރަނީ. ސަބަބަކީ އިންޓަނެޓުގެ ހިދުމަތުގެ ސަބަބުން ގިނަ ފަސޭހަ ތަކެއް ގެނެސްދޭ،" އުމަރު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވަނީ ބްރޯޑްބޭންޑް ޕޮލިސީގެ ބޭނުމަކީ އިގްތިސާދީ މަސައްކަތް ކުރަން ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ. އެގޮތުން ރާއްޖެއަކީ ސާކް ސަަރަހައްދުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ރޮނގުން އެންމެ ކުރިއަރާފައިވާ ގައުމަކަށް ހެދުމަކީ މަގުސަދެއް ކަމަށް ވަނީ ކުރިން ބުނެފަ އެވެ.