ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސަތުތައް އެކަށައެޅުމުގައި ތަފާސްހިސާބު މުހިންމު: ރައީސް

ފުރިހަމަ ގޮތެއްގައި ތަފާސްހިސާބު ބެލެހެއްޓުމަކީ ގައުމެއްގެ އިގްތިސާދުގެ އުފެއްދުންތެރިކަން ދެނެގަތުމާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމާއި އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާސްހިސާބު ބަލަހައްޓައި އެއްކުރާ މައުލޫމާތުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމުގައެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް އެކަށައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި އެކުލެވިގެންވާ ދާއިރާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި ހިމެނޭ ކަންކަމަކީ ވެސް ތަފާސްހިސާބު ބޭނުންކޮށްގެން އެ ދާއިރާތަކުން ހާސިލުކުރެވޭ ކަންކަމާއި ކުރިއެރުން ހޯދޭ މިންވަރު ދެނެގަނެވޭނެ ކަންކަން ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ހަރަދުކުރުމާއި ބަލި ފެތުރޭ މިންވަރު ދެނެގަތުމާއި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ތަފާސްހިސާބުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި ވިދާޅުވިއެވެ.

ގައުމީ ތަފާސްހިސާބުގެ ދުވަހެއް ފާހަގަކުރުމަށް ނިންމަވާ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅައި މި ދާއިރާއިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފައިކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުންދަނީ "އިތުބާރުހުރި ތަފާސްހިސާބުން ދުނިޔެ ގުޅައިލުން" މި ޝިއާރުގެ ދަށުންނެވެ.