ހަބަރު

ވެންޓިލޭޓަރު މައްސަލަ މަޖިލީހުން ދޫނުކުރަން ނަޝީދު އެދެފި

Oct 21, 2020

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވީ ނަމަވެސް، އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދައުވާ އުފުލޭނެ މިންވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ނިންމަވާފައިވީ ނަމަވެސް، އެ މައްސަލަ ވަކިކޮޅެއްގައި ޖެހެންދެން، ރައްޔިތުންގެ މަޖިލީހުން އެކަން ބެލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެކި ނެތް ކަމަށް ބުނެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އަމީންއަށް އިތުބާރުނެތް ކަމުގެ މައްސަލަ 26 މެންބަރުންގެ ސޮއި އާއެކު ރޭގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅަފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައިގެ ނޯޓިސް ފޮނުވި ފަހުން، އަމީން ރޭ ދަންވަރުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އަމީން އިސްތިއުފާ ދެއްވާފައިވާތީ، އިތުބާރުގެ މައްސަލަ ކުރިއަސް ނުގެންދެވުނު ނަމަވެސް، ވެންޓިލޭޓަރު ހޯދުމުގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޕީޖީ އޮފީހާއި އޭސީސީ އާދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް މަޖިލީހުން ބަލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިގޮތުން، ފުލުހުންނާއި އޭސީސީ ގުޅިގެން ކުރި ތަހުގީގާ ގުޅިގެން ޕީޖީ އޮފީހާ ދެމެދު ހިލާފު އުފެދިފައިވާތީ، އެކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބެލުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ހޯދައި، ހައްގު އަދަބު ދެވި، ދައުލަތަށް ހޯދަންޖެހޭ ފައިސާ އަނބުރާ ހޯދައި، އެ މައްސަލަ ނިމެންދެން މި މަޖިލިސް ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ޒިންމާއެއް،" ނަޝީދު ވިދާޅުވި އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވިދާޅުވެފައިވެއެވެ.

އަމީންގެ ސިޓީގައި ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ،"