ހަބަރު

އޭސީސީގެ މެންބަރުން ވަކިކުރުން އެޖެންޑާކޮށްފި

Oct 21, 2020
1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެދި ހުށަހެޅި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެޖެންޑާ ކޮށްފި އެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޖެންޑާކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ނަމަވެސް، މި މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ. ޕީޖީން އެ ނިންމުން ހާމަކުރުމުން އޭސީސީގެ ތަހުގީގުގެ ފެންވަރާމެދު ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ސަރުކާރު އައިސް އޭސީސީގެ މެންބަރުން ބަދަލުކުރި ފަހުން އެ ކޮމިޝަނުން ކުރާ ކޮންމެ ތަހުގީގަކަށްވެސް ބޮޑެތި ފާޑުކިޔުން އަމާޒުވެއެވެ.

އެހެނަސް، ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ބުނެ އޭސީސީން ވަނީ އެ ފާޑުކިއުންތައް ދިފާއުކޮށްފަ އެވެ.

ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި އަމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.