ކޮވިޑް19 މުޅި ދުނިޔެ ވެސް ސިއްސުވާލި އެވެ. ބަލީގައި ޖެހުނު ގައުމެއް ނަމަ އެކަމުގެ އަސަރު ކުދިބޮޑު އެންމެނަށް ކުރި އެވެ. ރާއްޖޭގައި ވެސް ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބަޔަކީ މަތީ ތައުލީމަށް ކިޔަވަމުންދާ ޒުވާނުންނެވެ. ޒުވާނުންގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. އެމީހުން ބުނާ ގޮތުން ނަމަ، ކޮންމެ ހާލެއްގައި ވެސް ކިޔަވާނެ އެވެ. އެކަމަކު ވަޒީފާ ހަމަޖެހޭނެ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބެއް ބޭނުންވެ އެވެ.
ރާއްޖޭގައި ކޮވިޑުގެ ނަންބަރުތައް މަދުވަމުން ގޮސް، ނިއު ނޯމަލް އެއްގައި ކަންކަން ކުރިއަށްގެންދަން ފަށާފައި ވެއެވެ. ދަަތި ހައެއްކަ މަހަށްފަހު މިހާރު އޮތީ ޕޯސްްޓު ކޮވިޑު ދުވަސްވަރެވެ. ކޮވިޑް އެއްކޮށް ނެތިގެން ނުދިޔަ ނަމަވެސް، އެއާއެކު އުޅެން ވެސް މިހާރު ދަސްވެފައި ވެއެވެ. މި ދަތި ދުވަސްތަކުގައި ނިކަމެތި މީހުން އިތުރަށް ވީ ނިކަމެއްޗެވެ.
ލ. އަތޮޅުން މާލެ އަަށް ކިޔަވަން އައިސް ހުރި ޒުވާނަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރި އެވެ. އޭނާ ބުނާ ގޮތުން ނިމުނު ހަ މަސް ވީ އޭނާ އަށް ހަޔާތުގައި ވެސް ދިމާވި އެންމެ ދަތި ދުވަސްތަކަށެވެ.
އައިމިނަތު ފަޝީހާ އަކީ ޓީޗިން ދާއިރާ އިން ކުރިއަށް ދާން ގައުމީ ޔުނިވާސިޓީގައި ފައުންޑޭޝަން ސްޓަޑީޒަށް ކިޔަވަމުން އަންނަ ޒުވާނެކެވެ. އޭނާ ކިޔައިދިން ގޮތުގައި، ކޮވިޑުގެ ކަންތައް ފެށުމާއެކު އޭރު މަސައްކަތް ކުރަމުން އައި ވަޒީފާއިން ވަކި ކުރި އެވެ. ފަޝީހާ އުޅުނީ އަމިއްލަ ކުންފުންޏެއްގެ އޮފީހުގަ އެވެ. ވަޒީފާއަށް ވަން ފަހުން ދެ މަސް ވެސް ނުވާނެ އެވެ. ކޮވިޑުގެ ދަތިކަމާއެކު ގޭގައި މަޑު ކުރަން ބުނެ އެންމެ ފަހުން ވަޒީފާ އިން ވަކި ކުރީ އެވެ.
"އެއާޕޯޓު ޖޮބުން ކަނޑާލި ވާހަކަ ބުނީމަ ދެން ކިރިޔާވެސް ޝަރުތު ހަމަވި ތަނަކަށް ވިއްޔާ ހަމަ ވަޒީފާއަަށް އެޕްލައި ކުރިންް. އެކަމަކު އިންޓަވިއުއަށް ވެސްް ނުގުޅާ. ދެމަސް ފަަހުން ދިޔައީ ރަށަށް. ރަށުގައި ހުރެގެންް ވެސް އެކި ތަންތަން ބަލާ އެޕްލައި ކުރިން. ހާލަކުން ތަނަކުން އިއުލާނެއް ވެސްް ފެންނަނީ. ފަހުން އެހެން ތާކުން ޖޮބް ހަމަޖެހިގެން ގުޅާފަ ޔަގީންކަން ދިނީމަ މާލެ އައީ ޓިކެޓު ނަގައިގެން. އެކަމަކު އައިމަ އެ ވަޒީފާ ވެސް ހަމައެއް ނުޖެހުނު"
ގައުމީ ޔުނިވާސިޓީގެ ފެކަލްްޓީ އޮފްް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކިޔަވަމުންދާ އެހެން ކުއްޖަކު ކިޔައިދިނެވެ: "ކޯހުގައި ބައިވެރިވެގެން މިހާރު ދެވަަނަ އަހަރުގައި މި ހުރީ. ކުރިއަަށް އޮތީ އިންޓާންޝިޕް ދެން އެއް ސެމިސްޓާ. ވާނެ ގޮތެއް ނޭނގޭ. އިންޓާންޝިޕް އަށް ނަގާނެ ކަމެއްވެސްް. އަދި ނިންމާފަ ރިސޯޓް ޖޮބް އެއް ހޯދަން ބަލާއިރު ދިމާވާނެ ޗެލެންްޖެސް އަށް މިހާރު އެންމެ ވިސްނެނީ"
ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކީ 21 އަހަރުގެ ޒުވާނެކެވެ؛ ޓޫރިޒަމްް ސެކްޓާއަށް ވަންނަން ކޯހުގައި ބައިވެރިވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ބޭނުންވީ ކޯސް ނިމުމަށްފަހު ރިސޯޓު ޖޮބެކެވެ. އެކަމަކު މިއަަދު ކޮވިޑުގެ ހާލަތު ދިމާވެ ކިޔަވަން ކުރި ހަރަދާ ނުބައްދަަލު ވާތީ އޭނާގެ ކުރިމަގާމެދު ސުވާލު ކުރެވެ އެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އޭނާ ބުނި ގޮތުގައި، ކްލާހުގައި ކިޔަވާ އެތައް ކުދިންނެއް މި ސުވާލު ކުރެ އެވެ.
ޖޮބް ކްރައިސިސް އަކަށް ދިއުން އެކަށީގެންވޭ؟
އިންޑިއާ ކަހަލަ ކޮވިޑުގެ ނަންބަރުތައް ގިނަ އާބާދީ ބޮޑެތި ގައުމުތަކުގެ ހާލަތަށް ބަލާއިރު، ގިނަ މީހުން ސިފަ ކުރަނީ އެ ގައުމުތަކަށް މިހާރު ދިމާވެފަައި އެއޮތީ ޖޮބް ކްރައިސިސް އެއް ގޮތުގަ އެވެ. އިންޑިއާގެ މިހާރުގެ ހާލަތު ދިރާސާކޮށް އަލްޖަޒީރާގައި ޕަބްލިޝް ކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ޒުވާނުންނަށް އޮތީ ޖޮބްލެސް ފިއުޗާއެކެވެ.
ކޮވިޑް ކްރަައިސިސް އަށް ފަހު ރާއްޖޭގައި ވެސް ޖޮބް ކްރައިސިސް އެއް އުފެދުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ކުރެވެ އެވެ.
ގައުމީ ޔުނިވާސިޓީގައި އިކޮނޮމިކްސް މާއްދާ ކިޔަވައިދެއްވާ އަދި ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މުހައްމަދު އިޝްރާގް ފަައިސަލް ވިދާޅުވި ގޮތުގައި މީގެ ކުރިން ދުނިޔެއަށް ދިމާވެފައި ހުރި ޕެންޑެމިކްތަކާ ކޮވިޑް ތަފާތެވެ.
"އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ދުވަހުން ދުވަހަށް ފައިސާ ލިބޭ މަސައްކަތްތަކަށާއި ސާވިސް އިންޑަސްޓްރީއަށް. ޓެކްސީ ޑްރައިވަރުންނާ 'ލޭބަރާއިން' އަދި 'ފްރީލާންސިން' ކުރާ ފަރާތްތަށް. އެހެންވީމަ ރާއްޖޭގައިވެސް އަލުން ފިޔަވަޅުތަށް ވަރުގަދަ ކުރަން މަޖުބޫރު ވެއްޖެނަމަ ކްރައިސިސް އަކަށް ދިޔުމުގެ ފުރުސަތު އެބައޮތް،" އިޝްްރާގް ވިިދާޅުވި އެވެ.
މިލޭނިއަލްސް އަށް ޓެކްނޮލޮޖީ އާ ރައްޓެހި ވަޒީފާތަކެއް
މިލޭނިއަަލްސް ނުވަތަ ޖެނެރޭޝަން ޒެޑަކީ މިހާރުގެ ޔޫތުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވަޒީފާގެ މައިދާނުގައި ކުރީގައި ތިބޭނެ ޒުވާނުން ވަޒީފާތަކަށް ނިކުންނަން ފަށާއިރު ޒަމާނީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އޮފީސް އޮފީހުގައި މަސައްކަތް ކުރުމުގެ ބަދަލުގައި 'ވޯކް ފްރޮމް ހޯމް އާއްމުވެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޮޑު ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އިޝްރާގް ވިދާޅުވި ގޮތުގައި، ވަޒީފާތަށް އުފެއްދުމާ ސްޓްރަކްޗަރ ކުރުމުގައި ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް އޭނާ އަށް ލަފާ ކުރެވެ އެވެ. ކޮންޓްރެކްޓުކޮށް މީހުން ނެގުން އިތުރު ވުމާއި ދާއިމީ ވަޒީފާތަކަށް ސަރުކާރުގެ އިދާރާތަކުންވެސް މީހުން ނެގުންް މަދުވާނެ ކަމަށް އޭނާ ދެކެ އެވެ.
"މިހާރުގެ ކުދިން ބޭނުމެއްނުވޭ ހެނދުނު އަށަކުން ހަވީރު ފަހަކަށް ޔުނީފޯމް އަޅައިގެން އޮފީހެއްގަ އިންނާކަށް. ބޭނުން ވަނީ ފްރީލާންސް އަދި ޕްރޮފެޝަނަލް ހައިސިއްޔަތުން މިނިވަންކޮށް މަސައްކަތް ކުރަން. ވަޒީފާދޭ ފަރާތްތަކަށްވެސް މިކަހަލަ މަސައްކަތްތެރިންގެ މުހިއްމުކަން ކޮވިޑުން ފެނުނު. ޕާމަނަންޓްކޮށް މީހުން ނެގުމުން ކުރަންޖެހޭ ހަރަދު ބޮޑުވާތަން ފެންނަނީ. ގޭގައި މަސައްކަތް ކުރަން ފުރުސަތު ދިނުމުން އޮފީސް އިމާރާތް ކުޑަ ކުރެވި ދަައްކަން ޖެހޭ ކުއްޔާ އެހެނިހެން ޔުޓިލިޓީ ހަރަދުވެސް ބޮޑުތަނުން ކުޑަކުރެވޭ"
"ކޮވިޑުން ކުރިމަތިވި މާލީ ގޮންޖެހުންތަކުގެ ސަބަބުންވެސް ފުރަތަމަ ފެނުނީ ކޮންޓިންޖެންޓް ނުވަތަ ކޮންޓްރެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާއަށް ބޮޑަށް އަސަރު ކުރިތަން. ހާލަތު ރަނގަޅުވާން ފެށުމުން ފެނުނީ ހަމަ މިފަދަ ފަރާތްތަކަށް [ކޮންޓްރެކްޓް ވޯކާސް] އަށް ވަޒީވާގެ ފުރުސަތު ކުރިއަށްވުރެން އިތުރަށް ހުޅުވިގެން ދިޔަތަން. މިފަދަ މަސައްކަތް ތެރިންގެ މުސާރައަށް ބަދަލުގެންނަންވެސް ފަސޭހަ ވޭ. އެއީ 'ވޭރިއަބަލް ޕޭ'، 'ޕީސް ރޭޓް ޕޭ' އަދި 'ފްލެކްސިބަލް ވާކް ޝެޑިއުލްސް' ފަދަ ކޮންސެޕްޓްތަކަށް އެންމެ އެކަށީގެންވަނީ ކޮންޓްރެކްޓް ވޯކާޒް ކަމަށް ވާތީ"
އޭނާ ބުނާ ގޮތުން ނަމަ، ކުރިއަށްއޮތް ތަނުގައި މިފަދަ ފްލެކްސިބިލިޓީތަކާއި އެކު ޒަމާނީ ސްޓްރަކްޗާތަކަށް ފެތޭ ވަޒީފާތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކޮމްޕިއުޓާ އަދި އިންޓަނެޓް އައިސް ވަޒީފާ ތައް ބަދަލު ކުރި ގޮތަށް ދެން ވެސް އޮތީ ބޮޑު ބަދަލެއް ކަމަށް ދެކެ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މިހާރުވެސް މިތިބެވެނީ ހަމަ އެކަހަލަ މަލަމައްޗެއްގައިކަން. އެއީ އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޝަންގެ ޒަމާންވެސް މިއޮތީ މިހާރު އައިސްފަ"
ގައުމީ ޔުނިވާސިޓީގައި އާކިޓެކްޗާ ކިޔަވަމުން އަންނަ، ހުވައިނާ ހަސަން ކިޔައިދިން ގޮތުގައި ކޮވިޑާ ގުޅިގެން އޭނާ އަށްވެސް ދަތިތަކާ ދިމާވި އެވެ. އެހެންނަމަވެސް، އާކިޓެކްޓުންނަކީ މީގެ ކުރިންވެސް ފްރީލާންސް ކޮށް މަސައްކަތް ކުރި ބަޔެއް ކަމުން ފަހުން މިކަމަށް މާ ފަސޭހަ ވާނެ ކަމަށް ބެލެވެ އެވެ.
"މިހާރު ވަރަށް ގިނަ މީހުނަށް އެނގޭނެ ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެ ކަން. މީގެ ކުރިން ނަމަ ބައެއް މީހުން ގަބޫލެއް ނުކުރޭ ފްރީލާންސަރުންނޭ ބުނީމަ އެއީ އަސްލުވެސް މަސައްކަތް ކުރާ ބައެއް ކަމަށް. ކޮވިޑަށް ފަހު، އެކަން ގިނަ ބަޔަކަށް އެނގުނު. އެހެންވީމަ ގަބޫލު ކުރެވޭ ފިއުޗާގައި ޕްރޮޖެކްޓުތައް ހޯދާ ކަންކަން ކުރުމުގައި ފަސޭހަތަކެއް އަންނާނެ ކަމަށްވެސް"