ބޮލީވުޑް

ޖުނައިދު، ބައްޕަ އާމިރު ޚާން ފަދަ އެކްޓަރެއް

ޖުނައިދު ޚާނަކީ ސުޕަސްޓާ އާމިރު ޚާން އާއި ރީނާ ދައްތާގެ ދޮށީ ދަރިފުޅެވެ. ލޮސް އެންޖަލިސްގައި ހުންނަ އެމެރިކަން އެކަޑަމީ އޮފް ޑްރަމެޓިކް އާޓްސްގައި ދެ އަހަރު ދުވަހުގެ ތިއޭޓާ އާއި ފިލްމުގެ ރޮނގުން ތަމްރީނު ހޯދުމަށް ފަހު އެނބުރި އައިސް ތިން އަހަރެއްހާ ދުވަހު ތިއޭޓާގައި މަސައްކަތްކޮށް އެކްޓިންގެ ރޮނގުން ވަރަށް ގިނަ ތަޖުރިބާތައް ޖުނައިދު ހާސިލު ކޮށްފައި ވެއެވެ.

އެގޮތުން ތިއޭޓާގައި އޭނާ ފުރަތަމަ ތަމްސީލުކުރީ "މަދާ ކަރޭޓް އެންޑް ހާ ޗިލްރަން" ކިޔާ ތަމްސީލެކެވެ. ބައްޕަ އާމިރު ފަދައިން ޖުނައިދުގެ ވެސް އެކްޓިން ހުނަރު އެބަހުއްޓެވެ. ނަމަވެސް ލައިވް އޯޑިއަންސެއް ކުރިމަތީގައި އެކްޓް ކުރުމަކީ ޖުނައިދު ބުނާ ގޮތުގައި އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެއްވެސް ކުށެއް ކުރުމުގެ ފުރުސަތު ނުލިބޭނެތީ އެވެ. ރިޓޭކެއް ނެގުމުގެ ފުރުސަތެއް ސްޓޭޖުމަތީގައި ތަމްސީލުތައް ކުޅޭއިރު ނުލިބޭނެތީ އެވެ.

ވީމާ ތިއޭޓަރުގައި ތަމްސީލުކުޅެފައި ފިލްމުތައް ކުޅެން ފަށާ ތަރިން އާދަޔާޚިލާފަށް މޮޅުކަން ފާހަގަ ކުރެވެ އެވެ.
ޖުނައިދު ވެސް މިހާރު ތައްޔާރުވަމުންދަނީ އެކްޓަރެއްގެ ހައިސިއްޔަތުން ހިންދީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށެވެ. ނަމަވެސް ބައްޕަގެ މަޝްހޫރުކަމުގެ ފައިދާ ހޯދައިގެން އާމިރު ޚާންގެ ދަރިފުޅެއްގެ ނަމުގައި ބޮލީވުޑަށް ނުކުންނަން ޖުނައިދު ބޭނުމެއް ނޫނެވެ. އަދި ބައްޕަ މެދުވެރިވެގެން ފިލްމުތަކުން މަސައްކަތް ހޯދާކަށް ވެސް ޖުނައިދު ބޭނުމެއް ނޫނެވެ. ޚުދް އާމިރު ވެސް ޖުނައިދު އަށް މިރޮނގުން އެހީތެރިވާކަށް ބޭނުމެއް ނޫނެވެ. އާމިރު ވެސް ބޭނުންވަނީ އޭނާގެ ދަރިފުޅު އަމިއްލަ މަސައްކަތުން ކުރިޔަށް ދިއުމަށެވެ.

އެހެންވެ ޖުނައިދު މަސައްކަތް ކުރަނީ އަމިއްލައަށެވެ. އެކްޓަރަކަށް ބޭނުންވާ ގިނަ ޒުވާނުން ފަދައިން އޭނާ ވެސް އެކި އެކި އޮޑީޝަން ތަކަށް ގޮސް އޮޑިޝަންދީ ޕްރޮޑިއުސަރުންގެ އޮފީސްތަކުގެ ދޮރުގައި ޓަކިޖަހަމުން ހިނގަ އެވެ.

ތިއޭޓާގައި ތަމްސީލު ކުޅޭ ވަގުތުތައް ފިޔަވައި ދެން ހުރި ހުރިހާ ވަގުތެއްގައި ޖުނައިދު އުޅެނީ ކާސްޓިން ޑައިރެކްޓަރުންނާ ބައްދަލުކުރުމުގަޔާއި އޮޑިޝަން ދިނުމުގަ އެވެ. އެގޮތުން މާ ބޮޑު ކުރިއެރުމެއް ނުލިބުނަސް ބައްޕަގެ އެހީތެރިކަން އެއްވެސް ގޮތަކަށް މިކަމުގައި ހޯދަން ޖުނައިދު ތައްޔާރެއް ނޫނެވެ.

މެލަޔާލަމް ފިލްމެއްގެ ރިމޭކެއް ކަމަށްވާ "އިޝްގް"ގެ ލީޑް ރޯލު ޖުނައިދަށް ލިބިފައިވާ ކަމަށް ދާދިފަހުން އިންޑިޔާގެ ނޫސްތަކުން ބުނި ނަމަވެސް މިރޯލު ޖުނައިދަށް ނުލިބުނުކަން މިހާރު ވަނީ ޔަގީންވެފަ އެވެ. "އިޝްގް" އުފައްދާ ފަރާތުން ބުނެފައިވަނީ ޖުނައިދު އެ ފިލްމަށް އޮޑިޝަން ދިން ނަމަވެސް އޭނާ ނުހޮވޭ ކަމަށާއި އެ ރޯލަށް ހޮވުނީ އެހެން އެކްޓަރެއް ކަމަށެވެ. ވީމާ އަދިވެސް ޖުނައިދު އުޅެނީ ބޮލީވުޑަށް ތައާރަފްވާނެ ރަނގަޅު ފިލްމެއް ނުލިބިގެންނެވެ.

ޖުނައިދު އާ ޚިލާފަށް އޭނާގެ ކޮއްކޮ އަދި އާމިރުގެ އަންހެންދަރިފުޅު އީރާ ޚާން ފިލްމު ކުޅޭކަށް ބޭނުމެއް ނުވެ އެވެ. އީރާ ކިޔެވީ ވެސް އަދި މަސައްކަތް ކުރަނީ ވެސް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރަނގަޅު ހިސާބަކަށް ދެވޭތޯ އެވެ. އެގޮތުން އީރާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމުގައި އޭނާގެ ބޭބެ ޖުނައިދު ބައިވެރި ވެފައި ވެއެވެ.

ޖުނައިދު ތިއޭޓާގައި ޕާފޯމްކުރި ފުރަތަމަ ތަމްސީލުގެ ޑައިރެކްޓަރު ގައުސަރު ވަނީ ޖުނައިދު އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ދުވާލަކު 8-10 ގަޑިއިރު ރިހާސަލްގައި އުޅެން ޖެހުނަސް ޖުނައިދުގެ މައްސަލައެއް ނޯވެ އެވެ. އަދި ރޭގަނޑު ލަހުން ގެޔަށް ދެވުނަސް ހެނދުނު ހެނދުނާ އަލުން ރިހާސަލް އަށް އާދެ އެވެ. އޭނާގެ އަމިއްލަ ބަޔަށް ނޫނަސް އެހެން މީހުންގެ ބައިތައް ފުރިހަމަ ކުރުމުގައި ވެސް ޖުނައިދު އެހީތެރިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"އޭނާގެ ރިހާސަލް ނެތަސް އެހެން މީހުން ފަރިތަކުރާ ތަނުގައި ވެސް އޭނާ އެނބުރޭނެ. އަދި ރިހާސަލް އަށް މީހަކަށް ނާދެވޭ ފަހަރު އޭނާ އެމީހަކަށް ވެގެން ވެސް އެހެން މީހުންނަށް ފަރިތަ ކުރުމުގައި އެހީތެރިވެދޭނެ. ކަންކަން ދަސްކުރުމަށް ލިބޭ އެއްވެސް ފުރުސަތެއް ޖުނައިދު ނަގައެއް ނުލާ،" ޖުނައިދު އާއެކު ތަމްސީލެއްގައި މަސައްކަތްކުރާ މީހަކު ބުނެފައި ވެއެވެ.

ވީމާ ޖުނައިދަށް ފިލްމެއް ލިބިފައި ނެތަސް ކުރިޔަށް އޮތް ތަނުގައި ރަނގަޅު ފިލްމުތަކެއްގައި މަސައްކަތްކުރާނެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.