ސޯޝަލް މީޑިއާއިން ފެންނަ ބައެއް ވީޑިއޯތައް ބަލާފައި ހިތަށް އަސަރު ކޮށްގެން ރޮވޭ ގޮތްވާ މީހުން މަދެއް ނޫނެވެ.
މިމަހުގެ 15 ވަނަ ދުވަހު ވައިރަލްވެފައިވާ މިފަދަ އެއް ވީޑިއޯއަކީ ކައިވެނި ކޮށްގެން 60 އަހަރު ވަންދެން އުޅެފައިވާ ދުވަސްވީ ދެމަފިރިއެއް 200 ވަރަކަށް ދުވަހަށް ވަކިވުމަށް ފަހު އަލުން ބައްދަލުވާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. ޖޯސެފް އާއި އީވާގެ މި ލޯބީގެ ވާހަކަ އަކީ ހަމަ ގައިމު ވެސް ހިތްބަލި މީހަކަށް އަސަރުކޮށްގެން ރޮވޭނެ ވީޑިއޯ އެކެވެ.
އެމެރިކާގެ ޑެލާނޭ ކްރީކްގައި ހުންނަ ރިޓަޔާ ވެފައިވާ މީހުން ބައިތިއްބާ ފެސިލިޓީއެއްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ މި ވީޑިއޯއާއެކު ވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި އެ ތަނުގައި ދިރިއުޅެމުންދިޔަ ޖޯސެފް އާއި އީވާގެ 60 އަހަރުވީ ކައިވެނީގައި މި ދެމަފިރިން ވަކިވެފައިވަނީ މިފަހަރު އެކަންޏެވެ. ފުރަތަމަ ފަހަރަށް ވަކިވެފައި ދެ މީހުން އަލުން ބައްދަލުވީ ބަރާބަރު 215 ދުވަސް ފަހުން ކަމަށް މި ޕޯސްޓުގައި ވެއެވެ.
"ކައިވެންޏަށް 60 އަހަރު. ވަކިން 215 ދުވަހު އުޅެފައި އަލުން ގުޅިއްޖެ. ކޮރޯނާވައިރަހުގެ ވަބާ ފެށުނުފަހުން ބައްދަލުނުވެ ދެމަފިރިންނަށް އުޅެން ޖެހުނީ. އެހެންވެ އެހާ ދުވަސް ކޮށްފައި ބައްދަލުވެ ދެ މީހުން ބައްދާލި މަންޒަރަކީ ވަރަށް އަސަރުކުރި މަންޒަރެއް،" މި ޕޯސްޓުގައި ބުނެފައި ވެއެވެ.
ދެ މީހުންނަށް ވަކިވާން ޖެހުނީ ޖޯސެފް މާ ބޮޑަށް ބަލިވެގެން ރިހެބިލިޓޭޝަނަށް އެހެން ބިލްޑިންގަކަށް ގެންދަން ޖެހުމުންނެވެ. އަދި ކޮރޯނާވައިރަހުގެ ބިރާ ހެދި އަލުން އަނބުރާ އޭނާއަށް އަންހެނުން އީވާ ކައިރިއަށް ނާދެވި މިހާ ގިނަ ދުވަހު ހުންނަން ޖެހުނީ އެވެ. އެ ދުވަސްތަކުގައި ދެމީހުންނަށް ވާހަކަ ދައްކާލެވެނީ ހަމައެކަނި ފޯނުންނެވެ. އަދި ކުޑަދޮރުގެ ބިއްލޫރިގަނޑުން ހަނާ އަޅާލައި ޓާޓާ ކިޔާލެވޭ ވަރު ބައެއް ފަހަރު ވެފައި ވެއެވެ.
މި ވީޑިއޯ ބަލާފައި ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯބި ފެނިފައި ހިތަށް ވަރަށް އަސަރުކޮށްފި ކަމަށް ބުނެފަ އެވެ. އަދި މި ހާ ލޯބިން އެކުގައި އެހާ ގިނަ ދުވަސް އުޅެފައިވާ ދެމަފިރިއަކަށް ދުވަސްކޮޅަކަށް ވެސް ވަކިވާން ޖެހުމުން ކުރާނެ އަސަރު ވިސްނޭ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.