އަހުމަދު ނަސީމް

ހެލްތް މިނިސްޓަރަކަށް ނަސީމް އައްޔަން ކުރައްވައިިފި

ހެލްތް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހެންވޭރު ހިކިފިނިފެންމާގެ އަހުމަދު ނަސީމް އައްޔަން ކުރައްވައިފި އެވެ.

ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނަސީމް، އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އަދި ނަސީމަށް އެ މަގާމުގެ ފަތްކޮޅު މިއަދު އަރުވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ.

ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ހެލްތް މިނިސްޓަރު ކަމުން އަމީން މަގާމުން އިސްތިއުފާ ދެއްވާފައިިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމަަށް ހުށައަޅާފައި މިވަނީ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ.

އަދި ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަމީން، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީފުޅުން އެއީ ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއްކަން އެނގެއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވިދާޅުވެފައިވެއެވެ.

އަމީންގެ ސިޓީގައި ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ،"

އަމީންއަކީ ރައީސް ސޯލިހުގެ ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ތިން ވަނަ ވަޒީރެކެވެ. ފުރަތަަ އިސްތިއުފާ ދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އެކަމަނާވެސް މަގާމުން އިސްތިއުފާ ދެއްވީ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލިސްތެރެެއިން ވަކިކުރާނެ ކަމުގެ ގަދަ އިންޒާރު އެމްޑީޕީގެ މަޖިލިސް މެންބަރުން ދެއްވުމުންނެވެ. އޭގެ ފަހުން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ނަމަވެސް އެ އިސްތިއުފާގެ ފަހަތުގައިވެސް ފޮރުވިފައިވަނީ ސަރުކާރުގެ ތެރެއިން އަދި އެމްޑީޕީގެ ތެރެއިން އައި ޕްރެޝަރެވެ. ފަހުން އެ މަގާމަށް އެމްއާރްއެމްއިން ބޭފުޅެއްގެ ނަން ފޮނުވުމަށް ތައްޔާރުވެފައިވަނިކޮށް ރައީސް ވަނީ އެ މިނިސްޓްރީވެސް އުވާލައްވާފައެވެ.

އަމީން އަދި އާތިފާގެ އިތުރުން ބޮޑެތި ތުހުމަތު ކުރެވުނު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން އަލީ އެކަން ނުކުރެއްވުމުން މަގާމުން ވަނީ ވަކިކޮށްފައެވެ.