ހެލްތް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހެންވޭރު ހިކިފިނިފެންމާގެ އަހުމަދު ނަސީމް އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށް ވިދާޅުވެ އެ ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނަސީމް، އެ މަގާމަށް ހަމަޖައްސާފައިވާ މަގާމުގެ ފަތްކޮޅު މިއަދު އަރުވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި އަދި ތަޖުރިބާ ހުރި ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.
"އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަން،" ރައީސް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ނަސީމަށް ތައުރީފު ކުރައްވާ ވިދާޅުވިއެވެ.
ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ.
ހެލްތް މިނިސްޓަރު ކަމުން އަމީން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުގައި ރައީސް ނަޝީދު އިސް ދައުރެއް އަދާކުރެއްވި ކަމަށް އެނގިފައިވެއެވެ. އަމީން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ތެރެއިން އައި ޕްރެޝަރާއި ހެދި ރައީސް ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަަކަށްފަހު އެވެ.