ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދޮވެވޭ ފޭސް މާސްކް: ކޮންމެ ފަހަރަކު ދޮންނަން ޖެހޭ!

ފޭސް މާސްކް އެޅުމަކީ މިހާރު އެންމެންނަށް ކޮންމެހެން ކުރަން މަޖްބޫރުވެފައިވާ ކަމެކެވެ. އާދައިގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗަކަށް މާސްކް ވެފައިވާއިރު ތަޖުރިބާކާރުން ބުނަނީ ފޭސް މާސްކް އަޅާ ގިނަ މީހުންގެ ތެރެއިން ދޮވެގެން ބޭނުން ކުރެވޭ ވައްތަރުތައް އަޅާ މީހުން އެ މާސްކެއް ބޭނުން ކުރާ ކޮންމެ ފަހަރަކު މާސްކް ނުދޮންނަ ކަމަށެވެ. އެތައް ފަހަރަކު އެއް މާސްކެއް ނުދޮވެ އަޅާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ ދޮވެވޭ ކަހަލަ ފޮތި މާސްކް އަޅާނަމަ ކޮންމެ ފަހަރަކުވެސް އެ އަޅަން ޖެހޭނީ ދޮވެ ސާފުކޮށްގެންނެވެ. އެއް ފަހަރު އަޅައިގެން ބޭރުގައި އުޅެލާފައި އައިސް ބާއްވާފައި އަނެއްކާ ދާންވީމާ އަޅައިގެން ދިއުން ރަނގަޅެއް ނޫން ކަމަށެވެ. އެއް ފަހަރުވެސް މާސްކް ބާލައިފިނަމަ ދެން އެ މާސްކެއް އަޅަން ޖެހޭނީ ދޮވެ ހިއްކައިގެންނެވެ. އަދި ޑިސްޕޮސިބަލް މާސްކް އަޅާނަމަ އެ އެއްޗެއް މާ ގިނަ ދުވަހު ބޭނުން ނުކޮށް އެއްލާލަން ޖެހޭނެ ކަމަށެވެ.

އިނގިރޭސި ވިލާތުގައި މިދިޔަ އޮގަސްޓް މަހު ކުރި ސާވޭއަކުން ހާމަވެފައިވާ ގޮތުގައި އެ ގައުމުގެ މީހުންގެ ތެރެއިން ދޮވެގެން ބޭނުންކުރެވޭ ޒާތުގެ މާސްކް އަޅާ މީހުންގެ ތެރެއިން ގަވާއިދުން އެ މާސްކް ދޮވެ ސާފުކޮށްގެން ބޭނުންކުރަނީ އެންމެ 13 ޕަސެންޓް މީހުންނެވެ. އަދި 56 ޕަސެންޓް މީހުން ބުނެފައިވަނީ އެމީހުން އާއްމުކޮށް ބޭނުންކުރަނީ ޑިސްޕޮސިބަލް މާސްކް ކަމަށާއި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެއް މާސްކެއް ބޭނުންކުރާ ކަމަށެވެ.

ޔުނިވަސިޓީ އޮފް ޕްލައިމައުތުގެ މޮލެކިއުލާ އެންޑް މައިކްރޮބައޮލޮޖީ ލެކްޗަރާ ޑރ. ޓިނާ ޖޯޝީ ވިދާޅުވި ގޮތުގައި ދޮވެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މާސްކް ބޭނުންކުރާ ކޮންމެ ފަހަރަކު ދޮންނަން ޖެހެނީ އެ މާސްކެއް މޫނުގައި އެޅުމާއެކު އެ ތަޣައްޔަރުވާނެތީ އެވެ.

"އަހަރެން ދޭނެ ނަސޭހަތަކީ ދޮވެވޭ މާސްކް އަޅާނަމަ ދުވާލަކު އެއްފަހަރަކު އެ ދޮވުމުގެ ބަދަލުގައި އަޅާ ކޮންމެ ފަހަރަކު ދޮންނާށޭ. ކޮންމެ ފަހަރަކު މާސްކް އަޅައިގެން ގެއިން ނުކުމެގެން ގޮސްފައި އެނބުރި އައިސް ނަގާފައި ވަގުތުން އެ މާސްކް ދޮވެލާށޭ. މާސްކް ދޮންނައިރު ރަނގަޅަށް އަތްވެސް ދޮވެލާށޭ. އެއް ފަހަރުވެސް އަޅައިފިއްޔާ އެއީ ތަޣައްޔަރުވެފައިވާ އެއްޗެއްގެ ގޮތުގައި ބަލާށޭ،" ޑރ. ޓީނާ ވިދާޅުވި އެވެ.

ޑރ. ޓީނާ ވިދާޅުވީ މިއީ ދެން ތަންކޮޅެއް ބޮޑުވަރެއް ކަމަށް ބައެއް މީހުންނަށް ހީވިޔަސް ހަގީގަތުގައި މިއީ މިކަން ކުރަން ޖެހޭނެ ގޮތެވެ. ބޭރަށް ނުކުމެ އެހެން މީހުން އުޅޭ މާހައުލެއްގައި އުޅޭއިރު އޭގެ ތެރެއިން ބަލި ޖެހިފައި ހުރީ ކާކުގެ ކަމެއް އަދި ވައިރަސްގެ ތިކިތައް މާހައުލުގައި ހުރީ ކޮންކޮން ހިސާބެއްގައި ކަމެއް. އަދި އޭގެން ބައެއް ތިކި ތިމާގެ މާސްކްގައި ތަތްވެފައި ނުހުންނާނެ ކަމެއް އެކަކަށް ވެސް ޔަގީނެއް ނުކުރެވޭނެ އެވެ. ކޮންމެހެން ކޮންމެ ފަހަރަކު ދޮންނަ މެޝިނަށް ލައިގެން މާސްކް ނުދޮވުނަސް އާދައިގެ ދޮންނަ ސައިބޯނިކޮޅެއް ލައިގެން އަތުން ދޮވެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެންގެ މާސްކް އަހަރެން ދޮންނަނީ އަތުން. ދިޔާ ސައިބޯނިކޮޅެއް ލައިގެން ދޮވެލާފައި ފެލާލާފައި ހިއްކަން އަޅާލަނީ،" ޑރ. ޓީނާ ވިދާޅުވި އެވެ.

އެއް މާސްކަށް ވުރެ ގިނަ މާސްކް ގެންގުޅުމަށް ވެސް ޑރ. ޓީނާ އިރުޝާދު ދެއްވި އެވެ. އޭރުން އެއް މާސްކް ދޮވެފައި ހިކެން ވާއިރަށް އަނެއް މާސްކް ބޭނުން ކުރެވޭނެތީ އެވެ. މާސްކް އަޅާއިރު ރަނގަޅަށް އަނގަޔާއި ނޭފަތް ފަދަ ތަންތަން ފޮރުވޭ ގޮތަށް އެޅުމުގެ މުހިއްމުކަން ވެސް ތަޖުރިބާކާރު ފާހަގަ ކުރެއްވި އެވެ.

މާސްކް އެޅުމުގެ ބޭނުމަކީ ތިމާ އާއި އެހެން މީހުން ބަލިން ރައްކާތެރިކުރުން ކަމަށާއި މި މަގްސަދު ހާސިލު ކުރެވޭނީ އެ އަޅަންޖެހޭ ގޮތަށް އަޅައިގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.