ފިނިޕޭޖް

"ބްރަހްމަޝްތުރަ" ކުރު ކުރަން އެދިއްޖެ

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފެންޓަސީ ފިލްމު "ބްރަހްމަޝްތުރަ" އަށް ބެލުންތެރިން އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. އަމީތާބު ބައްޗަން އާއި ނާގްއަރުޖުނާ އަދި ޑިމްޕަލް ކަޕާޑިއާ ވެސް މުހިއްމު ރޯލުތަކެއް ކުޅޭ މި ފިލްމުގެ މަސައްކަތް ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފިލްމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ފިލްމުގެ ޝޫޓް ކޮށްފައިވާ މަންޒަރުތައް ފެނުނު ގިނަ ބަޔަކު ބުނާ ގޮތުގައި އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާތަނަށް އިންޑިޔާގައި އުފައްދާފައި ނުވާ ވަރުގެ ފުރިހަމަ އަދި ރީތި މަންޒަރުތަކެއް ފެންނާނެ ފިލްމެކެވެ. ނަމަވެސް މި ފިލްމުގެ މައްސަލައަކަށް ވެފައިވަނީ މާ ބޮޑަށް ފިލްމު ދިގުވީމަ އެވެ. އެހެންވެ ފިލްމުގެ އެއް ޕްރޮޑިއުސަރު ފޮކްސް ސްޓާ ސްޓޫޑިއޯސް އިން މިހާރު ވަނީ ފިލްމު ދެ ގަޑިއިރާ ބަޔަށް ކުރުކޮށްލުމަށް ޑައިރެކްޓަރުގެ ކިބައިން އެދިފަ އެވެ.

އިންޑިޔާގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ޑިޒްނީ ފަދަ ކުންފުނިތަކުން މިހާރު ގެންދަނީ އިންޑިޔާގައި ކުރާ މަސައްކަތްތައް މަދުކުރަމުންނެވެ. ސަބަބަކީ އިންޑިޔާގައި އުފައްދާ ފިލްމުތަކުން މާ ބޮޑު ފައިދާއެއް ކުންފުނިތަކަށް ނުލިބޭތީ އެވެ.

"ބްރަހްމަޝްތުރާ"އަކީ މިހާތަނަށް އިންޑިޔާގައި އުފައްދާ އެންމެ އަގުބޮޑު ފިލްމުކަމަށް ވަނީ ބެލެވިފަ އެވެ. އެހެންކަމުން މި ފިލްމު ފްލޮޕް ވެއްޖެނަމަ ނުވަތަ އެކަށީގެންވާ ތަރުހީބެއް ނުލިބިއްޖެނަމަ ޕްރޮޑިއުސަރުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ އެވެ.

ކިތަންމެ ރީތި ފިލްމަކަށް ވިޔަސް އެ ފިލްމެއް މާ ދިގުނަމަ ބެލުންތެރިން އެ ފިލްމެއް ބަލަން އެހާ ހިތްހަމައެއް ނުޖެހެ އެވެ. "ބްރަހްމަޝްތުރާ" އަށް މި މައްސަލަ ކުރިމަތިވާނެކަމަށް މިހާރުއްސުރެ ޕްރޮޑިއުސަރުންނަށް ވެސް ގަބޫލު ކުރެވެނީ އެހެންވެ އެވެ.

ފިލްމުގެ ވަރަށް ކުޑަ ޝެޑިއުލް އެއް ނޮވެމްބަރު މަހު ފުރިހަމަކުރަން ވަނީ ހަމަޖެހިފަ އެވެ. މި ޝެޑިއުލްއާއެކު ފިލްމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ އެވެ. ދިހަ ވަރަކަށް ދުވަހަކަށް ދެމިގެންދާ މި ޝެޑިއުލްގައި އޮތީ ބައެއް ލަވަތަކުގެ ޝޫޓިންގާއި ކުދި ކުދި ޝޮޓްތަކެކެވެ.އަންނަ އަހަރުގެ ހޫނު މޫސުމަށް މި ފިލްމު ރިލީޒްކުރަން މިހާރު ރާވާފައިވާއިރު ފިލްމުގެ ސްޕެޝަލް އިފެކްޓްސް ތައްޔާރުކުރަން ވަރަށް ވަގުތު ބޭނުންވެ އެވެ.

"ބްރަހްމަޝްތުރާ"އަކީ ތިން ފިލްމު ހިމެނޭ ސިލްސިލާއެއްގެ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ވެސް އަޔާން ޑައިރެކްޓްކުރި ދެ ފިލްމެއްގައި ރަންބީރު މަސައްކަތް ކޮށްފައި ވެއެވެ. އެއީ "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ވޭކް އަޕް ސިޑް" އެވެ.