ބޮލީވުޑް

"ނަމަކް ހަލާލް" ރިމޭކެއް އުފައްދަން ބައްޕަ ނޫޅޭ: ވަރުން

އަމީތާބު ބަޗަންގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތި އަދި އެންމެ މަޝްހޫރު އެއް ފިލްމު "ނަމަކް ހަލާލް"ގެ ރިމޭކެއްގެ މަސައްކަތް މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން ފަށަން އުޅޭ ކަމަށް އިންޑީޔާގެ ނޫސްތަކުން ފަތުރާފައިވާ ހަބަރެއް ޑޭވިޑްގެ ދަރިފުޅު އަދި އެކްޓަރު ވަރުން ދަވަން ދޮގުކޮށްފި އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ޑޭވިޑް އުފައްދާ ފިލްމުގައި ބަތަލުގެ ބައި ކުޅެނީ ވަރުން ކަމަށެވެ.

ވަރުން ބުނި ގޮތުގައި އޭނާގެ ބައްޕައޭ ކިޔައިގެން ތަފާތު ވާހަކަތައް ހަދަހަދައިގެން ޝާއިއުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫނެވެ. އަދި އެއީ މަޖާ ކަމެއް ވެސް ނޫނެވެ. މިއަށްވުރެ ތަންކޮޅެއް ގަބޫލުކުރެވޭ ޒާތުގެ ވާހަކައެއް ދެއްކުމަށް މިކަމާ ގުޅޭ ގޮތުން ވަރުން ކުރި ޓުވީޓެއްގައި އެދިފައި ވެއެވެ.

"ނަމަކް ހަލާލް" އަކީ 1982 ގައި ރިލީޒްކުރި އަމީތާބާއި ސްމީތާ ޕާޓިލް، ޕަރްވީން ބާބީ އަދި ޝަޝީ ކަޕޫރާއި ވަހީދާ ރަހްމާން މުހިއްމު ރޯލުތަކެއް ކުޅެފައިވާ ފިލްމެކެވެ. ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮލީވުޑުން މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ކޮމެޑީ ފިލްމުގެ ގޮތުގައި މަޝްހޫރުވެފައިވާ ފިލްމެއް ވެސް މެއެވެ.

ވަރުން އެންމެ ފަހުން ކުޅެފައިވަނީ އަދި މިހާރު ރިލީޒްވުމުގެ މަގުމަތީގައި ވަނި ވެސް ތަންކޮޅެއް ކުރީގެ ފިލްމެއްގެ ރިމޭކް އެކެވެ. އެއީ ގޯވިންދާ އާއި ކަރިޝްމާ 1995 ގައި ކުޅުނު "ކޫލީ ނަންބަރު 1" އެވެ. ކުރީގެ ފިލްމު ވެސް އަދި ވަރުން އާއި ސާރާ އަލީ ޚާން ކުޅެފައިވާ "ކޫލީ ނަންބަރު 1"ވެސް ޑައިރެކްޓްކޮށްފައިވަނީ ޑޭވިޑް ދަވަން އެވެ.

މި ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރު ކުރީކޮޅު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބިރާ ހެދި ފިލްމު ވަނީ ލަސްވެފަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ޑިޖިޓަލް ޕްލެޓްފޯމެއްގަ އެވެ.