ހަބަރު

ރަސްދޫގައި ފެނުގެ ނިޒާމު ގާއިމްކޮށްފި

Oct 24, 2020

އއ. ރަސްދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ، ރަސްދޫގައި ކުރިއަށްގެންދިޔަ މަޝްރޫއު ނިންމާލާ މިހާރު ދަނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ޑިޒައިންކޮށް، 2886 މީޓަރުގެ ދިގު ނެޓްވޯކެއް އެ ރަށުގައި އަޅާފައިވެ އެވެ. އަދި 297 ގެއެއްގައި ފެން މީޓަރު ބަހައްޓާ ފެންގުޅާފައިވާ ކަަމަށާއި އާރްއޯ ފެސިލިޓީ ބިލްޑިން އެއް ގާއިމްކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރް އޯ ޕްލާންޓު ބަހައްޓާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ފެން ރައްކާ ކުރުމަށް 263 ޓަނުގެ ދެ ތާންގީ އާއި ވާރޭފެން ސާފުކުރުމަށް އަލްޓްރާ ފިލްޓްރޭޝަން ނިޒާމެއް ރަސްދޫގައި ގާއިމްކޮށް ވާރޭފެން ރައްކާ ކުރުމަށް 703 ޓަނުގެ އެއް ތާންގީ ވަނީ ބަހައްޓާފަ އެވެ.

އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫއު ގެ ދަށުން ފޯރުކޮށްދިނުމަށް ހަމަ ޖެހިފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.

މި ޕްރޮޖެކްޓަކީ، ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްގެން 30 މިލިއަން ރުފިޔާ އަށް ފެން ކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫއެެކެވެ.

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން ރަސްދޫ ރައްޔިތުންނަށް ސާފު ބޯފެނު ގެ ނިޒާމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.