ބޮލީވުޑް

ކަންގަނާއާއެކު މަސައްކަތް ކުރުމަކީ ބޮޑު ވޭނެއް

ޑައިރެކްޓަރު ހަންސަލް މެހެތާ އަކީ 2017 ގައި ރިލީޒްކުރި ކަންގަނާ ރަނާވަތު ބަތަލާގެ ބައިކުޅެފައިވާ "ސިމްރަން"ގެ ޑައިރެކްޓަރެވެ.

ކަންގަނާ އާއެކު މި ފިލްމު ކުޅުމުގައި ކުރެވުނު ތަޖުރިބާ ޑައިރެކްޓަރު ސިފަ ކުރަނީ "ވޭންހުރި ވަގުތުތަކެއް"ގެ ގޮތުގަ އެވެ. އަދި އިތުރަށް އެފަދަ ތަޖުރިބާއެއް ކުރަން ބޭނުންނޫން ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ. މާނައަކީ ކަންގަނާ އާއެކު އިތުރު ފިލްމެއްގައި މަސައްކަތް ކުރަން ހަންސަލް ބޭނުމެއް ނޫނެވެ.

"މުޅި ސެޓުގެ ކޮންޓްރޯލް އޮންނަނީ ކަންގަނާގެ އަތުގައި. އެކެން އެކްޓަރުން ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް އޭނާ ކުރޭ،" ހަންސަލް ބުންޏެވެ.

ހަފިންހަމްޕޯސްޓް އިންޑިޔާ އަށް ދީފައިވާ އިންޓަވިއުއެއްގައި ޑައިރެކްޓަރު ބުނި ގޮތުގައި އެ ދުވަސްވަރު އެ ފިލްމު ހަދަން އުޅެވުނު މޮޔަ އޭނާ ހިތަށް އެރި ކިތަންމެ ވަގުތުތަކެއް ދިޔަ އެވެ. އަދި އެ ފިލްމުގެ މަސައްކަތް ނުފެނުނު ނަމައޭ ވަރަށް ގިނައިން ހިތަށް އެރިއެވެ.

ހަންސަލް ދެކޭ ގޮތުގައި "ސިމްރަން"އަކީ އޭނާގެ ކެރިއަރަށް އެއްގޮތަކަށް ވެސް ބޭނުން ފިލްމެއް ނޫނެވެ. އޭނާ ފިލްމު އުފައްދާފައިވާ ފެންވަރަށް ވުރެ މާ ރަނގަޅު ފެންވަރެއްގައި އެ ފިލްމު އުފެއްދުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޑައިރެކްޓަރު އެއްބަސްވި އެވެ.

"ފިލްމު ރިލީޒްކުރުމަށްފަހު އަހަންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ފުން އަސަރުތަކެއް ކޮށް ތެރަޕީ ވެސް ނަގަން ޖެހުނު. އަހަންނަށް ނަފްސާނީ ގޮތުން ކުރި އަސަރުގެ ބޮޑުކަމުން އެހެން މީހުންނާ މުޅިން ވަކިން އެކަނި އެތައް ދުވަހަކު އިނިން،" ޑައިރެކްޓަރު ބުންޏެވެ.

ދެން ރިލީޒްކުރީ ރާޖްކުމާރު ރާއޯ އާއެކު ހަންސަލް އުފެއްދި "އޮމާޓާ"އެވެ. މި ފިލްމަކީ ވެސް މާ އެދެވޭ ކާމިޔާބެއް ލިބުނު ފިލްމެއް ނޫނެވެ. އެހެންވެ އޭނާއަށް ލިބުނު ނަފްސާނީ އުނދަގޫތަކަށް މި ފިލްމުން ވެސް އިތުރު އުނދަގޫތަކެއް ވުން ފިޔަވައި އިތުރު ކަމެއް ނުވި އެވެ.

"ހާލަތު ރަނގަޅުވާން ފެށީ "ސްކެމް 1992: ދަ ހަރްޝަދު މެހެތާ ސްޓޯރީ"ގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.
ޑައިރެކްޓަރު ނޫނަސް "ސިމްރަން"ގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އަދި އެޑިޓަރު އަޕުރްވާ އާސްރާނީ ވެސް ވަނީ ކަންގަނާގެ ޝަކުވާ ވަރަށް ބޮޑަށް ކޮށްފަ އެވެ. ފިލްމުގެ ހުރިހާ ކްރެޑިޓެއް ކަންގަނާ އަމިއްލައަށް ނަގަން މަސައްކަތްކުރާ ކަމަށާއި ފިލްމުގެ މުޅި ވިޝަން ވެސް ކަންގަނާގެ ނުފޫޒުން ބަދަލުކޮށްލި ކަމަށް އަޕުރުވާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ކަންގަނާ ކުރިން ބުނެފައިވަނީ އޮރިޖިނަލް ސްކްރިޕްޓްގައި ކޮމާޝާލް ފިލްމެއްގައި ހުންނަން ޖެހޭ އެއްވެސް ރަހައެއް ނެތުމުން އޭނާއަށް ސްކްރިޕްޓްގެ ބޮޑު ބައެއްގެ މަސައްކަތް އަލުން ކުރަން ޖެހުނީ ކަމަށެވެ.

ހަންސަލް ބުނި ގޮތުގައި ކަންގަނާގެ ނުފޫޒު ގަދަކަމުން "ސިމްރަން"ގެ ސެޓުގައި ވަރަށް ވޭނާއި ތުރާ ކުރުމަތިވުމުގެ އިތުރުން މާލީ ގޮތުން އޭނާއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އޭގެ ފަހުން އެތައް ޒަމާނެއް ވީއިރުވެސް ކަންގަނާ އާއި އޭނާ އާ ދެ މީހުން ވާހަކަ ނުދައްކާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ. ނަމަވެސް އޭނާގެ ހިތުގައި ކަންގަނާ އާ ދޭތެރޭ އެއްވެސް ޝަކުވާއެއް މިހާރަކު ނެތެވެ.

ނަމަވެސް ކަންގަނާ އާއެކު ކުރިމަގުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ވިސްނުމެއް ހަންސަލްގެ ނެތެވެ.