ލައިފްސްޓައިލް

ކުރީގެ ފިރިމީހާއަށް ހަރަދު ދޭން ހުކުމްކޮށްފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ފެމެލީ ކޯޓަކުން ދާދި ފަހުން ހުކުމް ކުރި މައްސަލައެއްގައި އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާއަށް ކޮންމެ މަހަކު ޚަރަދު ކުރާނެ ފައިސާ ދޭން ވަނީ ހުކުމް ކޮށްފަ އެވެ. އެގޮތުން މަހަކު 2000 ރުޕީސް އަންހެންމީހާ އޭނާގެ ކުރީގެ ފިރިމީހާގެ ޚަރަދަށް ދޭން ވަނީ ޖެހިފަ އެވެ.

މި ފިރިހެނަކީ 62 އަހަރުގެ ކިޝޯރީ ލާލް ޝަންކަރް އެވެ. ކިޝޯރީ އަކީ ގަވާއިދުން މަހުން މަހަށް ފައިސާ ލިބޭ ވަޒީފާއެއް އަދާކުރާ މީހެއް ނޫނެވެ. ޔޫޕީ ކޯޓުން މުންނީ ދޭވީގެ މައްޗަށް ކުރި ހުކުމްގައި ވަނީ އެލިމަނީގެ ގޮތުގައި ފިރިހެންމީހާ އަށް މަހަކު 2000 ރުޕީސް ދިނުމަށެވެ. މުންނީ އަކީ އިންޑިޔާގެ އާމީގައި މަސައްކަތްކޮށް ރިޓަޔާ ވެފައިވާ އަންހެނެކެވެ. ރިޓަޔާ ވުމުން ޕެންޝަންގެ ގޮތުގައި މުންނީ އަށް މަހަކު 12،000 ރުޕީސް ލިބެ އެވެ.
ކިޝޯރީ އާމްދަނީ ހޯދަން ކުރަމުންދިޔަ މަސައްކަތަކީ މުޒައްފަރްނަގަރްގެ މަގެއް މަތީގައި ސައި ވިއްކާ ސްޓޯލެއް ހަދައި އެތަނުގައި ސައި ވިއްކުމުގެ މަސައްކަތެވެ.

ކޯޓަށް މި މައްސަލަ ވެއްދީ 2013 ވަނަ އަހަރު ކިޝޯރީ އެވެ. އެއީ ކައިވެނިކޮށްގެން އުޅޭތާ 23 އަހަރު ފަހުން ދެ މީހުން ވަކިވެފަ އެވެ. ވަރިވިއިރު ވެސް ދެ މީހުންގެ ކައިވެނީގައި މައްސަލަ ޖެހި ވަކިން އުޅޭތާ އޭރުވެސް އެތައް އަހަރެއް ވެއްޖެ އެވެ.

ކިޝޯރީ ކޯޓުގައި އެދިފައިވަނީ އޭނާގެ އޭރުގެ އަންހެނުން އަތުން ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 2000 ރުޕީސް ހޯދައިދިނުމަށެވެ. ހިންދޫ މެރިޖް އެކްޓް، 1955 ގެ ދަށުން މިގޮތަށް އަނބިމީހާ އަތުން ފިރިމީހާ އަށް ފައިސާ އަތުލެވެ އެވެ. ނަމަވެސް ވަރިކޮށްފައިވާ ފިރިއަކަށް އެލިމަނީގެ ގޮތުގައި ފައިސާ ދޭންޖެހޭ އަންހެނުން އިންޑިޔާގައި ވަރަށް ވެސް މަދެވެ.

ކިޝޯރީ އާއި މުންނީ އަށް ލިބިފައިވާ ހަމައެކަނި ފިރިހެންދަރިފުޅު އުޅެނީ މަންމަ އާއެކު ކާންޕޫރުގަ އެވެ. ދަރިފުޅު ބަލަނީ މަންމަ ނަމަވެސް ކޯޓުން އަންގާފައިވަނީ ކިޝޯރީގެ ޚަރަދު ވެސް މުންނީ ދޭން ޖެހޭނެ ކަމަށެވެ.