އަގްއޭރޯ

އަގުއޭރޯއަށް އަނެއްކާވެސް އަނިޔާ ވެއްޖެ

އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައި މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ ކުން އަގުއޭރޯއަށް އަނެއްކާވެސް އަނިޔާވެއްޖެ އެވެ.

ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް 1-1 ން އެއްވަރު ވި މެޗުގެ ފުރަތަމަ ހާފަށް ފަހު އަގުއޭރޯ ވަނީ ބަދަލު ކޮށްފަ އެވެ. ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އޭނާގެ ބަދަލުގައި ކުޅެން ނުކުތް ފިލް ފޮޑެން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލޯ ބުނީ އަގުއޭރޯގެ ފަލަމަސްގަނޑުގެ ފަހަތަށް އަނިޔާ ވެފައިވާ ކަމަށެވެ. ކުރިން ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު އަގުއޭރޯ ކުޅެން ނުކުތީ މިދިޔަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް 1-0 ން މޮޅުވި މެޗުގަ އެވެ.

ވެސްޓްހަމްއަށް ލަނޑު ޖަހައިދިން މައިކަލް އެންޓޯނިއޯއަށްވެސް ވަނީ އަނިޔާވެފަ އެވެ. އެ ޓީމުން ބުނީ އެންޓޯނިއޯގެ އަނިޔާ އާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ސްކޭން ހެއްދުމަށް ފަހު ކަމަށެވެ.

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގްގައި ކުޑަކަޅުވާ އާއި ފަލަމަސްގަނޑަށް އަނިޔާވުމުގެ މައްސަލަ 42 ޕަސަންޓް ވަނީ އިތުރުވެފަ އެވެ. ސީޒަންގެ ފުރަތަމަ ފަސް ހަފުތާގައި، މަސްލްސް އިންޖަރީގެ އަދަދު 78 އަށް ވަނީ އަރާފަ އެވެ.

މައްސަލަ މިހާ ބޮޑު ވެފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ޕްރީ ސީޒަނަށް އެކަށީގެންވާ މުއްދަތެއް ނުލިބުމާއި ކައިރިކައރީގައި ގިނަ މެޗުތަކެއް ކުޅޭން ޖެހުމުންނެވެ.

ޕްރިމިއާ ލީގްގެ ކޯޗުން ވަނީ، ދެ މެޗު ދޭތެރެއިން ކުޅުންތެރިން ރިކަވަރީ ހެދުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ކޮވިޑްގެ ހާލަތުގައި ކަމަށް ވުމުން ފަސް ކުޅުންތެރިން ބަދަލު ކުރެވޭނެ ގޮތަށް ފުޓްބޯޅައިގެ އާންމު ގަވާއިދަށް ގެނެސްފައިވާ ވަގުތީ އިސްލާހަށް އަމަލު ނުކުރަން ޕްރިމިއާ ލީގުން ވަނީ ނިންމާފަ އެވެ. މިއީވެސް އަނިޔާގެ މައްސަލަ އިތުރުވާނެ ސަބަބެކެވެ.