އަގްއޭރޯ

މި ސީޒަނަށްފަހު އަގުއޭރޯ ސިޓީ ދޫކޮށްލަނީ

މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ސާޖިއޯ ކުން އަގުއޭރޯ ނިންމައިފި އެވެ.

ޖޫންގައި 33 އަހަރު ފުރޭ އަގުއޭރޯ ވަނީ، ސިޓީ އާއެކު އޮތް އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފަ އެވެ. އޭނާ އެގޮތަށް ނިންމީ ކުލަބާއެކު ވެސް އެގޮތަށް އެއްބަސްވެ ކުރިމަގުގައި އެހެން ޕްރރޮޖެކްޓެއް ނެގުމުގެ ގޮތުންނެވެ. އަގުއޭރޯ އަލުން ލަލީގާއަށް ގެންދަން ބާސެލޯނާއިން ޝައުގުވެރި ވެއެވެ.

އެތުލެޓިކޯ މެޑްރިޑުން 2011 ގައި ސިޓީއަށް ބަދަލުވި އަގުއޭރޯ ވަނީ ސިޓީގައި 384 މެޗު ކުޅެ 257 ލަނޑު ޖަހާފަ އެވެ. އޭނާއަކީ އިނގިރޭސި ވިލާތުން ބޭރު ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ސިޓީގެ 10 އަހަރުވީ ކެރިއާގައި އަގުއޭރޯގެ ހަނދާންތަކާ އެންމެ ބޮޑަށް ގުޅޭނީ އޭނާގެ ފުރަތަމަ ސީޒަންގައި ލީގްގެ އެންމެ ފަހު މެޗުގެ އެންމެ ފަހު ވަގުތުގައި ކްއީން ޕާކް ރޭންޖާސް ކޮޅަށް އަގުއޭރޯ ވައްދާލި ލަނޑުންނެވެ. އެލެކްސަ ފާގަސަން ރިޓަޔާ ކުރުމުގެ އެއް ސީޒަން ކުރިން، ސިޓީއަށް އެ ސީޒަންގެ ލީގް ލިބުނީ އަގުއޭރޯ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. އެއީ 44 އަހަރު އަހަރު ތެރޭ ސިޓީން ކާމިޔާބު ކުރި އިނގިރޭސި ފުރަތަމަ ތައްޓެވެ.

"ބޮޑެތި ކާމިޔާބުތަކާއެކު 10 ސީޒަންގައި، އެ މުއްދަތުގައި އަހަންނަށް މަގާމު ލިބިފައި ވަނީ ތާރީހީ އެންމެ ގިނަ ގޯލް ޖެހި ކުޅންތެރިންގެ ސަފުން އަދި ސިޓީ ދެކެ ލޯބިވާ އެންމެހާ ފަރާތްތަކާ މެދު އަހަރެން ގުޅިފައިވާ ގުޅުމަކީ މުގުރާ ނުލެވޭނެ ގުޅުމެއް، އަހަރެންގެ ހިތުގައި އަބަދުވެސް އެ ފާރާތްތައް ހަނދާން ހުންނާނެ." ޓްވިޓާގައި އަގުއޭރޯ ލިޔެފައި ވެއެވެ.

މިދިޔަ ސީޒަންގެ ފަހު ކޮޅާއި މި ސީޒަންގައި އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމުން އަގުއޭރޯއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އަދި ކޮވިޑްގެ ބަލި އޭނާއަށް ޖެހުމުން އޭނާގެ ކެރިއަރަށް މި ސީޒަންގައި އަސަރު ކުރިކަމަށް އެކަން ވިއެވެ.

އަގުއޭރޯގެ މަގާމު ފޫބައްދަން، ބުރޫޝިއާ ޑޯޓަމުންޑްގެ އާލިންގް ބުރައުޓް ހާލޭންޑް ގެނައުމަށް ސިޓީން މަަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.