ހަބަރު

ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީން މިހާރު ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލު އަދި ހާމަ ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އަނިޔާ ކުރާ މަންޒަރު ފެންނަ އެ ވީޑިއޯ ރެއިން ފެށިގެން ސޯޝަލް މީޑިިއާގައި ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ ގޭގެ ތެރެއިން ބެލްކަންޏަށް ކުއްޖެއް ކޮށްޕާލާ މަންޒަރެވެ. އަދި ކުއްޖާ ވެއްޓިފައި އޮއްވާ ހެދުން އަޅުވާ ކޮނޑެއް ހިފައިގެން ގޮސް ގަދަ ކަމުން ގޭތެރެއަށް ވައްދާ މަންޒަރު ވެސް ފެނެ އެވެ. އެ ވީޑިއޯ ކޮށްފައި ވަނީ އެ ހިސާބުގައި ހުރި އެހެން ގެއެއްގެ ތެރެއިންނެވެ.

އެ ވީޑިއޯ އާއްމު ވުމާއެކު ގިނަ ބަޔަކު ދަނީ މި މައްސަލަ ބަލައިދިނުމަށް އެދެމުންނެވެ. އަނިޔާ ކުރި ފިރިހެން މީހާ ހައްޔަރު ކުރުމަށް ވެސް ބައެއް މީހުން އެދިފައި ވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކުރިން އެފަދަ މައްސަލަތައް ރިޕޯޓް ނުކޮށް ސިއްރު ކުރި ނަމަވެސް މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން މައްސަލަތަކުގައި އަމަލުކުރާ ގޮތާއި އެކަންކަމަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާތީ އެފަދަ މައްސަލަތައް ހިނގާ މިންވަރު މަދެއް ނުވެ އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 387 މައްސަލައެއް ޖޫން މަހާ ހަމައަށް ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފަ އެވެ.