(ތިންވަނަ ބައި)
"ދެން!" ހިމޭޝް ބޭނުންވީ ސާފުކޮށް ކަންވީގޮތް އޮޅުންފިލުވާށެވެ.
"ދެންވީގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު. އަހަރެން ލޯހުޅުވުނު އިރު އަހަރެން އޮތީ ކާޝްގެ އުނގުތެރޭ. މަޑުމަޑުން ދެ ލޯ ހުޅުވާ ބަލައިލީން، ކާޝް އޯގާތެރިކަމާއެކު ފިރުމަމުން އަހަރެންގެ އިސްތަށިގަނޑުގައި އިނގިލިން ފުނާއަޅަމުން ދިޔަ. އެ ފިރުމުންތަކުން އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެނބެމުން، ދިޔަ." އައިޝަމް ކަންވީގޮތް މަޑުމަޑުން ކިޔައިދެމުން ތަފުސީލުކުރަމުން ދިޔައެވެ.
ހިމޭޝް ވެސް މަންޒަރުގެ ތެރެއަށް ގެނބެމުން އައިޝަމްގެ ވާހަކައިގެ ތެރޭ ފީނަމުން ދިޔައީ ހިމޭންކަމާއި މަޑުމައިތިރިކަމާއެކު ބަސްއަހަން އިން ތުއްތު ކުއްޖެއް ފަދައިންނެވެ. ސީދާ އޭނާގެ ލޮލަށް އެ މަންޒަރު ފެންނަމުން ދިޔަ ކަހަލައެވެ.
"ކާޝް ކިހިނެއް؟ އަހަންނަށް ކީއްވީ؟" އައިޝަމްގެ އަޑުމަޑުވެފައި އޯގާތެރިއެވެ.
"އެއްވެސް ކަމެއް ނުވޭ. ޝަމް އަނބުރައިގަތީ. އަހަރެން ކުރަންވީ ސުވާލު ޝަމް ތި ކުރީ." މިކާޝް މަޑުމައިތިރިކަމާ އޯގާތެރިކަމާއެކު އެނާގެ ހަރަކާތްތައް ތަކުރާރުކުރަމުން ވާހަކަދައްކަން ފެށިއެވެ.
"މީ ކޮންތަނެއް؟ ކިހިނެއް؟ އަހަރެން ކޮންތާކު...؟" އައިޝަމް ވަށައިގެން ހޯދައިލަމުން މިކާޝްގެ އުނގުން ބޯހިއްލައިލަމުން ތެދުވެ ސުވާލުތަކުން ފުރިގެންވާ ރާގެއްގައި ސުވާލަކަށްފަހު ސުވާލެއް ތަކުރާރުކުރަމުން ދިޔައީ ވީނުވީ އެއް ނޭގުމުންނެވެ.
"އަހަރެން ޝަމް މިތަނަށް ގެނައީ. މީ އަހަރުމެންގެ ރަށް. ޝަމް އަނބުރައިގަތީމަ. ހާސްނުވޭ މިތަނުން އެއްވެސް ނުރައްކަލެއް ޝަމްއަށް ކުރިމައްޗެއް ނުވާނެ." މިކާޝްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ.
އޭނާ ހުރީ ހަމަޖެހިލައިގެން އައިޝަމްގެ މޫނަށް ބަލާށެވެ. އެތޫނު ނަޒަރުގެ ސަބަބުން އައިޝަމްގެ މުޅި ޝަޚްޞް ކަތިލަމުންދާ ކަހަލައެވެ. އައިޝަމް މިކާޝްއާ ހަތަރުކަޅި ހަމަކޮށްލި ވަގުތު ބުނެދޭން ނޭގޭފަދަ ބާރަކުން މިކާޝްއާ ދިމާއަށް ދަމައިގެންދިޔަ ކަހަލައެވެ. މުޅިމީހާގެ ނަފުސުން އަމިއްލަ ބާރުވެރިކަން ނެތި މީހާގެ ބާރުވެރިކަން މިކާޝް ކޮންޓްރޯލް ކުރަމުންދިޔަ ކަހަލައެވެ.
"ޕްލީޒް ތިވަރަށް ނުބަލަބަ. އަހަރެން މޮޔަވެދާނެ!" މިކާޝް ވައިއަޑުން އައިޝަމަށް މުހާތަބުކުރަމުން އައިޝަމްގެ ކޯތާފަތުގައި ފިރުމައިލިއެވެ.
"ތިޔަ ދެ ލޮލުން އަހަރެން މަސްތުކޮށްފި. ތިޔަ ފުން ބެލުމުން އަހަރެން ދީވާނާވެއްޖެ. ތިޔައީ ސިހުރެއްފަދަ މަސްތީބެލުމެއް. އަހަރެން ތިޔަ ސިހުރުން ފަނާކޮށްލައިފި." އައިޝަމްގެ އަޑުގައި ޖަޒުބާތީ ރާޅުބާނިތައް ދައުރާނާވަމުން އެކަން ހިނދުންހިނދަށް ގަދަވަމުން ދިޔައެވެ.
"ތިޔަ ލޯތްބަށް އެދި މިހިތް ތެޅެމުންދާކަން ކަލާއަށް ނޭގެނީތަ؟ މިހިތް ދީވާނާވެފައިވާ ވަރު ކަލާއަށް ވަޒަން ނުކުރެވެނީތަ؟ ކަލާގެ ފުރަތަމަ ފެނިލުމުން ވެސް އަހަރެންގެ ހިތް ކަލާއަށް އެދެންފެށި. އަހަރެން ކަލާގެ މިލްކަކަށް ހަދައިދޭނަންތަ؟" މިކާޝް ވެސް އައިޝަމްގެ ޖާދޫގައި ރަނގަޅަށް ޖެހި ހައްޔަރުވި ކަހަލައެވެ.
އައިޝަމްގެ ކޮންމެ ހަރަކާތަކަށް މިކާޝް ލެނބެމުން ދިޔައީ ހިތުން ރުހުމުން އެކަމަށް އެދިއެދި ހުރި ހާލުގައެވެ.
"މީ ކަލާގެ މިލްކެއް. މީ ކަލާގެ ޙައްޤެއް. ކަލާގެ ފުން ދެ ލޮލުން އަހަރެންގެ ޖިސްމު ކަތިލައިފި. ކަލާގެ މަސްތުގައި އަހަރެން ދީވާނާ ކުރުވައިފި." އައިޝަމް މަޑުމަޑުން މިކާޝްގެ ކޮލުގައި ހިފައި ގާތްކޮށްލިއެވެ.
އެއާއެކު އޭނާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. މަޑުމަޑުން ދެ މީހުން ފިތި ބާރުވިއެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅީގެ ތެރެއަށް ދެ ޖިސްމު ހާމަވަމުން ގުޅިލާމެހެމުން ދިޔައީ އެއްވެސް ބާރަކަށް އެދެމެދަށް ވަނުމަށް ނުކުޅެދޭނެ ފަދަ ހަލުވި މިނެއްގައެވެ. ލަސް ހަރަކާތްތެއްގެ ތެރެއިންނެވެ.
ހިނދުކޮޅެއް ފަހެވެ.
"އޯހް، މިއަދު އަހަރެން ވަރަށް އުފާވެއްޖެ. ވަރަށް ހިތްހަމަ ޖެހިއްޖެ. ބުނެދޭން ނޭގޭހާ އުފާ އަހަންނަށް ލިބިއްޖެ!. ހުރިހާ ކަމަކަށް ތޭންކްސް." މިކާޝް އައިޝަމްގެ މޭގައި ބޯއަޅައިގެން އޮވެ ލަސްލަހުން ވާހަކަދެއްކިއެވެ.
"މީ ޓޫ! ވަރަށް އުފާވެރި ދުވަހެއްދޯ. އަހަރެން އެންމެ އުފާވަނީ ކާޝް ކަހަލަ ރީތި ކުއްޖެއް އަހަންނަށް ލިބުނީތީ." އައިޝަމްގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ.
"ޝަމް ވެސް ވަރަށް ރީތި. އަހަރެން ބޭނުން ހުރިހާ ސިފައެއް ޝަމްގެ އެބަހުރި."
"ދެން ބުނެދީބަ. ކާޝް ތީ ކޮން ރަށެއްގެ ކުއްޖެއް. އަހަރެން ދުވަހަކު ވެސް ކާޝް އެއް ނުދެކެން. އަހަންނަށް ޔަޤީން މާލޭގަ ތިހައި ރީތިކުދިން ނޫޅޭނެ."
"އަހަރެން ހައްދަނީތަ؟"
"ނޫނޭ! ހަމަ ރަނގަޅަށް، ހައްދަނީއެއް ނޫން. ކާޝް ވަރަށް ރީތި. ތިޔަ ފުން ދެ ލޯ... ޖަންބެއްފަދަ ނިޔަނެތި ކޯތާފަތް... ދެން ބުނެބަލަ ކޮންރަށެއްތަ؟"
"އަސްލު ރަށެއް ނޭނގެ. އަހަރެން އުޅެނީ މާލޭގަ. މަންމަމެން ބުނާ ގޮތުން އަހަންނަކީ އެމީހުންގެ ދަރިއެއް ނޫން. އެމީހުން ދަރިފުޅު ނިޔާވީމަ، އެކަމާ ހިތާމަކޮށްކޮށް މަންމަ އެޑްމިޓްކޮށް ވަރަށް ބަލިވިކަން ރައްޓެއްސަކަށް އެނގުމުން، ޔަތީމެއްގެ ގޮތުގަ އަހަރެން މަންމައަށް ދިނީ، މަންމަގެ ވަރަށް ގާތް ރައްޓެއްސެކޭ ބުނީ. އެކަމަކު މަންމަޔާ ބައްޕަޔާ ވަރަށް ހެޔޮ، ވަރަށް އޯގާތެރި. އެއީ އަހަރެންގެ އަސްލު މައިބަފައިން ނޫންހެން ހީވެސްނުވޭ. އެހައި ވެސް އޯގާތެރި."
"އޭނ. ކާޝްގެ ބައްޕަ... ބައްޕަ ނެތީތަ؟" އައިޝަމް ހައިރާންކަން އިންތިހާއަށް ދިޔައެވެ.
"ނޫން! ބައްޕަހުރޭ. އެކަމަކު ދިމާވި ހާދިސާއެއްގަ އަހަރެން ބައްޕަ ވަނީ ގެއްލިފަ. ބައެއް މީހުން ބުނޭ އަހަންނަކީ އިންސާނެއް ނޫނޭ ވެސް. އެކަމަކު ކިހިނެއް އެހެންވާނީ؟"
"އޭނ! ކީއްވެ އެހެން ކިޔަންވީ؟"
"ނޭނގެ! ދުވަހަކު ވެސް އަހަރެން ކުރަން ބޭނުން ކަމެއް ނުވެފަ އެއް ނެތް. އަހަރެން ބޭނުން ކޮންމެ ކަމެއް އަހަންނަށް ވާނެ! ދެން...!"
"ދެން!" އައިޝަމް ދެލޯބޮޑުކޮށްލަމުން އިށީނދެލިއެވެ.
"އަހަންނަކީ ސުޕަނެޗްރަލް ޕަވަރ ލިބިފައި ހުންނަ މީހެއް. ބަލައިބަ، ފައިތިލަ! މިހިރި ލަކުނުތައް!" މިކާޝްގެ ފައިގަ ކުޑަކަޅުވާގައި އުފުލިފައިވާ ނިޝާންތައް ދައްކާލިއެވެ.
އައިޝަމްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ބޭއިހުތިޔާރުގައި އޭނާއަށް ކޮޅަށް ތެދުވެ ވެވުނީ އެހެންވީމައެވެ. މީހާ ބިރުން ތުރުތުރުއަޅާން ފެށި ކަހަލައެވެ.
"ޝަމް ހަމަ ޖެހިބަލަ، އަހަންނަށް އެނގޭ ޝަމްގެ ފައިގަ ވެސް މިކަހަލަ ދެ ލަކުނު އިން ކަން. ހާސް ނުވެބަލަ އަހަރެން މިއަދު ޝަމްއަށް މ ިވާހަކަތައް ކިޔައިދޭނަމޭ." އައިޝަމްގެ ފުރަގަހުން އޭނާގެ ގައިގައި މިކާޝް ބައްދައިލިއެވެ.
"އަދިވެސް ތިޔަ ހުންނަނީ ކަންތައްތައް ވަމުންދާގޮތް ނޭނގިފަދޯ." މިކާޝްގެ އަޑު ފަނޑުވަމުން ދިޔައެވެ.
"ކިހިނެއް ކާޝްއަށް މިކަންތައް އެނގެނީ." އައިޝަމް ބޭނުންވީ ހުރިހާ ވާހަކައެއް ވަގުތުން ސާފުކޮށް އޮޅުންފިލުވާށެވެ. އަޑުގައި ރުންކުރު ގޮތެއް އެކުލެވެމުން ދިޔަކަން ޚުދު އޭނާއަށް ވެސް ފާހަގަވިއެވެ.
"އަހަންނަކަށް ނޭނގެ އަހަންނަށް ކަންތައް އެނގެނީ ކިހިނެއް ކަމެއް. އަހަރެން ބޭނުން ކަންތައް ހިތަށް އެރުވުމުން އަހަންނަށް އެކަން ތަކެއް ވުމަށް ކަންކުރަންވީ މަގުތައް ސާފުކޮށް ފެންނާނެ. އެކަމަކަށް ހުންނަ ހުރަސްތައް އަހަރެންގެ ސިކުނޑިން ބުނެދޭނެ. އެކަމަކު...!" މިކާޝް ހަމަޖެހިލަމުން އައިޝަމްގެ އަތުގައި ހިފާ ކުރިއަށް ޖެހިލަމުން ކުރިން އިށީނދެ އިން ތަނުގައި އިށީނދެލަމުން ވާހަކަކުރިއަށް ގެންދިޔައެވެ.
"އެކަމަކު..."
"އެކަމަކު އަހަންނަށް އެނގެނީ އެކަމެއް ވުމަށް ފަސްވަރަކަށް މިނެޓަށް ވުމުން، މި ބުނީ މިސާލަކަށް މީގެ ފަސްވަރަކަށް މިނެޓު ފަހުން ވާން އޮތްކަމެއް އަހަންނަށް ޗެކުކޮށްލެވިދާނޭ. އަދި ނިމިދިޔަ ފަސް މިނެޓް ތެރޭ ވީކަންތައް އަލުން ޗެކުކޮށްލެވިދާނޭ. ކިޔައިދެވިދާނެ. އަހަރެންގެ ސިކުނޑި އަހަންނަށް އެކަމެއް ވާނެ ގޮތުގެ ސާފުމަންޒަރުތައް ލޯ މަރައިލުމުން ދައްކައިދޭނެ. އެއީ އަހަރެން އެކަމެއް ބަލަން ބޭނުމިއްޔާ." މިކާޝްގެ ވާހަކަތަކުން އައިޝަމްގެ ހިތް އޭނާގެ މައްޗަށް ލެނބެމުން ދިޔައެވެ.
އޭނާއަށް އެފަދަ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ މީހަކު ހަޔާތުގައި ދިމާނުވާތީ އެކަންތައްތައް ތަޖުރިބާކޮށްލަން ބޭނުންވިއެވެ. އައިޝަމް ޤަބޫލުކުރާގޮތުގައި އިންސާނަކަށް އާދަޔާ ހިލާފު ކަންކަން ކުރެވުމަކީ ނާދިރުކަމެކެވެ. އެއީ މުސްތަހީލު ކަމެކެވެ. އޭނާގެ ސިކުނޑި ގަބޫލުކުރަނީ އެފަދަ ކަންކަމަކީ އެއީ ހިޔާލީ ވާހަކަތަކުގެ ހިޔާލީ ފޮލާކަމަށެވެ. ހޮލީވުޑުގެ ފިލްމުތަކުގެ މަންޒަރުތަކެއް ކަމަށެވެ. އަމުދުން ރާއްޖެފަދަ ތަނެއްގައި އާދަޔާ ހިލާފު މީހަކު ނޫޅެއެވެ. ވަކީން ހާއްސަކޮށް އަންހެނަކަށް އެފަދަ ބާރެއް ލިބިފައި ނުވާނެއެވެ.
"އެންމެ ރަނގަޅު! އަހަރެން ވަރަށް ބޭނުން އަހަރެންގެ ފައިގަ މިވާ ލަކުނުތަކާ ކާޝްގެ ފައިގަ ތިހަރަ ލަކުނުތަކުގެ ޙަޤީޤަތް ހޯދަން." އައިޝަމްގެ ހިތުގެ ވިންދު އަވަސްވީ އޭނާގެ ވިސްނުމުގެ ނާރެހުގައި ތަކުރާރުވަމުންދާ ސުވާލުތަކުގެ ޖަވާބު ލިބޭތޯއެވެ.
"ހައް، ހައް ޝަމް ދޯ!" މިކާޝް ރަކި ގޮތަކަށް ހޭންފެށިއެވެ.
މީހާގެ މޫނު ރަތްވަމުން ހުނުން ބާރުވަމުން ދިޔައެވެ. އައިޝަމް ހީކުރީ މިކާޝް އޭނާއަށް މަލާމަތް ކުރަނީ ކަމަށެވެ. އެހެންވެ އޭނާ އަށް އިސްކުރެވުނީ ރުޅިއެވެ.
"މިކާ...ޝްޝްޝ" އައިޝަމް ބާރުބާރަށް މިކާޝްގެ ނަމުގެ ވަކިވަކި އަކުރުތަކަށް ބާރުކޮށްލަމުން ގޮވާލިއެވެ.
ކުއްލިއަކަށް ލިބުނު ސިހުމާއެކު މިކާޝް އައިޝަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ހައިރާންކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އައިޝަމްގެ މޫނުމަތީގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ.
"ރުޅި އައީތަ؟ ކީއްވެ އޭހާ ބާރަށް...؟" މިކާޝް އައިޝަމްގެ ދެ އަތުގައި ހިފާ ސުވާލު ތަކުރާރުކޮށްލީ އައިޝަމްގެ މޫނު ކަނާތްފަރާތަށް އަނބުރާލުމުންނެވެ.
"ޝަމް... ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟ ބުނެބަލަ!" މިކާޝް ވިންދު އަވަސްވެ ހަރަކާތްތައް އަވަސްވިއެވެ.
"ބުނީމެއްނު ކުރިއަށް ވާން އޮތްގޮތް ބެލޭއޭ ތިމަންނައަށް! ދެން ދެ ލޯ މަރާފަ ބަލަންވީނު ވީ ގޮތާ ވާން އޮތް ގޮތާ!" އައިޝަމް ޖޯކަކަށް ހަދަމުން މަލާމާތުގެ ރާގުގައި ބުނަން ބޭނުންވާ ވާހަކަ ބުނެ ނިންމާލީ މޫނު އަނބުރާލިގޮތަށް އިނދެއެވެ.
އެއާއެކު މިކާޝް މަޑުމަޑުން ވައަތުގެ ޝަހާދަތް އިނގިލީގެ ކޮޅު ވައަތުގެ ބުމައިގެ ކަނުގެ ކަންފަތާވީ ފަރާތުގައި ޖައްސާލަމުން ދެލޯ މަރައިލިއެވެ. އޭނާގެ ސިކުނޑީގައި ކުރިއަށް އޮތް ފަސްމިނެޓް ތެރޭގައި ވާން އޮތްގޮތްތައް ކުރެހެންފެށުނެވެ. އަވަސް ހަރަކާތްތަކެއްގެ ގޮތުގައެވެ. ހީވަނީ ފިލްމީ މަންޒަރެއް އަވަސްކޮށްލާފައިވާ ހެންނެވެ. އޭނާ ބޭނުންވީ ކުރިން ހިނގައިދިޔަ ވަގުތު ކޮޅު ތެރޭގައި ކަންވީގޮތް ބަލައިލުމަށެވެ. އެންވެ ކަނާއަތުގެ ބުމައާއި ނިތާވީ ދިމާއަށް އިނގިލި ބަދަލު ކޮށްލަމުން ކަނާތްފަރާތަށް ކުޑަކޮށް ބޯ އަރިކޮށްލިއެވެ. ކުއްލިއަކަށް ނިމިފައިވާ ވަގުތުން ފެށިގެން އޭގެ ކުރިއަށް މަންޒަރުތައް ދައުރުވަމުން ދިޔައެވެ. އައިޝަމްއާ ބައްދަލުވި ހިސާބަށް މަންޒަރު ގޮސް ހުއްޓުމުން ނިތްކުރިން އިނގިލި ނައްޓައިލުމަށްފަހު ދެވަނަ ފަހަރަށް ޖައްސާލަމުން އިސްދަށަށް ޖަހައިލިއެވެ. އެއާއެކު އޭނާ ހޭން ފެށިހިސާބުން މަންޒަރު ކުލަވާން ފެށިއެވެ.
"ހައް، ހައް ޝަމް ދޯ."
"އަނެއްކާ މީ ކޮންކަހަލަ އަންހެނެއްބާ. ހަމަ ސުވާލެއް ކުރާއިރަށް ޖެހޭތަ މަލާމަތްކޮށްފަ ހޭން. މީ އަންހެނުންގެ ފަރާތުން އަހަރެން އެންމެ ދެކެން ބޭނުންނުވާ މަންޒަރު. އަންހެނުންނަކީ ފިތުނައިގެ އަސްލޭ ބުނަނީ މިހެންވެ. ސުވާލެއް ކޮށްލާއިރަށް މަލާމަތްކޮށް ފާޑެއްގެ ރަކި ހިންޏެއް އެބަ އާދެ އެއްނު. ހުރެބަލަ، އަހަންނަކީ ވެސް ބާރު ހުރި މީހެއްކަން އަންގައިލާނަން! މި އަތުގެ ބާރު... މޫނުމަތީ... ނޫން އަތް އިސްކުރުމީ ފިރިހެނުންގެ ބަލިފައި. އަހަރެން އެފަދަ މީހަކަށް ނުވާނަން. މައްސަލައަކީ ގޮތްނޭނގޭ މީހަކު ފެންނައިރަށް ކުރަން ނުވާވަރުގެ ބޮޑެތި ކަންތައް ވެސް އަހަންނަށް ކުރެވުނުކަން. މީ އަހަރެން ދުވަހަކު ވެސް އުޅުނު ގޮތެއް ނޫން. ދެން... އެކަމަކު މީނާގެ ޖެއްސުން... މީ ދެން ކިހާބޮޑުވެއްޖެ ކަމެއް. މިކާ...ޝްޝްޝ"
މިކާޝް ހޭންފެށުމުން އައިޝަމްގެ ހިތުގައި ދައުރުވި ހުރިހާ އިޙްސާސްތަކެއް މިކާޝްއަށް މަންޒަރު ފެންނަމުން ދިޔަވަރަކަށް ކިޔައިދެމުން ދިޔައެވެ. މަންޒަރުތައް ދައުރުވެ ނިމުމުން ދެލޯ ހުޅުވާލަމުން މިކާޝް ވާހަކަ ފެށިއެވެ.
"ޝަމް ހިތްހަމަ ނުޖެހުނީ އަހަރެން ހޭންފެށީމައެއްނ ުދޯ! އަހަރެންގެ ގައިގަ ޖަހަން ވެސް ހިތަށް އެރި އެއްނުދޯ! އެކަން ނުކުރީ އަތް އިސްކުރުމަކީ ފިރިހެނުންގެ ބަލިފައިކަމަށް ހިތް ބުނުމުންނެއްނު ދޯ!" މިކާޝް އައިޝަމްގެ ހިތުގައި ދައުރުވި ވާހަކަތައް ހުލާސާކޮށްލިއެވެ.
އެއާއެކު އައިޝަމް ހައިރާންކަމާއެކު މިކާޝްއާ ދިމާ ބަލައިލިއެވެ. މަޑުމަޑުން އަނގަހުޅުވި ކަޅިޖަހައިޗނުލައި މިކާޝް އަށް ބަލަހައްޓައިގެން އިނދެ ބޯޖަހައިލިއެވެ.
"ދެން ކުރިއަށް ވާން އޮތް ގޮތް ދޯ!" މިކާޝް ވައަތުގެ ކަންފަތާއި ނިތްކުރިއާ ބުމައާއި ދިމާ މެދުގައި ވައަތުގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލަމުން ލޯ މަރައިލިއެވެ. އޭނާއަށް މަންޒަރު ފެންނަން ފެށުމުން މަޑުމަޑުން ކިޔައިދެމުން ދިޔައެވެ.
"އެންމެ ފުރަތަމަ އަހަރެން. ކިޔައިދޭނީ ލަކުނުގެ ޙަޤީޤަތް. ދެން... އޭގެ ފަހުން ޝަމް މަޢާފަށް އެދޭނެ. ދެން ޝަމްގެ ހުރި މިކަހަލަ ހުނަރު އަހަރެންގެ އެހީގައި ހޯދާނެ. އެއަށްފަހު ހިމޭޝްމެން ހޯދަން އުޅޭކަން އެނގުމުން އަހަރެން ޝަމް ގެންގޮސް ކުޑަބަނޑޮހަށް ލާނީ. އެހައިހިސާބުން ނިމޭނީ." އައިޝަމް އިނީ ބަސްހުއްޓިފައި މިކާޝްގެ ވާހަކަތައް އަޑުއަހާށެވެ.
"އަވަހަށް އަހަރެން ހުރި އާދަޔާ ހިލާފުކަމެއް އިހަށް ބުނެދީބަލަ." އައިޝަމް ބޭނުންވީ މިކާޝް ކުރެން ސާފުކޮށް އޭނާގެ ކިބައިން ފެންނާނެ އާދަޔާ ހިލާފުކަންތައް ސާފުކުރާށެވެ.
"ނެތްކަމެއް ތަޤްދީރުގައި ވާކަން ނުވެސް އޮންނާނެޔޭ، އެއްކަމެއް ވެސް ނުހިގަޔޭ ތަދުބީރު ކުރެއްވި ޕްލޭނަކުން، ޝަމް މި ޅެން ދަހެއް ނުކުރަންތަ؟" މިކާޝް ސުވާލަކުން ޖަވާބު ދިނެވެ.
"އޯކޭ! ގޯ އަ ހެޑް!"
"ލަކުނު ދޯ! އެއީ އަހަރެންގެ ފަރާތުން ޝަމް އަށް ހަދިޔާކުރި އަހަރެންގެ ލޯބީގެ ނިޝާނެއް! ޝަމް އަހަންނަށް ފެނުނު ދުވަހަކީ ޝަމް ކުޑަބަނޑޮހު މޫދުގައި އުޅުނު ދުވަސް. ހުސްގަޔާ ހުއްޓާ ފެނުމުން އަހަރެންނަށް ބުނެދޭން ނޭގޭ އިޙްސާސްތަކެއްކުރި. ތިޔަ ރީތިކަމަށް އަހަރެންގެ ހިތް އާދޭސްކުރަން ފެށި. އަހަރެން ދުވަހަކު ވެސް ތިހާ ރީތި ހަށިގަނޑެއް ނުދެކެން. ތަނަވަސް ފުޅާ ބައިމަތި... ބިންވަޅު ނެގި ކަނޑާނެގިފައިވާ ބަނޑުގެ މަސްތަކާ... ތިޔަ ފަތި ހަށިގަނަޑު... ދެއަތް ފުޅާކޮށްލައި މޭ ފުއްޕާލައިފަ ހުންނައިރު، ބަލައިލީމަ އިހުސާސްތަކަށް ވާންވެ ލޭގެ ހިނގުން އަވަސްވޭ.. ދެން ނޭނގެ! އެހެންވެ އަހަރެންގެ ހިތް މަޑުމަޑުން ޝަމް އަށް ލެނބިގެން ދިޔައީ ބޭއިހުތިޔާރުގަ... އެކަމަށް ހިތް ދަމާ ގެންދީ އެއްގަމުގަ އޮތް ދިރޭ މަހަކަށް ފެންގަނޑެއް ފެނުމުން ދަމާ ގެންދާގޮތަށް. އެހެންވެ މޫދުގަ އޮއްވާ އަހަރެން ޝަމް ގާތަށް މޫދުގެ ތެރެއިން ދިޔައިން. ވަރަށް ވާހަކަ ވެސް ދެއްކިން. ޝަމް ވެސް އަހަންނާ ވާހަކަދެއްކި. ނަން ވެސް އެހި. އަހަރެން އެދުވަހު ވެސް ބުނިން ކާޝްއޭ. އެކަމު އެއީ މޫދު ތެރޭގަ. ޝަމް ބުނީ ލޯބީގެ ނިޝާނެއް ދޭންވާނޭ. އެހެންވެ އެ ނިޝާން ދިނީ. ކޮންމެ ބޮޅަކުން އަކުރެއް. ފުރަތަމަ ބޮޅު ވަން، ދެވަނަ ބޮޅު ފޯރ ތިންވަނަ ބޮޅު ތްރީ. މާނައަކީ އައިލަވް ޔޫ އޭ." މިކާޝް އައިޝަމްގެ މޫނަށް ނަޒަރު ހިންގައިލިއެވެ.
އައިޝަމްގެ ސިކުނޑީގައި އެދުވަހުގެ މަންޒަރުތައް ސިފަވަމުން ދިޔައެވެ. އެހަނދާންތައް ތަކުރާރުވަމުން އެ ވަގުތުކޮޅުގެ މަންޒަރު ސިފަވާން ފެށިއެވެ.
"އާނ! ހަނދާންވެއްޖެ. އަހަރެން ބުނިންދޯ އެއްގަމަށް ހިނގާށޭ ވެސް. މޫދުގައި އޮއްވާ މަރުވެދާނޭ. އެހެންބުނީމަ ކާޝް ދޫކޮށްލި އަލިކަމަކުން އަހަރެން ވަށައިގެން ބެދުނީ... އެހައި ހިސާބުން ފެންތައް ބޭރަށް ނިކުމެ ފަސޭހައިން ނޭވާލެވޭ ގޮތަށްވީދޯ." އައިޝަމް ހަނދާވާން ފެށުމުން އެ ހަދާންތައް އާލާކޮށްލިއެވެ.
"ޝަމް ހައިރާންވެގެން އެހީނު ކިހިނެއްހޭ އެހެން ހެދީ. އަހަރެން ފައިގަ އިން ލަކުނު ދައްކާފަ ބުނީމެއްނު. މިތަނުންނޭ. ދެން ޝަމް ބުނީނު ތިމަންނާއަށް ވެސް ތިކަހަލަ ނިޝާންތަކެއް ޖަހައިދޭށޭ. އަހަރެން ބުނީމެއްނު. އަހަންނަށް އެ ނިޝާން ޖަހައިދެވޭނީ ރައްޓެހިވާން އެއްބަސްވީމައޭ. ނިޝާންތައް ޖަހައިފި ނަމަ ޝަމް ބޭނުން ނޫނަސް އަހަރެން ޝަމްއަށް ބޭނުންވުމުން އަހަރެން ބޭނުންކަމެއް ކުރަން ޖެހޭނޭ. ޝަމް ބުނީމެއްނު އާއެކޭ. އެހުރިހާ ކަމަކަށް އެއްބަސްވީމެއްނުދޯ. އޭރު ޝަމް މޫދަށް ފިނައިލުމަށް ފަހު މައްޗަށް ނާރާ ލަސްވެގެން ފަރޭ ފަތައިފަ އަހަރުމެންނާ ދިމާއަށް އަންނަތަން ފެނުމުން އަހަރެން ބޭނުންވީ އެތަނުންދާން. އެހެންވެ އަވަސް އަރުވާލައިފަ އަހަންނަށް ޝަމްގެ ފައިގައި ނިޝާން ޖަހައިދެވުނީ ހަމަ ކިރިޔާ. އޭރު ފަރޭ އައިސް ޝަމް އާ ހަމަކުރަނީ." އެދުވަހުގެ ކަންތައްވީ ގޮތް މިކާޝް ތަފްސީލުކޮށްދެމުން ދިޔައެވެ.
"އާނ! ހަނދާންވެއްޖެ. ވަރަށް ސާފުކޮށް ހަނދާންވެއްޖެ. އަހަރެން ވަރަށް މަސައްކަތްކުރިން އެކަން ހަނދާންކުރަން... ހަމަ އެއްގޮތަކަށް ވެސް އޭރު ހަނދާނެއް ނުވި. ސޮރީ އިނގޭ އަހަންނަށް މިއަދާއި އޭގެ ފަހުން ކަންތައް ކުރެވުނު ގޮތާމެދު! ޕްލީޒް ފޮގިވްމީ ޕްލީޒް." އައިޝަމް ދެ އަތް ގާތްކޮށްލަމުން މައާފަށް އެދެމުން މޫނުމަތިން އެ މަންޒަރުތައް ސިފަކޮށްދެމުން ދިޔައެވެ.
"ހެއް! ކޮބާ އަހަރެން ބުނިގޮތަކަށްނު މިވީ. ޝަމް ހަމަ މައާފަށް އެދުނީނުދޯ." މިކާޝް ހިންދެމިލަމުން ހަމަޖެހުމުގެ ނޭވާ އެއްލިއެވެ.
"ޝަމް އަށް އެނގޭތަ ތިޔަ ނިޝާންތަކުގެ ސަބަބުން ޝަމްއަށް ފައިދާތަކެއް ކުރާކަން." މިކާޝް އައިޝަމްގެ މޫނަށް ބަލައިލިއެވެ.
ޖަވާބުގައި އައިޝަމް ބޯ ހޫރާލިއެވެ.
"ޝަމް އަށް ނޭނގުނަސް ތިޔަ ނިޝާންތަކުން ޝަމްއަށް ވަރަށް ފައިދާކުރާނެ. މިއުޅޭ ކޫސަނި ބަލިބަލި ޝަމް އަކަށް ނުޖެހޭނެ. ދެން ތި ނިޝާންތައް ރޮލާ ހުއްޓާ އަތްލި ކޮންމެ މީހެއްގެ ހިއްސުތައް ވަރުގަދަވެ ބާރު ޖެހޭނެ. ހިމޭ އަތްލި އެއްނު އެހެން ހުއްޓާ އެދުވަހު. އެހެންވެ ހިމޭގެ ލޮލުގެ ފެނުން އަނބުރާ އިޢާދަވެ އޭނާއަށް ދުރުފެންނަންފެށީ. ދެން ވިސްނުމާއި ސިކުނޑި ތަރައްގީވެ ކަންކަމަށް ލޯ ހުޅުވުނީ ވެސް. އަސްލު ތިކަމުން އެންމެ ފައިދާ ކުރި މީހަކީ ހިމޭ. ޝަމް އަށް އަދި ނޭނގޭ ކަމެއް ބުނަންތަ؟" މިކާޝް ވާހަކަ ހުއްޓައިލަމުން ހިންދިރުވާލިއެވެ.
އައިޝަމްގެ ލޮލާއި މޫނުމަތިން ކޮންކަމެއްހޭ ސުވާލުކޮށްލާ ފަދައަކުން ބަލައިލިއެވެ.
"މިއަދު އެކަންޏެއް ނޫން ޝަމްއާ އެކު އަހަރެން މިކަންކުރީ. ޝަމްގެ ބޭއިހުތިޔާރުގައި ނަމަވެސް އަހަންނަށް ޝަމް މި ކަންތައް މިހާރު ދެތިންފަހަރަކު ކޮށްދީފި. އެންމެ ފުރަތަމަ ކުރީން ސުނާމީ ބިނާ ހުރިތާ ކައިރީ އޮތް ތުނޑީގައި. އެރޭ ޝަމް ބޭނުންވީ އިރުއަރަންދެން އެގޮތުގައި އުޅެން. އަހަރެން ބުނި އިރުއަރާއިރަށް އަހަރެން އެތަނުން އެދުވަހު ދާންޖެހޭނޭ ވެސް! އެކަމަކުވެސް.... ހަނދާންވެއްޖެ ދޯ!" މިކާޝް އައިޝަމަށް ކަންކަން ހިނގައިފާވާ ގޮތްތައް ސާފުކޮށްދެމުން ދިޔައެވެ.
"ހޫމް!" އައިޝަމް ބޯޖަހައިލިއެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދައުރުކޮށްލިއެވެ.
މީހާގެ ނިތްކުރިމަތިން ދަލުގެ ކުލަވަރު ފާއްދާލިއެވެ.
"ކަންބޮޑު ނުވޭ. އަހަރުމެންގެ އެ ގުޅުންތަކުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް. އެކަން އެހައިހިސާބުން އެނިމުނީ." މިކާޝް އޯގާތެރިކަމާއެކު އައިޝަމްގެ ބޮލުގައި ފިރުމާލަދިނެވެ.
"ޝަމްއަށް އެނގޭތަ، ޝަމްގެ އަތްތިލަ އަކީ ވަރަށް ބާރުވެރި އަތްތިލަ އެއްކަން؟ އަތްތިލައިގެ ބަނޑުފުށުގައި އާދަޔާ ޚިލާފު ބާރުވެރިކަމެއް ހުންނަކަން؟"
މިކާޝް ބޭނުންވީ މައުޟޫޢު ބަދަލުކޮށް ކުރިން ވާހަކަދެކެވެމުން ދިޔަ މިސްރާބަށް ޖެހިލާށެވެ.
"ޝަމްގެ އަތުގެ ހުދުހަން ގަނޑުގަ ހުންނަ އެބާރުވެރިކަން އަންނާނީ އެކަން ކުރުމަށް ޝަމް މަސައްކަތް ކުރީމަ! މީހާ ބޮޑުވަމުން ދިޔަވަރަކަށް ބާރުވެރިކަން އިތުރުވާނެ. އެކަންތައްތައް ކޮންޓްރޯލް ކުރާނީ ސިކުނޑިން. ހުރިހާ ވެސް އެއްޗަކީ ސިކުނޑި. ލަކުނުތައް ފައިގަ ހުރީމަ ލިބޭނެ އެއް ފައިދާއަކީ އައިޝަމް ބޭނުންތަނަކަށް ދުވެފައި ދެވޭނެ. ވެހިކަލެއް ނެތަސް ދުވަމުން ދުވަމުން ބާރު ސްޕީޑެއްގައި ދަތުރު ކުރެވޭނެ. މޫދުގެ ސަތަހައިގެ މަތީގައި ވެސް ދަތުރުކުރެވޭނެ. އެއް ރަށުން އަނެއް ރަށަށް ވެސް ދެވޭނެ. އެކަމު މިކަންވެސް ކޮންޓްރޯލްކޮށް މިބާރުވެރިކަން ވެސް ހޯދޭނީ އަމިއްލަ ސިކުނޑިން އެކަން ކުރަން މަސައްކަތްކުރީމަ. ޓަސްލާފަ މިބާރުވެރި ކަމެއް ނުލިބޭނެ. ކުޑަކުޑަ މަސައްކަތެއް ކުރީމަ އިސާހިތަކު ތިޔައީ ބާރުވެރިއަކަށް ވެދާނެ. މިކަމުގައި އަހަރެން އެހީތެރިވެދޭނަން." މިކާޝްގެ ވާހަކަތަކަށް ގެއްލި ހުއްޓިފައި އައިޝަމް އިނެވެ.
މަޑުމަޑުން ދެއަތްތިލައިގެ ހުދުހަމަށް ބަލައިވެނީ ބޭއިހުތިޔާރުގައެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އާދަޔާ ހިލާފު އަސަރުތަކެއް ކުރެވެމުން ދިޔައެވެ. މަޑުމަޑުން މީހަކު އޭނާގެ ނަމުން ގޮވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
"ފަރޭ އާއި ހިމޭ، ޝަމް ކުއްލިއަކަށް ގެއްލިގެން ހޯދަނީ. ދެން ފަހުން ދިމާވީމަ ކިޔައިދޭނަން. ހިނގައިދާން! ލަސްވެއްޖެ ނަމަ ގޯސްވެދާނެ. ޝަމްގެ މަންމައަށް ގުޅައިފިއްޔާ ހުރިހާކަމެއް ގޯހުން ގޯހަށްދާނީ. އަވަހަށް ހިނގާ! ފަހުން ދިމާވާއިރަކުން ބާކީ ކިޔައިދޭނަން!" އަވަސް އަރުވާލާފައި އައިޝަމްގެ ގައިގައި މިކާޝް ބައްދާލިއެވެ.
އެއާއެކު ވީނުވީ އެއް ނޭނގި ކުއްލިއަކަށް ތަނެއްގައި ފައިޖެހުމުން ބަލައިލިއިރު ކުޑަބަނޑޮހުގެ ފާހާނާތައް ހަދާފައިވާ އިމާރާތުގެ ފުރާޅު މަތީގައި ފައިޖެހުނީއެވެ. މިކާޝް ބާރުބާރަށް ބައްދާލުމުން ލިބުނީ ކުއްލި ސިހުމެކެވެ. ލޯހުޅުވާލެވުނު އިރު ހުރީ ކުޑަބަނޑޮހުގެ ފާހާނާ ކައިރީ ހުރި ދިއްގާގަހުގެ ބުޑުގައެވެ.
"ލަވް ޔޫ މިރޭ ސުނާމީބިނާ ކައިރިން... އަންނާނަން... އިންތިޒާރު ކުރާތި ހިމޭ ތިހިރަ އަންނަނީ. ދަނީ!" މިކާޝް ލޮލު ކޮޅަށް އޮބައިލަންދެން އައިޝަމް ބަލަން ހުއްޓެވެ. ހުއްޓުން އަރާފައެވެ.
"މި ކަންތައް ވީ ގޮތަކީ." އައިޝަމް ވާހަކަ ކިޔައިދީ ނިންމާލިއެވެ.
"އިންޓަރެސްޓިން، ހީވަނީ ވާހަކައެއް ހެން. ސޯ، މަ ފުރީމަ ވާނުވާ އަންގާލައްޗެ. ދެރައީ މާދަމާރޭ ފުރަން ޖެހޭތީދޯ." ހިމޭޝް މާނޭވާއެއް ދޫކޮށްލިއެވެ.
އައިޝަމަށް ހަނދާނުގެ ވާދީ ތެރެއިން ނިކުމެވުނީ ފޯނު ރިންގުވާ އަޑަށެވެ. ހިމޭޝްގެ ކޯލު ކުރުކޮށްލުމަށްފަހު، ސްކުރީނުގައިވާ ނަމަށް ބަލައިލެވުނެވެ. އެއީ ގުޅީ އައިރީންއެވެ.
"މިރޭ ވަރަށް ވިއްސާރައެއްނުދޯ! ސޯ މާދަމާ ރެޔަށް އޯކޭ ވަރަށް ނިދި އައިސްގެން ނިދަނީ އިނގޭ. ބައި ލަވް ޔޫ." އައިޝަމް އަވަސް އަރުވާލާފައި ފޯނު ބޭއްވިއެވެ.
******
އިރުކޮޅެއް ފަހުން އައިޝަމް އޮތީ ގަދަ ނިދީގެ ތެރެއަށް ގެނބި މަރުވެފައެވެ.
"ހެލޯ، ލަވިން ސުނާމީ... ކޮން ފިކުރެއްގަ. އެނގޭ އިންތިޒާރުގައި ކަން." އައިޝަމް ސިހިފައި ފަހަތް ބަލައިލީ މިކާޝްގެ އަޑު އިވުމުންނެވެ.
އެކަކު ވެސް ފެންނާކަށް ނެތެވެ. އެހެނަސް އަޑުއައީ ފަހަތުންނެވެ. އައިޝަމް ވަށައިގެން ހޯދައިލީ ވެސް އެހެންވީމައެވެ.
"މަތި ބަލައިބަ." މަޑުމަޑުން އިސްއުފުލާ ސުނާމީ ބިނާގެ ދަގަނޑު ބޯޅަތަކަށް ނަޒަރު ހުއްޓައިލިއެވެ. މިކާޝް އިށީނދެލައިގެން އިނީ އެއިން ބޯޅައެއްގައެވެ. ދެފައި ތިރިއަށް އެލުވައިލައިގެން ފައިން ހެއްލަމުންނެވެ.
"ކިހިނެއް ތިތަނަށް އަރައި ތި އިނީ؟ ވެއްޓިދާނެއްނު." އައިޝަމް ދެއަތް މައްޗަށް ދިއްކޮށްލިއެވެ.
"އާދޭ ޝަމް ވެސް މި ތަނަށް." މިކާޝް ހިނިތުންވެލިއެވެ.
"އަހަރެން ކިހިނެއް؟ ކޮޕުންނަށް ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ. މާދަމާ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާނެ." އައިޝަމް ދެކޮޅު ހެދިއެވެ.
"އަހަރެން ބުނާގޮތެއް ހަދައިބަ. އޭރުން އެއްވެސް ކަމެއް ނުވާނެ."
އާއެކޭ ބުނުމުގެ ގޮތުން އައިޝަމް ބޯޖަހައިލިއެވެ.
"ލޯ މަރައިފަ ދެއަތް ތިރިއަށް ހުޅުވައިލާ. ހުދުހަން ބިންގަނޑާ ދިމާއަށް ވާގޮތަށް. ދެން، ދާން ބޭނުންވާތަން ހިތުލަމުން ކަކުލުން ހަރަކާތްކޮށް ކުޑަކޮށް ފުންމާލާ ގޮތް ހަދައިލަ. އޭރުން އޯކޭ ވާނެ." މިކާޝް ބޯޅައިގެ މަތީގައި ބަނޑުޖަހައިލާ އުޅަނބޮށި ވިއްދައިލަމުން ހިނިތުންވެލިއެވެ.
އައިޝަމް ވެސް ބޭނުންވީ އަޖުމަ ބަލައިލާށެވެ. ކަމެއް ވޭތޯއެވެ. އޭނާ ދެލޯ މަރައިލީ އެކަން ވާނެކަމުގެ އެއްވެސް އުއްމީދެއް އޮވެގެންނެއް ނޫނެވެ. ދެލޯ މަރައިލަމުން ދެ އަތުގެ ބަނޑުފުށް ހާމަވާނެހެން ބިމާ ދިމާކޮށްލިއެވެ. ކަކުލަށް ގެނައި ހަރަކާތާއެކު މަޑުމަޑުން މައްޗަށް އަރާކަހަލަ ގޮތެއް ވިއެވެ. ނަމަވެސް، މީހާ އަރިއަޅައިލިއެވެ. މިކާޝް ހޭންފެށިއެވެ. އައިޝަމަށް ވީ ގޮތް ފެނުމުންނެވެ. (ނުނިމޭ)