ބޮލީވުޑް

"ޖުގް ޖުގް ޖިޔޯ"ގައި ވަރުން، ކިއާރާ އަދި ނީތޫ

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު، ދިލްޖީތު ދޮސާންޖް އާއި ކިއާރާ އަދުވާނީ 2019 ގައި ކުޅުނު "ގުޑް ނިއުޒް"ގެ ބޮޑު ކާމިޔާބަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ރާޖް މެހެތާ އާ ފިލްމެއް ފަށަން ތައްޔާރުވެއްޖެ އެވެ. މިފަހަރުގެ ފިލްމުގައި ވެސް ކުރީ ފިލްމު ގޮތަށް ގިނަ އަދަދެއްގެ ތަރިން ބައިވެރިކުރަން ވަނީ ހަމަޖެހިފަ އެވެ.

"ޖުގް ޖުގް ޖިޔޯ"ގެ ނަން ދީފައިވާ މި ފިލްމުގެ ތަރިންނަކީ ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އަދި އަނިލް ކަޕޫރާއި ނީތޫ ސިންގް އެވެ. މިއީ ވެސް ހާލަތާ ގުޅޭ ކޮމެޑީ މަންޒަރުތަކެއް ފެންނާނެ އާއިލީ ޑްރާމާ އެކެވެ.

ފިލްމުގައި ފެންނާނީ މުޅިން ދެ ޖެނެރޭޝަނަކަށް ނިސްބަތްވާ ދެ ޖޯޑެއްގެ ހަޔާތުގައި ހިނގާ މަޖާ ކަންތައް ތަކެކެވެ.
ފިލްމު އުފައްދާ ފަރާތުން މިހާޜު ރާވާފައިވަނީ ޗަންދީގަޅްގެ އަސްލު ލޮކޭޝަން ތަކެއްގައި ފިލްމުގެ ބޮޑު ބައި ޝޫޓްކުރުމަށްފަހު މުމްބައިގައި ކުދިކުދި ބައިތަކެއް ޝޫޓް ކުރުމަށެވެ. އަދި އިންޑިޔާ އިން ބޭރު ކޮންމެވެސް ގައުމެއްގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގަން ވަނީ ހަމަޖެހިފަ އެވެ. ސަބަބަކީ ވަރުންގެ ކެރެކްޓާ އަކީ ބޭރު ގައުމެއްގައި ދިރިއުޅޭ އިންޑިޔާ މީހެއްގެ ކެރެކްޓާ އަކަށް ވާތީ އެވެ.

މި ފިލްމަށް އިތުރު ތަރިއަކު އަދި ކާސްޓް ކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެއީ ކޮންމެ އެކްޓަރެއްކަން އަދި އިއުލާނެއް ނުކުރެ އެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ރާޖް މެހެތާ އުފެއްދި ފުރަތަމަ ފިލްމު "ގުޑް ނިއުޒް" ޕްރޮޑިއުސްކުރީ ވެސް ދަރްމާ އިންނެވެ.