ލައިފްސްޓައިލް

ހުސްފަޔާ ގޮސް ބަލިމީހުން ބަލާ، 87 އަހަރުގެ ޑޮކްޓަރެއް

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށްވާތީ ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުން ރަނގަޅު ނޫން ކަމަށް ސިއްހީ މާހިރުން ބުނާތީ ވަރަށް ގިނަ ބަޔަކަށް ގޭތެރޭގައި ތިބެން ވަނީ މަޖްބޫރުވެފަ އެވެ. މިގޮތަށް ތިބެ ތިބެ ބައެއް މީހުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްގެން ބަލިމަޑުކަން ތަންކޮޅެއް މައިތިރިވިޔަސް ގޭން ބޭރަށް ނުކުންނަން ބިރުން ނުނިކުމެ އެބަތިއްބެވެ.

މިފަދަ މީހުންގެ ޚިދުމަތުގައި ރެޔާ ދުވާލު ހޭދަކޮށްލާ ހިތްވަރުގަދަ އެކަކީ އިންޑިޔާގެ މަހަރަޝްތުރާގެ ޗަންދުރަޕޫރު ޑިސްޓްރިކްޓްގައި ދިރިއުޅޭ އުމުރުން މިހާރު 87 އަހަރުވެފައިވާ ޑޮކްޓަރެކެވެ. އެންމެ ދުރު އަދި އެކަހެރި އަވަށްތަކުގައި ތިބޭ ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި މި ޑޮކްޓަރު ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ.

ކޮންމެ ދުވަހަކުވެސް 10 ކިލޯމީޓަރު ހާ ސަރަހައްދަކަށް މި ޑޮކްޓަރު ދަތުރުކޮށް ބަލި މީހުންނަށް ފަރުވާ ދެއެވެ. އަދި އެވެސް ހުސްފަޔާ ހިނގާފަ އެވެ. މުލް، ޕޮމްބުރްނާ، ބަލްހާރްޝާހް އަވަށުގެ މީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރު މިގޮތަށް މަސައްކަތް ކުރާތާ މިހާޜު 60 އަހަރު ވެއްޖެ އެވެ.

އިންޑިޔާގެ ނިއުސް އެޖެންސީއެއް ކަމަށްވާ އޭއެންއައި އިން ކޮށްފައިވާ ޓުވީޓެއްގައިވާ ގޮތުން ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ވެސް މި ހޯމޯޕެތިކް ޑޮކްޓަރު ވަނީ އެތައް ބަޔަކަށް ފަރުވާ ދީ ފުރާނަ ސަލާމަތް ކޮށްދީފަ އެވެ.
މި ޑޮކްޓަރުގެ ފަރުވާ އާއްމުކޮށް ދެނީ ފައިސާ ދީގެން ޑޮކްޓަރަށް ދެއްކޭނެ ފަދަ އެއް ނެތް ފަގީރު ނިކަމެތިންނަށެވެ.
އޭއެންއައި އާ ވާހަކަ ދައްކަމުން ހޯމޮޕެޓިކް ޑޮކްޓަރު ރާމަޗަންދުރަން ޑަނޭކަރް ބުނީ ފާއިތުވީ 60 އަހަރު އޭނާ ވަނީ މި އަވަށްތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކޮށް ބަލި މީހުންނަށް ފަރުވާ ދީފަ އެވެ. ކޮވިޑް-19ގެ ބިރަށް ބައެއް ޑޮކްޓަރުން ފަގީރު ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓާލިނަމަވެސް އޭނާގެ އެކަހަލަ އެއްވެސް ބިރެއް ނެތް ކަމަށް ޑރ. ރާމަޗަންދުރަން ބުންޏެވެ.

"މިޒަމާނުގެ ޒުވާން ޑޮކްޓަރުން މަސައްކަތް ކުރަނީ ފައިސާއަށް. ފަގީރުންނަށް ޚިދުމަތްކޮށްދޭކަށް ބޭނުމެއް ނުވޭ،" ޑޮކްޓަރު ބުންޏެވެ.

ކޮރޯނާވައިރަހުގެ ބިރު އޮތަސް ޑޮކްޓަރު އެންމެ ކުރިންސުރެ އުޅެމުންދިޔަ ގޮތަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ހަމަ ކޮންމެ ދުވަހަކުވެސް އާދަވެގެން އެދާ ގޮތަށް އަވަށް އަވަށަށް ގޮސް ފަގީރު ނިކަމެތިންގެ ގޭގެއަށް ގޮސް އެމީހުންނަށް ފަރުވާ ދެމުން ގެންދެ އެވެ. އެހެންކަމުން މި ޑޮކްޓަރު ވެފައިވަނީ އެ އަވަށްތަކުގައި ދިރިއުޅޭ ނިކަމެތި ފަގީރުންގެ ކުރިމަތީގައި ވަރަށް ގަދަރާއި އިހްތިރާމް ލިބިގެންވާ އަދި އެމީހުން ވަރަށް ލޯބިވާ ޑޮކްޓަރަކަށެވެ.