އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށްފި

ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅަައިފި އެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ގުޅިގެންނެވެ.

އޭނާގެ މައްޗަށް ޕީޖީން ދައުވާ ކުރަން ނިންމާ އެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަން އިދިކޮޅު ކޯލިޝަނުން ވަނީ ޔަގީންކޮށްދީފައެވެ. އެ ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި އަމަލަކީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކުރި ކަމެއް ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެންބަރުންނަށް އިންޒާރު ދިނުމުގެ ގޮތުން ކަމަށްވެސް ހީނާ ސިފަ ކުރެއްވިއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހުވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައިވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައިވެއެވެ. އެ ދުވަހު އަބްދުއްރަހީމް ވަނީ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ.

ޕީޖީގެ އޮފިޝަލަކު ވިދާޅުވީ ދައުވާ ކުރަން ފޮނުވީ ފަނޑިޔާރަކާއި ގުޅޭގޮތުން އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމަށެވެ.