ސްވިޑިޝް ބަތަލާ އެލީ އާވްރާމް ބޮލީވުޑަށް ތައާރަފުވީ 2013 ގައި ރިލިޒްކުރި "މިކީ ވައިރަސް" އިން މަނީޝް ޕޯލް އާއެކުގަ އެވެ. އޭގެ ފަހުން ފާއިތުވީ ހަތް އަހަރު ތެރޭގައި އެލީ ވަނީ "މަލަންގް" އާއި ވެބް ސީރީޒް އެއް ކަމަށްވާ "ދަ ވާޑިކްޓް ސްޓޭޓް ވާސަސް ނާނާވަތީ" ގައި މަސައްކަތް ކޮށްފަ އެވެ.
އިންޑިޔާގެ އޮންލައިން ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އެލީ ބުނީ ކާސްޓިން ޑައިރެކްޓަރުން އޭނާއަށް ގުޅަން ފެށީ "ނާނާވަތީ" އާއި "މަލަންގް" ގައި އޭނާ ހިންދީ ބަހުން ވާހަކަ ދައްކާތަން ފެނިގެންނެވެ. އަދި މިހާރު ވަރަށް ރަނގަޅު ފިލްމުތަކެއް ކުޅެން ލިބިފައިވާ ކަމަށް އެލީ ބުންޏެވެ.
އެލީ އަކީ ފިލްމީ އާއިލާއަކާ އެއްވެސް ގުޅުމެއްނެތް މުޅިން ބޭރުން ބޮލިވުޑަށް ވަދެފައިވާ އެކްޓަރަކަށް ވާތީ އޭނާއަށް ކަންކަން ކުރަންވީ ގޮތް ކިޔައިދޭނެ މީހެއް އަދި މަގުދައްކާނެ މީހެއް ވެސް ނެތް ކަމަށް އެލީ ބުންޏެވެ.
"ބައެއް ފަހަރު ހަދާނެ ގޮތް ހުސްވެގެން ހިތަށް އަރާ އަވަހަށް ފޮށީތަންމަތި ހިފައިގެން މައިންބަފައިންނާއި އެކުވެރިން ކައިރިއަށް ދާންވިއްޔޭ ވެސް،" އެލީ ބުންޏެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ހިންދީ ފިލްމު އިންޑަސްޓްރީގެ އެތެރޭގެ މީހުންނާއި ބޭރުން އަންނަ މީހުންނަށް ހުރި ތަފާތު ކުރުންތަކުގެ ވާހަކަ ވަރަށް ބޮޑު ބަހުސަކަށް ވެފައިވާއިރު އެލީގެ ތަޖުރިބާ ވެސް އެހާ ރަނގަޅެއް ނޫނެވެ.
"ބޮލީވުޑަކީ އެހާ ފަސޭހާ ތަނެއް ނޫން އުޅޭކަށް. އަދިވެސް އަމިއްލަ ގެއަށް އާދެވުމުން ކުރެވޭ ކަހަލަ އިހްސާސެއް އިހްސާސެއް ނުކުރެވޭ. މިތަނުގައި އުޅެން ބޭނުންނަމަ އެމީހަކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ވަރުގަދަ މީހަކަށް ވާން ޖެހޭނެ،" އެލީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޝޯ ބިޒްނަސް އަކީ ވަރަށް ކުރަން އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި "ބަނޑުހައި ވެފައިވާ" ވަރަށް ގިނަ މީހުން ކަޅިއަޅައިގެން ތިބޭ ކަމަށް އެލީ ބުންޏެވެ.