ބޮލީވުޑް

"ޑާލިންގްސް"ގައި އާލިއާގެ މަންމަގެ ރޯލަށް ޝިފާލީ

ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް އިން ޕްރޮޑިއުސްކުރާ ޑާލިންގްސްގައި އާލިއާ ބަޓްގެ މަންމަގެ ރޯލު ކުޅޭ ބަތަލާ އަކަށް ޝިފާލީ ޝާހް ހަމަޖައްސަން އުޅޭ ކަމަށް އިންޑިޔާގެ ބައެއް އޮންލައިން ނޫސްތަކުން ބުނެފި އެވެ.

"ޑާލިންގްސް"އަކީ "ގަލީ ބޯއީ"އަށް ފަހު އާލިއާ އާއި ވިޖޭ ވަރުމާ އެކުގައި ފެންނާނެ ފިލްމެކެވެ. އަންހެން ކެރެކްޓާއަށް ބޮޑު ސަމާލުކަމެއް ދީގެން އުފައްދާ މި ފިލްމުގައި އާލިއާ ކުޅެނީ ވިޖޭގެ ކެރެކްޓާގެ އަންހެނުންގެ ރޯލު ކަމަށް ވެއެވެ.

މި ފިލްމު ޝިފާލީ އަށް ހުށަހަޅައި އޭނާއަށް ސްކްރިޕްޓް ކަމުގޮސްގެން ފިލްމު ކުޅެދޭން އެއްބަސް ވެފައިވާ ކަމަށާއި ޝިފާލީގެ ރޯލު ފިލްމުގައި ވަރަށް މުހިއްމު ކަމަށް ޚަބަރުތައް ބުނެ އެވެ. ސަބަބަކީ މި ފިލްމަކީ އަނބިމީހާ އަށް އަނިޔާކުރާ ފިރިއެއްގެ ވާހަކަ ދައްކުވައިދޭ ފިލްމަކަށް ވެފައި ޝިފާލީ އާއި އާލިއާގެ ކެރެކްޓާއަށް ވަރަށް ވަރުގަދަ ރޯލުތަކެއް ފިލްމުގައި ހިމެނޭތީ އެވެ.

ފިލްމުގައި ދައްކާނީ ވިޖޭ ވަރުމާ ކިޑްނެޕްކުރުމުން މަންމައާއި އަންހެންދަރިފުޅުގެ ހަޔާތު އެފުށް މިފުށަށް ޖެހޭ ގޮތެވެ.
އަނުރާގް ކަޝޭޕްގެ "ޗޯކްޑް"ގައި މުހިއްމު ރޯލެއް ކުޅުނު ރޯޝަން މެތިއު ވެސް މިހާރު ވަނީ "ޑާލިންގްސް" ގައި ބައިވެރިވެފަ އެވެ.

މި ފިލްމުގެ ޝޫޓިން 2021 ގެ ޖެނުއަރީގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.