ޝާހްރުކް ހާން

ޝާހްރުކްގެ "ޑާލިންގްސް"ގެ ބަތަލާއަކަށް އާލިއާ ބަޓް

ޝާހްރުކް ޚާނާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެ 2016 ގައި ރިލީޒްކޮށްފައިވާ "ޑިއާ ޒިންދަގީ"އަށް ވަރަށް ރަނގަޅު ތަރުހީބެއް ބެލުންތެރިންނާއި ފާޑުކިޔުންތެރިން ދީފައި ވެއެވެ. މި ދެ ތަރިން ގުޅިގެން "ޑާލިންގްސް" ކިޔާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް ކުރީ ފިލްމުގައި ގޮތަށް މިފަހަރުގެ ފިލްމުގައި ޝާހްރުކް އާއެކު އާލިއާ އެކްޓްކުރާ ތަނެއް ނުފެންނާނެ އެވެ. ސަބަބަކީ މި ފިލްމުގައި ޝާޙްރުކް ބައިވެރިވަނީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަމަށް ވާތީ އެވެ.

މި ފިލްމުގައި ކިޔައިދޭނީ މެދުފަންތީގެ އާއިލާއެއްގެ މަންމަ އަކާއި އަންހެންދަރިއެއްގެ ހަޔާތުގައި ދިމާވި ކަންތައް ތަކެކެވެ.

ޝާހްރުކްގެ ރެޑް ޗިލީޒް އިން އުފައްދާ މި ފިލްމުގެ ސްކްރިޕްޓް އާލިއާ އަށް ކިޔައިދީފައިވާއިރު އޭނާ މި ފިލްމާ ވަރަށް ގަޔާވެ ފިލްމުގައި ބައިވެރިވާން އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މިއީ ޖަސްމީތު ކޭ ރީން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ބައެއް ފިލްމުތަކުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަޔާއި ޗީފް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ޖަސްމީތު މަސައްކަތް ކޮށްފައި ވެއެވެ. އަދި "ފޯސް 2" އާއި "ފަންނޭ ޚާން"، "ޕަތީ ޕަތުނީ އައުރް ވޯ" އަކީ ޖަސްލީނު ލިޔުންތެރިއެއްގެ ގޮތުގައި ލިޔެފައި ހުރި ވާހަކަ ތަކެކެވެ.

އާލިއާގެ އިތުރުން "ޑާލިންގްސް"ގައި ބައިވެރިވަނީ ޝެފާލީ ޝާހް، ވިޖޭ ވަރުމާ، ރޯޝަން މެތިއު އެވެ. ފިލްމުގައި މަންމަ އާއި ދަރިފުޅުގެ ރޯލު ކުޅޭނީ އާލިއާ އާއި ޝެފާލީ އެވެ.

ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި "ޑާލިންގްސް" ރަސްމީކޮށް އިއުލާންކުރާނެ އެވެ. އަދި ފިލްމުގެ ޝޫޓިންގް އަހަރުގެ މެދެއްހާ ހިސާބުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޑާލިންގްސް"ގެ އިތުރުން ވެސް ޝާހްރުކްގެ ފިލްމު ކުންފުނިން ގިނަ ފިލްމުތަކެއްގެ މަސައްކަތް މިހާޜު ކުރިޔަށް އެބަ ގެންދެ އެވެ. އޭގެ ތެރޭގައި ބޮބީ ޑެއޯލް، ވިކްރާންތު މެސީ އަދި ސާނިއާ މަލްހޯތުރާގެ "ލަވް ހޮސެޓެލް"، އަބީޝެކް ބައްޗަންގެ "ބޮބް ބިސްވާސް" ހިމެނެ އެވެ.