ލައިފްސްޓައިލް

ކެކިކެކި ހުންނަ ތެޔޮ ތާހަށް އަތްލާ މީހެއް

ކެއްކުމަކީ ބައެއް ފަހަރު ނުރައްކާ ކަންކަން ވެސް ހިނގާ ކަމެކެވެ. ބަދިގޭގައި ހިނގާ އެކްސިޑެންޓްތައް ގިނައިރު ހޫނު އެއްޗެއް ގަޔަށް އެޅިގެން ނުވަތަ ހޫނު އެއްޗެއްގައި އަތް ޖެހިގެން އެކި ތަންތަން ފިހޭ މީހުން ވެސް މަދެއް ނޫނެވެ. ޚާއްސަކޮށް އެއްޗެތި ތެލުލާއިރު ބޭނުންކުރާ ތެޔޮގަނޑު ބަންޑުން ގޮސްގެން ނުވަތަ އެއަށް އަތް ލެވިގެން ވަރަށް ގިނަ ފަހަރު މީހުންގެ ތަންތަން ފިހޭކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް އެއްޗެތި ތެއްލަ ތެއްލާ ހުރެފައި އެ ތެޔޮގަނޑުގެ ތެރެއަށް މީހަކު އަތްކޮއްޕާލައިގެން އެ މީހާގެ އަތަށް އެއްވެސް ކަމެއް ނުވެ ހުރެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ފަހަރެއްގައި މިއީ ބުއްދިއަށް ގަބޫލުކުރަން ދަތި ކަމަކަށް ވިޔަސް މިއީ ހަމަ ހަގީގަތެކެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ވީޑިއޯއަކުން ފެންނަނީ އަންހެނަކު ކާއެއްޗެހިތަކެއް ތެލުލަން ހުއްޓަ އެވެ. ތެލުލަންހުރި އިރު އެމީހާގެ އަތް ކެކިކެކި ހުރި ތެޔޮގަނޑަށް ބާނާ ހަދާތަން ފެނެ އެވެ. އަދި ތެލުލެވޭ އެއްޗެތި އެ މީހާ ނަގަމުން ދަނީ ވެސް އަމިއްލަ އަތުންނެވެ.

މި އަންހެންމީހާ ބުނަނީ ޓޮންގް (ގިނަފަތި) ން އެއްޗެތި ނަގާނީ ބަލި ގަބޫލުކުރާ މީހުން ކަމަށެވެ.

ވީޑިއޯގައި ފެންނަނީ ބޮޑު ތާހެއް ކައިރީގައި އެއްޗެހި ތެލުލަން ހުންނަ މި އަންހެންމީހާ ޓޮންގް ނުވަތަ އެނޫންވެސް ތެލުލާ އެއްޗެތި ނަގަން ގެންގުޅޭ އެއްޗެއް ބޭނުން ނުކޮށް އޭނާގެ އަތުން އެ އެއްޗެތި ތާހަށް އަޅައި ނަގާ ހަދާތަނެވެ. އަދި ތާހުގައި ހުންނަ އެއްޗެތި އެފުށް މިފުށަށް ޖަހާ ހަދަން ވެސް އަންހެންމީހާ ބޭނުންކުރަނީ އޭނާގެ އަތެވެ. އަދި ތެޔޮގަނޑަށް އަތްލުމުން އޭނާއަށް އެއްވެސް ކަމެއް ނުވާކަން ދެއްކުމުގެ ގޮތުން އެއްފަހަރު ތެޔޮގަނޑަށް އަތްކޮއްޕާފައި ތެޔޮ ނަގާ ތަން ވެސް ވީޑިއޯގައި ފެނެ އެވެ.

މި މަންޒަރު ބަލާފައި ވެސް ތެޔޮގަނޑު ހޫނުވާނެ ވަރާއި އާދައިގެ މީހެއްގެ ގައިގައި އެގެން ތެޔޮކޮޅެއް ޖެހިއްޖެނަމަ އަޅާނެ ވޭން އިހްސާސް ކުރެވޭނެ އެވެ. ނަމަވެސް މި އަންހެންމީހާއަކަށް މި ތެލުން އެއްވެސް ކަހަލަ ތަދެއް އިހްސާސް ކުރެވޭ ކަމަކަށް ނުވެ އެވެ.

މިމަންޒަރު ބަލާފައި ކޮމެންޓުކުރި ގިނަ މީހުން ބުނަނި އެމީހުންނަށް ޝޮކެއް ލިބިފައިވާ ކަމަށެވެ. އަދި އަންހެންމީހާ މިކުރާ ކަންތަކަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.