ހަބަރު

މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ބޮޑެތި ތުހުމަތު ތަކާއެކު ފަނޑިޔާރު ކަމުން ވަކި ކުރަން ނިންމާފައިވާ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އިސްތިއުފާ ދެއްވައިފި އެވެ.

ޝުކޫރު އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލާ އޭނާ ވަކި ކުރަން ނިންމާފައިވަނިކޮށެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުކޫރު މެޖިސްޓްރޭޓެއް ގޮތުގައި ހުންނަވައި ހައްޔަރު ކުރެވިފައިވާ ފަރާތެއްގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލު ކުރައްވާ އޭނާާ ދިން ސިޓީ އުރައަކާއި ހަވާލު ވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ބަލާ އޭނާ ވަކި ކުރަން ނިންމާފައިވަނީ އިއްޔެ އެވެ. ނަމަވެސް އޭނާ ވަނީ މިއަދު އިސްތިއުފާގެ ސިޓީ ޖޭއެސްސީ އަށް ހުށަހަޅާފަ އެވެ.