ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ޝަރުއީ އަދި ގާނޫނީ ދާއިރާއަށް އިސްލާހު ގެނެސް ސިޔާސީ ވަކިތަކުން ޖޭއެސްސީ މިނިވަން ކޮށްދޭނީ ޕީޕީއެމުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ފަސް އަަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރި ކުރައްވާ މިއަދު އާންމު ކުރެއްވިި މެސެޖެއްގައެވެ. މިއަދަކީ ޕީޕީއެމްގެ ނުވަވަނަ އަހަރީ ދުވަހެވެ.
ވަކީލުންގެ ބައްދަލްވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބް ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ރައީސް ޔާމީންގެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިން ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅު ނޫންކަމަށް އިޝާރާތް ކުރައްވާ އަލުން ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ސިޔާސީ ނުފޫޒުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން މިންޖު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ އަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް. މާތް ﷲ ގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާއަށް މާނަވީ އިސްލާހްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށް ދެވޭނެ. ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ. މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ،" ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
މިއަދު ބައްދަލްވުމަށްފަހު ޖަމީލް ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކު ކަމަށެވެ. ރާއްޖޭގެ ތަރައްގީގައި އެ މަނިކުފާނު ގެންނެވި އުޖާލާ އުންމީދު މިއަދު ފާހަގަ ކުރެވެނީ، ތާރީހުން ނުފެންނަ ވަރުގެ ބިޔަ ބޮޑު ތަރައްގީއެއްގެ ގޮތުގައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.