ލައިފްސްޓައިލް

ރުފިޔާއަކަށް މެންދުރު ކެއުން ދޭ ރެސްޓޯރެންޓެއް

ރެސްޓޯރަންޓަކަށް ގޮސް އެންމެ ރުފިޔާ އަކަށް ބަނޑު ފުރާ ކެވިދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ އިންޑިޔާގެ ދިއްލީގެ ބޫތުވާލީ ގަލީގައި ހުންނަ "ނަންގްލޯއީ ޝާމް ރަސޯއީ" އިން ހެނދުނު 11.00 އާއި މެންދުރު 1.00 އާ ދެމެދު އެއް ރުފިޔާ އަށް ކެއުމެއް ލިބެ އެވެ.

އެ ރެސްޓޯރަންޓުގެ ބޭރުގައި މި ވަގުތުތަކުގައި ދިގު ކިއުތައް ދަމާލާފައި އޮންނަނީ އެތަނުން ވިއްކާ ކެއުން އެންމެ ރުފިޔާ އަކަށް ލިބޭތީ އެވެ. މި ކެއުން ހޯދަން ކިއުގައި ޖެހެނީ ހަމައެކަނި ފަގީރުންނެއް ނޫނެވެ. ފުދޭ ވަރަކަށް ލިބޭ މީހުން ވެސް އެއް ރުފިޔާގެ ކެއުން ހޯދަން ކިއުގައި ތިބެ އެވެ.

މި ރެސްޓޯރަންޓް ހިންގުމާ ޕްރަވީން ކުމާރު ގޯޔަލް ކިޔާ މީހަކު ހަވާލުވިތާ މިވީ އެންމެ ދެ މަސް ދުވަހެވެ. އިންޑިޔާގެ ނޫސް އެޖެންސީއަކަށް ޕްރަވިން ކިޔައިދިން ގޮތުގައި ކޮންމެ ދުވަހަކު 1،000 އާއި 1،100 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ރެސްޓޯރަންޓުން ކާއެއްޗެތި ފޯރުކޮށްދެ އެވެ. އަދި އެ ހިސާބުގަނޑުގައި ދިރިއުޅޭ އޮޓޯ ރިކްޝާ ދުއްވާ މީހުންނާއި އެނޫންވެސް މީހުންނަށް ކާތަކެތި ބަހާ ދެއެވެ. މި ހުރިހާ މީހުން އެއްކޮށްލުމުން ދުވާލަކު 2،000 ވަރަކަށް މީހުންނަށް އެ ރެސްޓޯރަންޓުން މެންދުރުކެއުން ދޭ ކަމަށް އޭނާ ބުންޏެވެ.

މި ރެސްޓޯރަންޓުން މިގޮތަށް ގާތްގަނޑަކަށް ހިލޭ ކާ އެއްޗެތި ބަހާތީ ބައެއް މީހުން ރެސްޓޯރަންޓަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

"އިއްޔެ އައި ވަރަށް ދުވަސްވެފައި ހުރި އަންހެނެއް. އޭނާ އައީ ކާޑުގެ ބާވަތްތައް ހިފައިގެން ހަދިޔާކުރަން. އެގޮތަށް ބައެއް މީހުން އެބަ އެއްޗެތި ހަދިޔާ ކުރޭ ރެސްޓޯރަންޓަށް. އެހެން މީހަކު ގޮދަން ފުށް ގެނެސްދިން. އަދި ޑިޖިޓަލް ކޮށް ބައެއް މީހުން ފައިސާގެ އެހީވެސް ވޭ. އަދި އިތުރު ހަތް ދުވަހު މިގޮތަށް ރެސްޓޯރަންޓް ހިންގޭ ވަރުގެ ކުޅަދާނަކަން އަހަރެމެންގެ އެބަހުރި،" ޕްރަވިން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރެސްޓޯރަންޓަށް ކާޑާއި އެނޫންވެސް ކާ އެއްޗެތި ތައްޔާރުކުރަން ބޭނުންވާ އެއްޗެހި ހަދިޔާކުރުމަކީ އޭނާ ވަރަށް އެދޭ ކަމެކެވެ.

ރެސްޓޯރަންޓުން އެއް ރުފިޔާ އަށް ބަހާ ކާ އެއްޗެތި ތައްޔާރުކުރުމުގައި ޕްރަވިން ގެންގުޅެނީ ހަ މީހެކެވެ. މީގެން ކޮންމެ މީހަކަށް ދުވާލަކަށް 300-400 ރުޕީސްގެ އުޖޫރައެއް ދެއެވެ. އަދި ކޮލެޖުތަކާއި މަދަރުސާތަކުގައި ކިޔަވާ ބައެއް ދަރިވަރުން ވެސް އޭނާއަށް އެހީތެރިވާން އަންނަ ކަމަށް ޕްރަވިން ބުންޏެވެ.

ކުރިން ޕްރަވިން ތާލީ (ބަތާއި ރިހަ އެކުލެވޭ ކެއުމެއް އަޅާފައި ހުންނަ ތައްޓެއް) ވިއްކަނީ 10 ރުފިޔާ އަށެވެ. ނަމަވެސް އެއް ރުފިޔާ އަށް މި ކެއުން ވިއްކާތާ ދެ މަސް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.
"އެއް ރުފިޔާ އަށް އަގު ކުޑަ ކުރީ ގިނަ މީހުންގެ ސަމާލުކަން ހޯދަން. މި އެންމެންނަށް ތިބެވޭ ވަރުގެ ތަނެއް ހޯދަދިނީ ވިޔަފާރިވެރިއަކު،" ޕްރަވީން ބުންޏެވެ.

ޕްރަވީންގެ ރެސްޓޯރަންޓުން ދޭ މެންދުރުގެ ކެއުމުގައި އާންމުކޮށް ހުންނަނީ ބަތާއި ރޮށި އަދި ސޯޔާ ރިހަކޮޅަކާއި ޕަނީރް، ސޯޔާބީން އަދި ހަލުވާ އެވެ. މި މެނޫ ކޮންމެ ދުވަހަކުވެސް ބަދަލުވެ އެވެ.

މިކަން ކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށް ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ތިބިއިރު މިގޮތަށް އެއް އިރު ވެސް ބަނޑުފުރާ ކާލަން ލިބުމަކީ އެފަދަ ގިނަ ބަޔަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށް ވާނެ ކަމަށް ޕްރަވީން ގަބޫލު ކުރެ އެވެ.