ލައިފްސްޓައިލް

ހިތްހަމަނުޖެހިގެން މާސިޑީޒްގައި ރޯކޮށްލައިފި

އިންޓަނެޓުގައި ބައެއް ދުވަސް ދުވަހު ވަރަށް އަޖައިބުވާ ކަހަލަ ވީޑިއޯތައް ވައިރަލް ވެގެން އުޅެ އެވެ. ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދަން ބައެއް މީހުންކުރާ ބޯގޯސް ކަންތައްތައް ވެސް މިފަދަ ބައެއް ވީޑިއޯތަކުން ފެނެ އެވެ.

އެގޮތުން އިއްޔެ ދައުރުވީ ވީޑިއޯއެއްގައި ފެންނަނީ ކާރުގެ އެންމެ އަގު ބޮޑު އެއްވައްތަރު ކަމަށްވާ މާސިޑީޒް އެއްގައި މީހަކު ރޯކޮށްލައިގެން އުޅޭ މަންޒަރެކެވެ. ބުއްދި ހަމަޖެހޭ މީހަކު އެހާ އަގު ބޮޑު ކާރެއްގައި ރޯކޮށްލަފާނެ ކަމަށް ގަބޫލު ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް ރަޝިޔާގެ މި ޔޫޓިއުބު ސެންސޭޝަން އަށް މީ އެއްވެސް ކަމަކަށް ނުވި އެވެ.

މިކައިލް ލިޓްވިން ނުވަތަ މީޝާގެ ނަމުން މަޝްހޫރުވެފައިވާ ކާރުގެ ފަހަތު ބައިން ގޭސޮލީން ހަންތަކެއް ނަގައިގެން އައިސް ކާރަށް އޮއްސާލައި އޭގައި ހުޅުޖަހާ މަންޒަރު މި ވީޑިއޯ ގައި ފެނެ އެވެ.

އޭނާ ކާރުގައި ރޯކޮށްލީ އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އެ ކާރުގައި އޭނާ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރެގެނެވެ. ނަމަވެސް މި މީހާ އަށް ފާޑުކިޔާ ކޮމެންޓުކުރި ގިނަ މީހުން ބުނެފައި ވަނީ މިއީ ޔޫޓިއުބުގައި އޭނާ ފޮލޯކުރާ މީހުންނާއި އޭނާގެ ވީޑިއޯތައް ބަލާ މީހުން އިތުރު ކުރުމަށް އޭނާ ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މިކައިލްގެ ޔޫޓިއުބު ޗެނަލް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު ފަސް މިލިއަނަށް ވުރެ އިތުރެވެ. އަދި އޭނާ ކާރުގައި ރޯކޮށްލުމުން ކާރު އަނދާ އަޅިޔަށްވީ މަންޒަރު އަށް މިލިއަން މީހުން ބަލާފައި ވެއެވެ.