ރަޝިޔާގެ އާޓް ގެލެރީއެއްގައި ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކު ފޫހިވެގެން އެ ތާނގައި ހުރި އަގު ބޮޑު ޕެއިންޓިން ތަކެއްގައި ބޯލްޕޮއިންޓް ގަލަމަކުން ލޯ ކުރަހައިފި އެވެ. މި ކުރެހުންތަކަކީ ހަތް ކްރޯޑުގެ އަގުހުރި ކުރެހުން ތަކެކެވެ.
އެލެކްޒެންޑާ ވަސިލިއޭވް ނަމަކަށް ކިޔާ 63 އަހަރުގެ މި ސެކިއުރިޓީ ގާޑު ގަލަމުން ކުރެހި ޕެއިންޓިން ތަކުގެ ތެރޭގައި ރަޝިޔާގެ މަޝްހޫރު ކުރެހުންތެރިޔާ އަނާ ލެޕޯސްގަޔާގެ ކުރެހުންތައް ހިމެނެ އެވެ.
ސެކިއުރިޓީ ގާޑު މިކަން ކުރި ސަބަބެއް ނޭނގެ އެވެ. ނަމަވެސް މިއީ އޭނާ ކުރި ކަމެއްކަން ޔަގީން ކުރެވުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
އެލެކްޒެންޑާ މިކަމެއް ކުރީ އޭނާ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހު އެވެ. މިކަން ކުރި ސަބަބު ކިޔައި ދެމުން އޭނާ ބުނެފައި ވަނީ އެއީ އެ އާޓް ގެލެރީއަށް އައި ސްކޫލް ކުދިންތަކެއް ދެއްކި ވާހަކައެއް އަޑުއަހާފައި ކުރަން ހިތަށް އެރި ކަމެއް ކަމަށެވެ.
"އެކުދިން އެތާ ތިބެ އެ ކުރެހުން ތަކަށް ބަލަބަލާފައި ކީ މިކަހަލަ ކްލެސިކް ޕެއިންޓިންތަކުގައި ލޮލާއި އަނގަ ނުހުންނަ ވާހަކަ އާއި އެހެންވެ އެ އެއްޗެއް ވަރަށް ޕްލެއިން ކުރެހުންތަކެއްގެ ގޮތުގައި ފެންނަ ވާހަކަ. އަހަންނަށް ވެސް އެ ކުރެހުންތަކަށް ބެލީމަ އުނދަގޫވި. އެއަށް ނުބަލަން ހުއްޓަސް އެކަމަކު ހަމަ ބެލެނީ. އެހެންވެ ކުރެވުނު ކަމެއް އެއީ،" ރަޝިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ސެކިއުރިޓީ ގާޑު ބުނެފައި ވެއެވެ.
ސެކިއުރިޓީ ގާޑު އިތުރަށް ބުނީ އޭނާއަށް ގަލަމެއް ދީފައި އެ ކުރެހުންތަކުގައި ލޮލާއި އަނގަ ކުރަހަން ބުނީ އެ ސްކޫލްކުދިންތައް ކަމަށެވެ.
"ތިއީ މިތާ މަސައްކަތް ކުރާ މީހެއް ނޫންހޭ. އެހެންވީމަ އެ ޕެއިންޓިންތަކުގައި ލޯ ކުރަހާށޭ،" އެ ކުދިން އޭނާ ކައިރީ ބުނި ކަމަށް ވެއެވެ.
އެލްގްޒެންޑާ އިތުރަށް ބުނީ އޭނާ ހީކުރީ އެއީ އެކުދިން ކުރަހާފައި ހުރި ކުރެހުންތަކެއް ކަމަށް ކަމަށެވެ. އަދި އޭނާ އެކުދިން ކައިރީގައި އެއީ އެމީހުން ކުރެހި އެއްޗެއްތޯ ސުވާލު ކުރުމުން އެކުދިން އާނއެކޭ ވެސް ބުނި ކަމަށް ވެއެވެ.
ޓީންއޭޖް ފުރައިގެ ސްކޫލްކުދިންތަކެއް ސަމާސާއަށް ދެއްކި ވާހަކައެއް ތެދެއްކަމަށް ގަބޫލުކުރެވި އެ ޕެއިންޓިންތަކުގައި ލޯ ކުރެހީ ކަމަށް ސެކިއުރިޓީ ގާޑު ބުންޏެވެ.
މިހާރު މި ޕެއިންޓިންތައް ވަނީ ގަލަމުން ކުރަހާފައިވާ ތަންތަން ފުހެ އަލުން ރީތިކުރަން ގެންގޮއްސަ އެވެ. މިކަމަށް ވެސް އެތައް ލައްކަ އެއް ޚަރަދުވާނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.