ލައިފްސްޓައިލް

މަހުޖަނަކު ބެންކެއްގެ މުވައްޒަފުންނަށް އަދަބު ދީފި

ޗައިނާގެ މަހުޖަނަކު އޭނާގެ ބެންކް އެކައުންޓުގައި ހުރި އެތައް މިލިއަނެއް ނަގުދު ފައިސާގެ ގޮތުގައި ބެންކުން ނަގަން އެދި، އަދި އެ ހުރިހާ ފައިސާ ކޮންމެ ގަނޑެއް ވަކިވަކިން ގުނަން ބޭންކުގެ މުވައްޒަފުންނަށް ޖައްސައިފި އެވެ. މިއީ ބޭންކު މުވައްޒަފުންނާ އަރާރުން ވެފައި އެމީހުންނަށް އަދަބު ދިނުމުގެ ގޮތުން އޭނާ ޖެއްސި މަސައްކަތެކެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ބޭންކު މުވައްޒަފުން ހޭވައްޓާލާފައި އެ މީހާގެ ފައިސާތައް ގުނަމުންދާތަން ފެނެ އެވެ. ކޮންމެ ކަސްޓަމަކަރަށް ދުވާލަކަށް އެ ބެންކުން ދޫކުރާ އެންމެ ގިނަ އަދަދެއްގެ ފައިސާ މި މީހާ ވަނީ ބެންކުން ނަގަން އެދިފަ އެވެ. އެއީ ފަސް މިލިއަން ޔުއާން އެވެ. އަދި މި މީހާ އެދިފައި ވަނީ އެ ހުރިހާ ފައިސާ ކޮންމެ ނޫޓެއް ވަކިން ގުނާފައި އޭނާއަށް ދިނުމަށެވެ.

ބެންކުގެ މުވައްޒަފުން ކައިރީ މި މަހުޖަނު ބުނި ކަމަށް ވަނީ ބެންކް އެކައުންޓުގައި ހުރި ހުރިހާ ފައިސާ ހުސްވަން ދެން ކޮންމެ ދުވަހަކު ވެސް ފައިސާ ނަގަން ދާނެ ކަމަށެވެ.

ޗައިނާގެ ސޯޝަލް މިޑިއާ "ވެއިބޯގައި އެ މީހާ ހުޅުވާފައިވާ އެކައުންޓަކުންއޭނާ ލިޔެފައިވާ ގޮތުގައި މިގޮތަށް ބޭންކުގައި ހުރި ހުރިހާ ފައިސާއެއް ނަގަން ގަސްތުކުރީ އަދި ބެންކު މުވައްޒަފުން ލައްވާ ހުރިހާ ފައިސާ ގުނަން ޖެއްސީ އެމީހުންގެ އަމަލުތައް ހުރި ގޮތުން އައި ރުޅިންނެވެ.

ނަމަވެސް ބެންކުގެ އޮފިޝަލުން ވިދާޅުވީ އެމީހާ ރުޅިއައީ އޭނާ ކައިރީގައި ބޭންކުގެ ބޭރު ދޮރު ކައިރީގައި ހުރި ސެކިއުރިޓީ ގާޑު މާސްކް އަޅަން ބުނެގެނެވެ.

މިކަމާ ގުޅޭ ގޮތުން އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާތީ އަސްލު މިކަން ވެގެން އުޅޭގޮތް ސާފު ނުވާ ކަމަށް ޗައިނާގެ މީޑިއާ އިން ބުނެފައި ވެއެވެ. ބޭންކުގައި ފައިސާ ގުނާނެ މެޝިނެއް ހުއްޓަސް މި މީހާ ބޭނުން ވަނީ އަތުން ގުނާފައި ފައިސާ ދޭށެވެ.

މި ފައިސާގެ މުއާމަލާތް ކޮށްފައި ވަނީ ޗައިނާގެ ޝަންހާއީގެ ހޮންގްމެއި ރޯޑުގައި ހުންނަ ބޭންކް އޮފް ޝަންހާއީގައެވެ.