ލައިފްސްޓައިލް

ސާރިދޯޅެއް ދެކެ ބިރުން 10 ދުވަސްވަން ގަސްތަކުގައި ކުރީގައި

ރަޝިއާގެ ޒުވާން ދެމަފިރިއަކަށް ސާރިދޯޅެއްގެ އުނދަގޫ ކުރިމަތިވެ ގަސް ގަހުގެ ކުރީގައި 10 ދުވަސް ވަންދެން ހޭދަކޮށްފި އެވެ.

މި ބިރުވެރި ތަޖުރިބާ އެމީހުން ކޮށްފައިވަނީ ކާނެ ބޯނެ އެއްވެސް އެއްޗެއް ނެތި ބަނޑުހައިހޫނުކަމުގައި ތިބެގެންނެވެ. ސާރިދޯޅުގެ ޝިކާރައަކަށް ވެދާނެތީ ބިންމައްޗަށް ފައިބަން ބިރުން މި ދެ މީހުން އެތައް ދުވަހެއް ހޭދަކުރީ ގަސް ގަހުގެ އޮފިތަކުގައި އެލިގެން ތިބެ އެވެ.

އެންޓަން އާއި ނީނާ ބޮގްޑަނޯވް އެ ދުވަހު އެ މީހުންގެ މިޓްސުބުޝީ ޕަޖޭރޯގައި ނިކުތީ ރަޝިއާގެ އުތުރުގައި އޮންނަ ބަންނިޔޭ ކިޔާ ހިސާބެއްގައި ދުއްވާލާށެވެ. ކަމްޗަޓްކާ ރީޖަންގައި އޮންނަ މި ހިސާބުން އެމީހުން ދުއްވި ވެހިކަލް ޗަކަގަނޑަކަށް ގަބައިގަތީ އެވެ. އެމީހުން އެރޭ ހަތަރުދަމު ހޭދަކުރީ ވެހިކަލްގެ ތެރޭގަ އެވެ. ހެނދުނު ވުމުން އެމީހުން ތިބި ޓޫރިސްޓުން ކޭމްޕް ސައިޓަށް ދިއުމަށް ދަތުރުފެށި އެވެ. އެމީހުންގެ ވެހިކަލް ޗަކަގަނޑުން ނަގަން އެހީތެރިކަން ހޯދުމަށެވެ.

ވަށައިގެން ޖަންގަލި އޮންނަ އެހިސާބަކީ ސާރިދޯޅު ވަރަށް ގިނައިން އުޅޭ ހިސާބެއްކަން އެމީހުންނަށް އެނގުނަސް މޯބައިލް ފޯނުގެ ސިގްނަލް ނުލިބޭތީ އެހީ ހޯދަން އިތުރު ގޮތެއް ނެތިގެން އެމީހުން ވެހިކަލް ދޫކޮށްލާފައި ހިނގަން ފެށީ އެވެ. އެމީހުން ހިނގައިގަންނަމުން ވެހިކަލްގެ ވިންޑްސްކްރީނުގައި "ދެ މީހުން، ޓޫރިސްޓުން ތިބޭ ކޭމްޕަށް ދާން ހިނގަނީ" ކަމަށް ލިޔުނެވެ. އެއީ އެމީހުން ހޯދަމުން ބަޔަކު އެ ހިސާބަށް އަތުވެއްޖެނަމަ އެމީހުން ވީ ތަނެއް އަންގައިދިނުމުގެ ގޮތުން ކުރި ކަމެކެވެ.

އެމީހުން ކޭމްޕާ ދިމާލަށް ހިނގަމުން ދަނިކޮށް އެމީހުން ފަހަތުން ސާރިދޯޅެއް އަޅުވާލި އެވެ. އެންމެ ކުރިން އެމީހުންނަށް އެމީހުން ފަހަތުން ސާރިދޯޅެއް އަންނަކަމެއް ނުވިސްނުނެވެ. ސަބަބަކީ އެ ސޮރު ވެސް އައީ އަޑެއް ބަޑެއް އިއްވާ ނުލައި ވަރަށް މަޑުމަޑުން ކަމަށް ވާތީ އެވެ.

އެމީހުންނަށް ސާރިދޯޅި ފަހަތުން އެބަ އަންނަކަން އެނގުމާއެކު އެސޮރު ބިރުގަންނަވާލަން ވަރަށް މަސައްކަތް ކުރި އެވެ. ސާރިދޯޅު ވެސް ބިރުގަންނަ ގޮތް ދައްކާލާ ފަހަތަށް ޖެހުނެވެ. އެސޮރު ބިރުގަންނަވާލުމުގައި އެމީހުންނަށް ކާމިޔާބު ވެއްޖެކަން ދެއްކުމުގެ ގޮތުންނެވެ. ނަމަވެސް އިރުކޮޅަކުން އެ މީހުން ފަހާ ދުއްވައި ގަތެވެ. އެ ދެ މީހުން ދުވަމުން ގޮސް ތިރިއަށް ފައިބަން އޮތް ތަނަކުން ފައިބައިގެން ގޮސް ކޯރަކަށް ފުންމާލި އެވެ.

ނީނާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އަށް ސާރިދޯޅުގެ ހަމަލަ ދެންމެ ދެންމެ އަރާފާނެ ހެން ހީވާހާ ކައިރިއަށް ވެސް އެސޮރު އެއްފަހަރު އައެވެ. އެ ފަހަރު އޭނާ ސަލާމަތްވީ އަތުގައި އޮތް ފެންފުޅި އެސޮރާ ދިމާލަށް އެއްލުމުން ކުޑަކޮށް އެ ސޮރުގެ ސަމާލުކަން އެމީހުންގެ ފަރާތުން ގެއްލުނު ވަގުތު އޭނާ އާއި ފިރިމީހާ އެތާ ހުރި ގަހަކަށް އެރިކަމުންނެވެ.

ނީނާ ބުނި ގޮތުގައި ގަހުގެ ވަށައިގެން މުގޯލި އަޅާލަ އަޅާލަ އެ ސާރިދޯޅު ދެ ދުވަސް ވަންދެން އުޅުނެވެ. އެ ދެ ދުވަހު އެމީހުން ނިދީ ވެސް ޑިއުޓީ ބަހައިގެން އެކަކު ނިދާފައި ހޭލީމަ އަނެކަކު އެވެ.

ދެ ދުވަސް ފަހުން ސާރިދޯޅު ތަންކޮޅެއް ދުރަށް ދިޔަ ވަގުތެއްގައި އެމީހުން ދުވެފައި ގޮސް އަނެއްކާވެސް ކޯރަށް ފުންމާލީ އެވެ. ނަމަވެސް އެމީހުންގެ ފަސް ފަހަތުން ސާރިދޯޅު އެބަ އުޅޭކަން އެމީހުންނަށް އެނގޭތީ ހިނގާފައި އެއްވެސް ތަނަކަށް ދާން ނުކެރި އަނެއްކާވެސް ގަހަކަށް އެރީ އެވެ. މިގޮތަށް އެތައް ދުވަހެއް ފަހުން އެމީހުން ދުއްވި ވެހިކަލް އޮތް ތަނަށް އަނެއްކާވެސް އެމީހުންނަށް ދެވުނެވެ. އޭރު އެމީހުން ހޯދަން ނުކުމެ އުޅޭ ބައެއް ވެހިކަލްތައް ވެސް އެހިސާބަށް އަންނަނީ އެވެ.

ދެމަފިރިން ބުނި ގޮތުގައި ސާރިދޯޅަށް ބިރުން ގަސް ގަހުގައި އެމީހުން 10 ވަރަކަށް ދުވަސް ހޭދަކުރި އެވެ. އެމީހުން ހޯދަން އުޅުނު މީހުންނަށް އެމީހުން ފެނިގެން ސަލާމަތްކުރީ 10 ދުވަސް ފަހުންނެވެ. އެ 10 ދުވަހު އެމީހުން ފުރާނަ ސަލާމަތްކުރާށާއި ބަނޑުފުރާނަ މުއްތި ކުރަން ވަރަށް ގިނަ ކަންތައްތައް ކުރިކަމަށް އެ ދެމަފިރިން ބުންޏެވެ. އަދި މިއީ ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭ ވަރުގެ ބިރުވެރި ހާދިސާއެއް ކަމަށް ވެސް ނީނާ އާއި އޭނާގެ ފިރިމީހާ ބުންޏެވެ.