ލައިފްސްޓައިލް

ސައިބީރިޔާ ޒޫގައި ލަވަކިޔާ މިނިކާވަގެއް

ސައިބީރިޔާގެ ސިޓީއެއް ކަމަށްވާ ބާނޯލްގައި އޮތް ވަރަށް ޅަ މިނިކާވަގެއް ވަރަށް ބޮޑަށް މަޝްހޫރު ވެއްޖެ އެވެ. އަދި އެ ސޮރު ދެކިލަން އެ ޒުލަށް ކޮންމެ ދުވަހަކު ވެސް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ސޯޝަލް މީޑިއާގައި ވެސް މި މިނިކާވަގަށް މިހާރު ވަރަށް ބޮޑު މަގްބޫލުކަމެއް ވަނީ ލިބިފަ އެވެ. މި މިނިކާވަގު އެހާ ބޮޑަށް މަޝްހޫރު ވެގެން އުޅޭ ސަބަބަކީ މި ސޮރުގެ ކަރުބުޑުން ނެރޭ އަޑަކުން އެ ސޮރު ލަވަ ކިޔަނީ ހެން ހީވާތީ އެވެ.

ޒޫގެ އޮފިޝަލުންނާ ހަވާލާދީ އޭބީސީ ނިއުސް އިން ބުނެފައިވާ ގޮތުގައި އަށް މަހުގެ މި މިނިކާވަގު އެ އަޑު ލައްވަނީ ކޮންމެހެން ކަރު ފަދަ ތަނަކަށް ތަދުވާތީއެއް ނޫނެވެ. މިއީ އެހެން މީހުންގެ ސަމާލުކަން ހޯދަން އެ ސޮރު ލައްވާ އަޑެކެވެ.

ފޮރެސްޓް ފެއަރީ ޓޭލް ޒޫ ބަލަހައްޓާ މީހުން ބުނި ގޮތުގައި އުފަންވިއްސުރެ ވެސް މި މިނިކާވަގު ލަވަ ކިޔަ އެވެ. މިސޮރު އަނގައިން މި އަޑުއަޑު ފުރަތަމަ ނެރެން ފެށީ އެ ސޮރުގެ މަންމަގެ ސަމާލުކަން ހޯދާށެވެ.

މިނިކާވަގު ލަވަކިޔަނީ

މި މިނިކާވަގު ލަވަކިޔާލެއް މާ ފުރިހަމައެއް ނޫނެވެ. ނަމަވެސް މިއީ މިނިކާވަގެއްގެ އަނގައިން ދުވަހަކުވެސް ނީވޭ ކަހަލަ އަޑަކަށް ވާތީ މިސޮރުގެ އަޑަށް މިހާ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ އެވެ.

ޒޫގެ ވަޒީފާގައި އުޅޭ މީހަކު ބުނަނީ މި މިނިކާވަގަކީ މިހާރު ތަސައްރަފު ފުދޭ އުމުރަށް އަޅާފައިވާ އެއްޗެކެވެ. އެހެންވެ އެ ސޮރުގެ އަޑަށް ބަދަލު އަންނަމުންދާއިރު މި އަޑު ލެއްވުމުން އިތުރު ވޭރިއޭޝަންތައް އަޑަށް އަންނަނީ އެވެ.

"އަސްލު މިނިކާވަގުގެ ވޯކަލް ކޯޑު ފަރުމާވެފައި ހުންނަނީ އެހާ ބާރަށް ހަޅޭއްލެވޭ ގޮތަކަށް ނޫން. މި މިނިކާވަގު އެ އަޑު ނެރެނީ ކޮންމެހެން ތަނަކަށް ތަދުވާތީއެއް ނޫން. މިއީ އުފަން ވީއްސުރެ ކަހަލަ ގޮތަކަށް އެ ސޮރު ލައްވާ އަޑުތަކެއް. އެއީ އެސޮރުގެ މަންމަ ވިހޭ އެންމެ ކުދިކުދި މިނިކާވަގުތަކުގެ ގިނައިން މަންމަގެ ސަމާލުކަން އެސޮރަށް ހުއްޓަން ލައްވާ އަޑެއް،" ޒޫ ބަލަހައްޓާ މީހާ ބުންޏެވެ.

މި އަމޫރް ޓައިގާ ކަބް އުފަންވީ ޖޫން 2020ގަ އެވެ. މި މިނިކާވަގަކީ އެސޮރުގެ މަންމަ އެ ފަހަރު ވިހޭ ހަތަރު އެތިން އެކައްޗެވެ.

އަމޫރް ޓައިގާ އަކީ ދުނިޔޭގައި އުޅޭ އެންމެ ބޮޑެތިވާ ވައްތަރުގެ މިނިކާވަގެވެ. މިއީ ދުނިޔޭން ނެތިދިއުމުގެ ބިރު އެއް ދުވަސްވަރެއްގައި އޮތް ވައްތަރެކެވެ. ނަމަވެސް މިހާރު އަނެއްކާވެސް މަޑުމަޑުން މިސޮރުމެންގެ އާބާދީ އިތުރުވެ 600 މިނިކާވަގު މިހާރު ދުނިޔޭގައި އެބަ އުޅެ އެވެ. މިސޮރުމެން ދިރިއުޅެނީ ރަޝިޔާގެ އިރުމަތީގެ ވަރަށް ދުރު ހިސާބެއްގަ އެވެ.