ލައިފްސްޓައިލް

ރަޝިޔާ "ޕޮޕްއައި" މިހާރު ބޭނުމީ އޭލިއަން އަކަށް ވާން!

ޖިމް އަށް ގޮސް އާނޯލްޑް ޝްވެޒްނެގާގެ ހަށިގަނޑު ކަހަލަ ބިޔަ ވަރުގަދަ ހަށިގަނޑެއްގެ ވެރިއަކަށް ވާން މަސައްކަތްކުރާ މީހުންގެ ވާހަކަ ދޭތެރެ ދޭތެރެއިން އިވެ އެވެ. ނަމަވެސް ޖިމް އަށް ނުގޮސް ސާޖަރީ އާއި އެހެނިހެން ގޮތްގޮތުން ހަށިގަނޑުގެ އެކި ބައިތައް ވަރުގަދަ ކަމަށް ދައްކަން މަސައްކަތްކުރާ މީހެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟

ރަޝިޔާގެ މި މީހާ ފުރަތަމަ ބޭނުންވީ ޕޮޕްއައި ކާޓޫނުގައި ދައްކާ ޕޮޕްއައި ކެރެކްޓާގެ އަތުގެ މުލައްދަނޑި ހުންނަ ގޮތަށް މީނާގެ އަތުގެ ބައިސެޕްސް ބަހައްޓާށެވެ. އެހެންވެ އަތަށް ޕެޓްރޯލިއަމް ޖެލީ އިންޖެކްޓްކޮށްގެން ބައިސެޕްސް ފުއްޕާހަމެއް ވަރަށް ބޮޑު ކުރި އެވެ. ނަމަވެސް އެކަމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކާއި އެޅި ވޭނުން އެއީ "މޮޔަކަމުން" ކުރެވުނު ކަމެއްކަމަށް ފަހުން މި މީހާ އެއްބަސްވި އެވެ.

ނަމަވެސް އެއް ފަހަރު މޮޔަކަމެއް ކުރެވިގެން ވެސް މި މީހާ ހޭއަރާ ގޮތެއް ނުވި އެވެ. މިހާރު އަނެއްކާ ވެސް އާ ކަމެއް އޭނާ ވަނީ ފަށާފަ އެވެ. އޭލިއަން އެއްގެ ސިފަ ޖެހުމުގެ މަސައްކަތެވެ.

އޭލިއަން އަކަށް ސިފަ ބަދަލުކުރަން އެތައް ސާޖަރީ ހަދަން މި މީހާ ފަށާފައިވާއިރު މިއީ އޭނާގެ ފުރާނަ ހިނގައިދާނެ ވަރުގެ ބިރުވެރި އަދި ނުރައްކާތެރިކަމެއް ކަމަށް ޑޮކްޓަރުން ދަނީ މި މީހާއަށް އިންޒާރު ދެމުންނެވެ.

ކިރިލް ޓެރެޝިން ނަމަކަށް ކިޔާ މީހާއަކީ ޓިކްޓޮކްގައި މިހާރު ވަރަށް މަޝްހޫރު މީހެކެވެ. އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް ގޮސްފައި ވެއެވެ.

ކޮސްމެޓިކް ސާޖަރީތަކުން ފުރާނައަށް ނުރައްކާ ކަމަށް ޑޮކްޓަރުން އިންޒާރު ދިން ނަމަވެސް އޭނާ މިހާރު ވަނީ އޭލިއަން އެއްގެ ގޮތަކަށް މޫނުގެ ސިފަ ބަދަލުކޮށް މޫނުގެ އެއްބައި ބޮޑުކުރަން ސާޖަރީއެއް ހަދާފަ އެވެ. އަދި އޭނާގެ ތުންފަތާއި ކޯތާފަތް ފަދަ ތަންތަނަށް އައިސްފައިވާ ބަދަލު އޭނާ ފަހުން ވަނީ ދައްކާފަ އެވެ.

ސާޖަން ޑިމިޓްރީ މެލްނިކޯވް ވަނީ ޓްރެޝިން އަށް ވަރަށް ހަރުކަށި އިބާރާތުން އިންޒާޜު ކުރައްވާފަ އެވެ. އޭނާ ކަންތައްކުރާ ގޮތުން ހަށިގަނޑަށް ވިހަތައް ފެތުރި ކިޑްނީ ފެއިލްވެ މަރުވެދާނެކަމުގެ އިންޒާރެވެ.

ޓްރެޝިން ބުނަނީ ޑރ. ޑިމިޓްރީގެ އިންޒާރާއެކު ވެސް އޭނާ ބުނާ ގޮތަށް ކޮސްމެޓިކް ސާޖަރީތައް ހަދައިދޭނެ ޑޮކްޓަރުން ތިބީތީ އުފާކުރާ ކަމަށާއި ވަރަށް ނަސީބު ގަދަ މީހެއްގެ އިހްސާސް ކުރެވޭ ކަމަށެވެ.