އަދާލަތު ޕާޓީ

އާދަލަތުގެ ގައުމީ މަޖިލިސް ބާއްވަނީ

Oct 28, 2020
1

އަންނަ އަހަރުގެ ފެބުރުއަރީގައި އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް -- ކޮންގްރެސް -- ބާއްވަން އިއުލާނެއް ކޮށްފި އެވެ.

އެ އިއުލާނުގައި ވާ ގޮތުން އަންނަ އަހަރުގެ ފެބުރުއަރީ 26 އާއި 27 ގައި ބާއްވާ ގައުމީ މަޖިލީހުގައި އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވާނެ އެވެ. އެ ގޮތުން އެ ޕާޓީގެ ރައީސާއި ނައިބު ރައީސާއި ދާއިރާތަކުގެ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ.

އަދި އޭގެ އިތުރުން ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.

"... ގައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް އަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ. އެގޮތުން ގައުމީ މަޖިލީހުގައި އިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ." އެ ޕާޓީގެ އިއުލާންގައި ވެއެވެ.

މިހާރު ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދި ދަފުތަރުގައި 6،600 މެންބަރުން ތިބި އަދާލަތަކީ ފަހަކަށް އައިސް އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތެއް ހިންގާ ޕާޓީއެއް ނޫނެވެ. އެހެން ނަމަވެސް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރަށް ގިނައިން އިންޓަވިއުތައް ދެއްވާ ހައްދަވަ އެވެ.