ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުފާނު ކުރުމަށް ނިންމައިފި އެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އެ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ޝަހީބާއި ހޯރަފުށީ އަހްމަދު މޫސާ 48، އެވެ.
ޑްރަގް ނެޓްވޯކްގައި އިސްކޮށް ތިބި ދެ މީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އަހުމަދު މޫސާގެ ބަންދަށް ވަނީ އިތުރު މުއްދަތު ދީފައެވެ. ނަމަވެސް ޝަހީބް ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން އަމުރު ކުރީ ޝަރުތު ތަކަކާއެކުގަ އެވެ. ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ.
ފުލުހުން ބުނީ ޝަހީބުގެ ބަންދަށް ފުރަތަމަވެސް މުއްދަތު ޖެހީ އެ މައްސަލައާ ގުޅިގެން ހުށައެޅި ހެކިތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި މިއަދު ކޯޓުން އޭނާ ދޫކޮށްލީ އޭނާއާ ދެކޮޅަށް އިތުރު ހެކިތައް ހުށައަޅާފައިވަނިކޮށް ކަމަށެވެ. ކޯޓްގެ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.